ޚަބަރު

ވައުދުވީ ގޮތަށް ސްޓެލްކޯގެ އަންހެން މުވައްޒަފުންނަށް ނަމާދު ކުރާ ތަނެއް ހަދަނީ

ސްޓެލްކޯގެ އަންހެން މުވައްޒަފުން ނަމާދުކުރަން ހާއްސަ ތަނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް މުވައްޒަފުންނާ ބައްދަލުކުރައްވައި އަހުމަދު ޝަރީފު ވަނީ ހުރިހާ މުވައްޒަފުންވެސް ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓުމަށް ނަސޭހަތްތެރިވެފައި ކަމަށެވެ.

ފިރިހެން މުވައްޒަފުންނަށް ކުންފުނީގައި ނަމާދު ކުރާނެ އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން އެ އިންތިޒާމުތައް ހަމަޖެހިފައި ނެތްކަން ފާހަގަކުރައްވައި އެކަމަށް ހައްލު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވެފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

"އެގޮތަށް ވިިދާޅުވިތާ ތިން ވަރަކަށް ދުވަހުގެ ތެރޭގައި މި މަސައްކަތް ފެށިގެންދިއުމަކީ ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ނުހަނު ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމެއް،" ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި ގަޑިއަށާއި މަސައްކަތަށް ފަރުވާތެރިވުމަށާއި ކުންފުންޏަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏަކަށް ހެދުމަށް މަސައްކަތްކޮށްދިނުމަށް ވެސް ޝަރީފް އެދިވަޑައިގެންނެވި ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުޣުނީ ވަކިކޮށް އެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފު އައްޔަން ކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.