ފެށުނީއްސުރެ އަބަދުވެސް އިވޭ ވާހަކައެކެވެ. އަންހެނުންނާއި ފިރިހެނުންގެ ތަފާތުގެ ވާހަކައެވެ. އަންހެނުންގެ މަގާމާއި ފިރިހެނުންގެ މަގާމާ އަޅައި ނުކިޔޭނެ ވާހަކައެވެ. މުޖުތަމައުގައި އަންހެނުންގެ ރޯލު އޮންނަނީ ގޭތެރޭގައި، ގޭގެ ހަތަރުފާރުން އެތެރޭގައިކަމަށް ބުނާ ބުނުންތަކުގެ އަޑެވެ.

އަންހެނުންގެ ދާއިރާއަކީ ގޭގެ މާހައުލުގެ ތެރޭގައި އޮންނަ ދާއިރާއެއް ކަމަށް ކުރާ ދައުވާތަކުގެ ވާހަކައެވެ. މިހެން ގޮސް އަންހެނުންނާއި ފިރިހެނުންނާ ދުވަހަކުވެސް ހަމަހަމަ ނުކުރެވޭނެ އެތައް ބައިވަރު ތަފާތު ތަކެއްގެ ވާހަކައެވެ.

އަދުގެ ދުނިޔޭގައި ތަރައްގީވެ ތަމައްދުންވެ ތަހުޒީބުވެފައިވާ ގައުމުތަކުގައި އަންހެނުންގެ އެކިތަފާތު ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތައް ނުހަނު ގިނައެވެ. ކުރިއަރާފައިވާ މަގާމުތަކުގައި އަންހެނުންގެ ހިންގުންތެރިކަން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

އެހެންނަމަވެސް އަދިވެސް އަންހެނުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކެއް މަދެއް ނުވެއެވެ.

ނަސީބުގައި ހުރި ހިތާމައިގެ ބޮޑުކަމެވެ. އަންހެނުންނަށް ކޮންމެ ދުވަހެއްގެ ދިރިއުޅުން އަޒާބަކަށް ވެފައިވާ ކިތަންމެ ކަމެއް ފާހަގަ ކުރެވިފައިވެއެވެ. އޭގެ ތެރެއިން ދިހަވަރަކަށް ކަމަށް ބަލައިލަމާހެއްޔެވެ. މިއީ އަހަރެމެން އެންމެންހެން އެކަންތަކަކާ މެދު ހާއްސަކަމެއް ނުދޭ އެހެންނަމަވެސް ހަގީގަތުގައިވެސް މިކަންތަކުގެ މައުލޫމާތު ކޮންމެހެން އެނގެން ޖެހޭ ކަންތައްތަކެކެވެ. އަދި ހަމަ އެހެންމެ އަންހެނުންގެ ތެރޭގައިވެސް މިކަންތައްތަކަށް ސަމާލު ނުދެވޭ މީހުން މަދެއް ނޫނެވެ. މިފަދަ ކަންތައްތައް ދެނެގަނެ، އެކަންތަކުގެ އަސްލާއި ހައްލު އެނގުމަކީ ފައިދާބޮޑު ކަމެކެވެ. ހަމައެހެންމެ ކޮންމެވެސް ކަމަކުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވެވިދާނެވެސްމެއެވެ.

މިއީ ޒަމާނުއްސުރެ ދުނިޔޭގެ ހުރިހާ ދިމާއެއްގައިވެސް އަންހެނުންނަށް ކުރިމަތިވާ ވަރަށްބޮޑު ވޭނެކެވެ. ތުރާލެކެވެ. އެކަމަކު ކިތަންމެ ތަދުވެ ރިއްސިޔަސް މިއީ ލިބޭ ވޭނަށް ވުރެ އިހުސާސްކުރުވާ އުފާ ބޮޑު ކަމެކެވެ. މިއީ އަންހެނުންގެ ފަހުރުވެސްމެއެވެ.

އެއްވެސް އަންހެނަކަށް މިދުވަސްވަރު ނޫކުލަ ނުވަތަ އެހެން ކުލައެއް ފެނިފައިނުވެއެވެ. ލޭގެ ރަތްކުލަ ނޫން އެހެން ކުލައެއް ނުފެނެއެވެ. އެކަމަކު ރާނީން ނުވަތަ ބޮޑެތި މޮޅު މަޝްހޫރު މީހުންނަށް ހާއްސަ އެހެން ކުލައެއް ނޯންނަނީ ކީއްވެގެން ހެއްޔެވެ. ތަންދޮރު މާބޮޑަށް ނޭނގޭ ކުޑަ އަންހެންކުއްޖަކު މިފަދަ ގަމާރުމޮޔަ ސުވާލެއް އުފައްދައިފާނެއެވެ. އޭނާ އެހައިރާންވީ މިކަމުގައި ހުރިހާ އަންހެނުން ހަމަހަމަ ވާތީއެވެ. އެހެންކަމަށްވަންޏާ މިކަމުގަ މީހުންގެ ވިސްނުމާއި ދެކޭ ގޮތް ބަދަލުނުވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ.

ޅަފުރާގެ ބައެއް އަންހެންކުދިން މަހުގެ މިދުވަސްތައް ސުކޫލަށް ނުގޮސް ހޭދަ ކޮށްލަނީ ގޭގައި ކޮންމެވެސް ކަނެއްގައި ފިލައި ތިބެއެވެ. ސަބަބަކީ ސުކޫލުގައި މިދުވަސްތައް ހޭދަކުރާ ކުދިންނަށް ބައިވެރި ނުވެވޭ ހަރަކާތްތަކެއް ހުންނާތީކަމަށްވެއެވެ. އެހެންކަމުން އެންމެނަށްވެސް މިދުވަސްތަކުގައި ތިބި ކުދިން ފާހަގަ ކުރެވެއެވެ. އަދި އެކަންތައް އެނގުމުން ބައެއް ކުދީންގެ ދިމާކުރުންދެކެ ޖެހިލުންވެ ލަދުގަންނާތީ އެދުވަސްތަކުގައި ސުކޫލަށް ނުދިއުން އެންމެ ބުއްދިވެރި ގޮތް ކަމަށް އެކުދިން ތިބެނީ ފިލައިގެންނެވެ.

ކޮންމެއަކަސް މަދުވެގެން މަހަކު އެއްފަހަރު އަންހެނުންނާ ކުރިމަތިވާ މިބައްޔަކީ އެއްވެސް ވައިރަހެއް ނުވަތަ ބެކްޓީރިއާއަކުން ޖެހޭ ކަމެއް ނޫނެވެ. ބައެއް އަންހެނުންނަކީ މިދުވަސްތައް ވަރަށް ވޭނުގައި ހޭދަކުރާ މީހުންނެވެ. އަނެއްބައި އަންހެނުންނަށް މާބޮޑު ތަދުތަކެއް ނުވިނަމަވެސް މިއީ ކޮންމެ އަންހެނަކަށްވެސް ވަރަށް ވިސްނައިގެން ދުވަސްތަކާއި ރޭތައް ހޭދަކުރަން ޖެހޭ ކަމެކެވެ. ސާފުތާހިރުވުމުގައި ރައްކާތެރިވެގެން ތިބުމާއި ގަޑިންގަޑިއަށް އަމިއްލަ ހާލަތު ޗެކްކޮށް ސަމާލުވާން ޖެހެއެވެ. ހަމައެހެންމެ މިއީ ނަފުސާނީ ގޮތުންވެސް އަންހެނުން ވަރަށް ބަލިކަށި ކުރުވާ ކަމެއްވެސްމެއެވެ. ވަރަށް އަވަހަށް ހިތުގައި ޖެހި ދެރަވުމާއި އެހާ އަވަހަށް ކުދިކުދި އާދައިގެ ކަންތައްތަކާވެސް ރުޅިއައިސް ރުންކުރުވާގޮތްވެއެވެ. ފޫހިވުމާއި ރޭގަނޑުގެ އަރާމުނިދިންވެސް މަހުރޫމުވެފައި ނިދިނުނިދި ރޭތައް ހޭދަކުރަން ޖެހެއެވެ. ގާތްގަނޑަކަށް %100 ސައްތައިންސައްތައަށް ހުރިހާ އަންހެނުންވެސް ބުނާ އެއްވާހަކައެއް ހިއްސާކޮށްލާނަމެވެ. "މިބަލިން ސަލާމަތްވެ ފެންވަރައި ރީތިވެލައި ދުވަހުގެ ރޭ ހާދައަރާމުކޮށް ނިދާލެވެއެވެ.!" ހަމައެހެންމެ މިއީ ހުރިހާ އަންހެނުން ފަހުރުވެރިވާ ކަމެއްވެސް މެއެވެ. އެހެނީ މިއީ އަންހެނަކު އަންހެނެއްކަން ޔަގީންކޮށްދޭ އަދި ދަރިމައިވާނެ އަންހެނެއްކަން ދެނެގަނެވޭ ހެކިވެސްމެއެވެ.

ތިމާއާ ގުޅޭ ވައްތަރެއްގެ ނެޕްކިން ހޯދާށެވެ. އަދި ހަމަޖެހިލައިގެން އުޅެވޭނެހެން ދުރާލައި ރައްކާތެރިވާށެވެ.

ތަދުކަނޑުވާ، ކަމަށް ހާއްސަ ބޭސް ހުންނާނެއެވެ. އެބޭސް ބޭނުން ކުރުމުން ގެއްލުމެއް ނުވެ ތަދާއި ރިހުމުން ރައްކާތެރިވެވޭނެއެވެ.

މާފޮރުވިގެން އުޅުމުގެ އާދަ ދޫކޮށްލާށެވެ. އަނެކުންނަށް ބުނެދޭށެވެ. ހޭލުންތެރިކުރުވުމުގައި ކުރިއަށް ނުކުމެ ކެރިގެން ކުރިމަތިލާށެވެ.

އަމިއްލަ ނަފުސަށް އިތުބާރާއި ޔަގީންކަން ބޮޑުކުރާށެވެ. މިއީ ތިމާއަށް ދެއްވާފައިވާ ނިއުމަތެއްކަމުގައި ދެކޭށެވެ. އަދި ދަރިންގެ އުފާ ލިބުމުގެ މައިގަނޑު ސަބަބުކަމަށް އަމިއްލަ ނަފުސަށް ވިސްނައިދޭށެވެ.

ފުރަތަމަ ދުވަހު ބުރަ މަސައްކަތް ކޮށް ނޫޅެ އަރާމުކޮށްލާށެވެ. މީގެ ސަބަބުން ވަރަށް ބޮޑު ލުޔެއް މީހާއަށް ލިބޭނެއެވެ.

މައްސަރުކަންތައް ފަދައިން އަންހެނުންނަށް ދެން ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާގެ މާހައުލުން ކުރިމަތިލާން ޖެހޭ ކަންތައްތަކެވެ. މިއީ ވަރަށްގިނައިން މިދިވެހިރާއްޖޭގައިވެސް ދިމާވާ އާންމުކަމެކެވެ. ވަޒީފާއެއް ހޯދަން ކުރިމަތިލާ ހިސާބުން އިންޓަވިއުއަށް ގެންދިއުމުގެ ކުރިން، މަދުތަނަކުން ނޫނީ އެހެން ހުރިހާ ތަނަކުންވެސް ފޯނުގެ ޒަރީއާއިން ކޮންމެވެސް އެއްގޮތަކުން މެސެޖުން ވާހަކަ ދެކެވެއެވެ.

"މެސެޖުން އަހާނީ ވަޓްސްއަޕް ނޫނީ ވައިބާ އިން ޖަވާބު ދެވޭނެތޯ. ދެން ކުރާނީ ވަރަށް ވިއަޑް ސުވާލު. ހައިރާންވާކަހަލަ ވާހަކަ އަހާނީ. ނިމޭނީ ކޮފީއަކަށް ގޮސް އިންޓަވިއު ނަގާނީ ދޯ އަކުން."

މިއީ ޒުވާން އަންހެން ކުދީންކޮޅެއް ވަޒީފާ ހޯދަން ކުރި މަސައްކަތްތަކުގެ ތެރެއިން ދިމާވި ކަންތައް ހިއްސާކޮށްލަމުން ބުނިވާހަކައެކެވެ. އަދިވެސް އެފަދަ އެހެން ދެތިން ކުއްޖަކާ ވެސް ސުވާލުކުރީމެވެ.

"ސުބްހާނަﷲ. މިހާރު މިހިރަ ޖޮބް ލިބުނީ ފަންސަވީސް ސީވީ ހުޅަހެޅި ވިހި ބާވީސް އިންޓަވިއުއަށް ދިޔަ ފަހުން. ކޮންމެ ވެރިޔަކުވެސް އިންވައިޓު ކުރަނީ އޭނަގެ ޕްރައިވެޓް ރޫމަށް. މިހާރު މިއުޅޭ ވަޒީފާ އަދާ ކުރާ ތަނުގެ ވެރިމީހާއަކީ އިހުލާސްތެރި މީހެއް. އެކަހަލަ އަހުލާގު ރަނގަޅު މީހުން މިހާރު ހަމަ ތަދު.."

ކޮންމެއަކަސް މިއީވެސް މުޅި ދުނިޔޭގައިވެސް ވަރަށް ކަންބޮވާން ޖެހޭ ދަރަޖައަކަށް މައްޗަށް ގޮސްފައިވާ މައްސަލައެކެވެ. އެދެވޭ ފެންވަރު ރަނގަޅު ސެޓްފިކެޓެއް އޮތަސް އިންޓަވިއު ނަގަން ގެންގޮސް ދޭ ދައުވަތަށް ދެކޮޅު ހެދުމުން ވަޒީފާ ލިބުމަށް އެޅެނީ ވަރުގަދަ ބޮޑު ހުރަހެކެވެ. އެހެންނަމަވެސް އީމާންތެރިކަމާއެކު ވަޒީފާދިނުމުގައި އިހުލާސްތެރި ވެރިން ތިބި ކުންފުނިތައްވެސް އެބަހުއްޓެވެ.

މިފަދަ ކަންކަމުގެ ހައްލަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާއަށް ތެދުވެރިވެ ތިމާގެ ވާޖިބު ފުރިހަމައަށް އަދާ ކުރުމެވެ. އަންހެނުންނަށް ދިމާވާ މިފަދަ ދަތިކަންތައްތަކުން ނާޖާއިޒު ފައިދާ ލިބިގަތުމުގެ ބަދަލުގައި އެމީހުންނަށް އެހީތެރިވަމާތޯއެވެ. އަންހެނުންނަކީ ނިކަމެތި ކުނޑިކޮޅަކަށް ހަދާފައި އެމީހުންނަށް މަލާމާތްކޮށް ފުރައްސާރަ ކުރުމުގެ ކުރިން އެއްފަހަރު ތެދު ހިތަކުން ވިސްނާލިއްޔާ އެނގޭނެއެވެ. ކޮންމެ އަންހެނަކީ ކިތައް ދިރިއުޅުންތަކުގެ ފެށުންހެއްޔެވެ. ކިތައް ދަރިންގެ އުފަންވުން އޭނަގެ އަތްމަތީގައި އޮންނާނެހެއްޔެވެ. ކިތަންމެ ޖީލުތަކެއްގެ ތަރުބިއްޔަތުގެ ތަޅުދަނޑި އޭނާގެ އަތުގައި އޮވެދާނެއެވެ. އެހެންކަމުން އަންހެނުންނަށް ގަދަރާއި އިހުތިރާމު ކުރުމުން އެސެލިއުޓު ނެގި ސަލާމް ކުރެވެނީ މުޅި ގައުމަށްކަމަކަށް ނުވޭތޯއެވެ.

"ކުއްޖާ އުފަންވުމުން އެކުއްޖާ މައިންނާއި ބަފައިންނަށް ހުޅުވައިލައެދެނީ ހެޔޮކަމުގެ ދޮރެވެ.

އޭނާގެ އުހުތުކަމުން ލޯތްބާއި ކުލުނު ލިބޭނެއެވެ. އޭނާގެ މަސައްކަތުން ގޭތެރެ އުޖާލާކޮށް ސާފުކޮށްދޭނެއެވެ. އޭނާގެ ކެތްތެރިކަމުން އެހެންމީހުންގެ ވޭން އުފުލައި އުފާ ބަހާނެއެވެ. ގަދަފަދަކަމަށް ދައުވާ ކުރާ އެންމެންގެ ހިތްވަރާއި ބާރަކީ އަދި ކުރިއެރުމުގެ ފަހަތުގައިވާ ސިއްރަކީ އޭނާގެ ތަނަވަސް ފިކުރާއި ހިޔާލެވެ. އޭނާގެ އުނގުން އެއްވެސް ޝަރުތެއް ނެތި މައިވަންތަކަމުގެ ލޯބި ލިބޭނެއެވެ. އަދި އޭނާގެ މައިވަންތަކަމުގެ ދާވަނި ފަތުރާލައިގެން ޖީލުތަކެއް ބިނާކުރާނެއެވެ. އަދި އޭނާގެ ބުއްދިން އެތައް އެތައް ފެށުންތަކެއް އަލިވިލޭނެއެވެ. އޭނައަށް އިހުތިރާމު ކުރާށެވެ. އެއީ ގައުމުގެ އަންހެންދަރިންނެވެ."

"މަތިފުށުން ދުރުދުރަށް ފަތުރައެ ރަންރަތުން ދެއްކި އުމުރު

ފަތިފުށުން ފަތްފުށުން ދެކިބަލަ ފަށްފަށުން ހައްގު ޝުކުރު"