Close
ޚަބަރު

ޔޫކްރެއިނުން ހަންގޭރީއަށް ދިޔަ ދިވެހީންގެ ފަހު ގްރޫޕު މިއަދު ރާއްޖެ އަންނަނީ

ރިފާ ހަލީލު

ޔޫކްރެއިނުން ރާއްޖެ ނުގެނެވި ތިބި ނުވަ ދިވެހިން މިއަދުު ހަންގޭރީ މަގުން ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ހަރްކީވްގައި ތިބި ފަސް ދިވެހި ދަރިވަރުންނާއި އެ ސިޓީގައި ތިބި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ދިވެހި އާއިލާގެ އިތުރުން ނިޕްރޯގައި ހުރި ދިވެހި ދަރިވަރު ވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރު ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ ލިވީވް އަށް ދަތުރުކޮށްފައެވެ. އަދި އެ ރޭގެ ދަންވަރުގެ ވަގުތެއްގައި ބޯޑަރު ހުރަސްކޮށް، އެމީހުން ވަނީ ހަންގޭރީއަށް އެތެރެވެފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ރާއްޖެ ނާދެވިފައި ތިބި ހަ ދަރިވަރުންނާއި ތިން ކުދިން ހިމެނޭ އާއިލާއެއް މިހާރު ހަންގޭރީން ރާއްޖެއަށް ދަތުރު ފަށާފައިވާ ކަމަށެވެ. އެމީހުންނަށް މިއަދުގެ ވަގުތެއްގައި ރާއްޖެއަށް އާދެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެމީހުން ރާއްޖެ އައުމުން ޔޫކްރެއިނުގައި އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ރަޝިއާގައި ތިބި 88 ދަރިވަރަކާއި ބެލަރޫސްގެ އެކި ސިޓީތަކުގައި ތިބި 130 އަށްވުރެ ގިނަ ދަރިވަރުންވެސް ރާއްޖެ އައުމަށް ބޭނުންވާނަމަ ސަރުކާރުގެ ހަރަދުގައި އެކަން ހަމަޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މީގެ ތެރެއިން ހަ ދަރިވަރުން މިހާރުވެސް ރާއްޖެ އައުމަށް އެދިފައިވާ ކަމަށާއި މި ހަ ދަރިވަރުން އަންނަ ހަފުތާގައި ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ބެލަރޫސްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ތިން ސިޓީއެއްގައި ކުރިއެކޭވެސް އެއްގޮތަށް ކިޔެވުން ކުރިއަށްގެންދާ ކަމަށާއި އަދި ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައިގެ އަސަރު އެއްވެސް ދަރިވަރަކަށް ވެސް، އެ ސިޓީއަށްވެސް އަދި ނުކުރާ ކަމަށް ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ކޮލެޖުތަކުން ވަކިވަކިން ފޮރިން މިނިސްޓްރީއަށް ޔަގީންކަން ދީފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެހެން ނަމަވެސް އެ ދަރިވަރުންގެ ހާލު ގާތުން ބަލާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ކާސްކް ޔުނިވާސިޓީން ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އޮންލައިންކޮށް ކިޔަވައިދިނުމަށް ބަދަލުކުރާނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން ރާއްޖެ އައުމަށް ބޭނުންވާ ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ސަރުކާރުން ދޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ޔޫކްރޭންގައި 50 އަކަށް ކުދިން ކިޔަވަމުން އަންނަ އިރު، ހަނގުރާމަ ފެށުމުގެ ކުރިން 30 ދަރިވަރުން ވަނީ ރާއްޖެ އައިސްފައެވެ. ދެން ތިބި ދަރިވަރުންގެ ތެރެއިން 21 ދަރިވަރަކު މިދިޔަ ހޯމަ ދުވަހު ވަނީ ރާއްޖެ އައިސްފައެވެ.