ޔުކްރޭނުގެ މައްސަލައިގައި ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ރަޝިޔާގެ ބޮޑެތި ބޮޑެތި މަހުޖަނުންގެ ސުޕަރ ޔޮޓުތައް ޔޫރަޕުގެ ބައެއް ގައުމުތަކުން ހިފަހައްޓަން ފަށައިފިއެވެ.

މިގޮތުން ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ މަހުޖަނެއް ކަމުގައިވާ އިގޯރ ސެޗިންގެ އަގު ބޮޑު ޔޮޓް ފަރަންސޭސި ސަރުކާރުން ވަނީ ހިފަހައްޓައިފައެވެ. މި ޔޮޓް ހިފެހެއްޓީ ފަރަންސޭސިވިލާތުގެ އިރުމަތީ ބިތުން މެޑިޓެރޭނިއަންގެ ބަނދަރެއްގައެވެ.

ޖަރުމަންވިލާތުގެ ބަނދަރެއްގައި ރަޝިޔާގެ މަހުޖަނު އަލިޝާ އުސްމަނޯފްގެ ބިޔަ ޔޮޓް ހިފަހައްޓައިފި ކަމުގެ ރިޕޯޓުތައްވެސް ދަނީ ލިބެމުންނެވެ. ދިލްބާރޭ ކިޔުނު މި ޔޮޓަކީ ދުނިޔޭގެ އެންމެ ބޮޑު މޮޓަރު ޔޮޓެވެ. ޔޫރަޕުގެ ކަންކޮޅުތަކުގައި ހިފެހެއްޓެމުންދާ ޔޮޓުތައް ނިސްބަތްވާ މަހުޖަނުންނަކީ ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންނެވެ.

ރޫސީ މަހުޖަނުންގެ ޔޮޓުތައް ފޭރުމުގެ ކަންކަން ޔޫރަޕުގައި ހިނގާން ފެށުމުން މިފަދަ ވަރަށް ގިނަ ޔޮޓުތައް ކެރީބިއަން އާއި އިންޑިޔާ ކަނޑުގައިވާ ގައުމުތަކަށް ގޮސް އެތަންތާގައި ބަނދަރު ކުރަމުންދާ ކަމަށް ވަނީ އެނގިފައެވެ. މި ގައުމުތަކަކީ ރޫސީންނާ ދެކޮޅަށް އެޅިފައިވާ ފިޔަވަޅުތައް ތަންފީޒު ނުކުރާ ގައުމުތަކެވެ. ރޫސީ ސަރުކާރާއި ރޫސީ މަހުޖަނުންނަށް ނިސްބަތްވާ މުދައު ފޭރުމުގެ އަމަލެއް ކޮންމެ ގައުމަކުން ހިންގިޔަސް ވަގުތު އައިމާ އެއިން ކޮންމެ ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅާނޭ ކަމުގެ އިންޒާރު ރޫސީވިލާތުން ވަނީ ދީފައެވެ.