އަންނަ މަހުގައި ޔޫކްރެއިން އިން ކުޅެން އޮތް ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފް މެޗު ފަސްކޮށްދޭން އެގައުމުން އެދިއްޖެއެވެ.
ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމަ ކުރަމުންދާ އިރު، ޔޫކްރެއިންގެ ހާލަތު އޮތީ ގޯސް ކޮށެވެ. އެގައުމަށް ރަޝިއާ ސިފައިން އަރައި ހަމަލާތައް ދެމުން ގެންދާ އިރު، ޔޫކްރެއިނުން ފީފާގައި އެދިފައި ވަނީ އަންނަ މަހު 24 ވަނަ ދުވަހު ސްކޮޓްލޭންޑާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްދިނުމަށެވެ. ސްކޮޓްލޭންޑްގައި ކުޅެން އޮތް އެ މެޗަށް ޔޫކްރެއިނަށް ދަތުރު ކުރަން އުނދަގޫތަކަކާ ކުރިމަތިވާނެތީ، އެ މެޗު ފަސްކުރަން ފީފާއިން ވިސްނާނެ ކަމަށް ވަނީ ބެލެވިފައެވެ.
ޔޫކްރެއިން ހިމެނޭ ކޮލިފިކޭޝަން ބްރެކެޓްގައި ހިމެނެނީ ޔޫކްރެއިން އާއި ސްކޮޓްލޭންޑްގެ އިތުރުން ވޭލްސް އާއި އޮސްޓްރިއާ އެވެ. ކޮލިފިކޭޝަން ޕްލޭ އޮފް ފުރަތަމަ މެޗުގައި ޔޫކްރެއިނުން ސްކޮޓްލޭންޑް ބަލިކޮށްފިނަމަ، ދެން ކުޅެން ޖެހޭނީ ވޭލްސް އާއި އޮސްޓްރިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ބްރެކެޓުގައި ހިމެނޭ ހަތަރު ޓީމު ތެރެއިން ވޯލްޑް ކަޕަށް ކޮލިފައިވާނީ އެންމެ ޓީމެކެވެ.
ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެންމެފަހުން ފީފާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޔޫކްރެއިންގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކަށް އެކަށޭނެ ހައްލެއް ހޯދުމަށް އެ އިދާރާއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރަޝިއާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ފީފާއިން ކުށްވެރި ކުރާ ކަމަށެވެ.
ހަނގުރާމައިގެ ސަބަބުން ފީފާއިން ވަނީ ދާދިފަހުން ރަޝިއާއަށް ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ. ފީފާއާއި ޔޫއެފާއިންވެސް ރަޝިއާއިން ޔޫކްރެއިންއަށް ދެމުން ގެންދާ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށް، ރަޝިއާގެ ކްލަބުތަކާއެކު އެގައުމުގެ ގައުމީ ޓީމުވެސް ވަނީ ފުޓުބޯޅައިން ސަސްޕެންޑް ކޮށްފައެވެ. ރަޝިއާއިން ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައްވެސް އެގައުމަކަށް ދެން ނުކުޅެވޭނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު