ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބަޖެޓުގައި ހިމެނިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕީއެސްއައިޕީ ފަސް މަޝްރޫއެއް ކައުންސިލްތަކުން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފިއެވެ.
އެލްޖީއޭއިން ބުނީ، ކައުންސިލްތަކާ ހަވާލުކުރި މަޝްރޫއުތަކަކީ ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާ ގާއިމުކުރުމުގެ މަޝްރޫއާއި ލ. ކަލައިދޫ ކައުންސިލް އިދާރާ ގާއިމުކުރުމުގެ މަޝްރޫއާއި ތ. ކިނބިދޫ ކައުންސިލް އިދާރާ ގާއިމުކުރުމުގެ މަޝްރޫއާއި ދަނބިދޫ ކައުންސިލް އިދާރާ ގާއިމުކުރުމުގެ މަޝްރޫއު އަދި ޅ. ހިންނަވަރު ކައުންސިލް އިދާރާ ގާއިމްކުރުމުގެ މަޝްރޫއު ކަމަށެވެ.
އެ މަޝްރޫއުތައް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ އިއްޔެ އެލްޖީއޭގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެލްޖީއޭގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ ފާތިމަތު އަފްޝަން ލަތީފުއެވެ. ކައުންސިލްތަކުގެ ފަރާތުން ސޮއިކުރީ ކައުންސިލްތަކުގެ ރައީސުން އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފުއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަފްޝަން ވަނީ ކައުންސިލްތަކާ ހަވާލުކުރެވުނު މަޝްރޫއުތަކުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އެ މަޝްރޫއުތައް އެންމެ އެކެށޭނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެލްޖީއޭގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ދޭނެކަމަށް އަފްޝަން ވިދާޅުވިއެވެ. މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލި އަޅުއްވައިލައްވައި ވާހަކަދައްކަވަމުން އަފްޝަން ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، ކައުންސިލްތައް ތަރަށްގީކޮށް ކައުންސިލްތަކަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުމީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
ކައުންސިލްތަކުން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަނީ އެލްޖީއޭއިން ހަވާލުކުރި މަޝްރޫއުތަކުގެ މުހިންމުކަން ފާހަގަކޮށް މިހާރު ހުރި އިމާރާތުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ދިނުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ. ނަމަވެސް އަލަށް ހަދާ އިމާރާތްތަކުން އެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ކައުންސިލުންތަކުން ބުންޏެވެ.