ސަރުކާރުގެ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ހޯދުމުގެ އުއްމީދާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން މާސްޓާސްއަށް ކިޔެވުމަށް 20 ސްކޮލަޝިޕް މިރޭ ހަވާލުކޮށްފިއެވެ.
އިސްކަންދަރު ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ "ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލާޝިޕް ޕްރޮގްރާމް" އިފްތިތާހް ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ސްކޮލާޝިޕް ސްކީމުގެ ދަށުން 20 ޕްރިންސިޕަލުންނަށް ސްކޮލާޝިޕަށް ހޮވުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލްއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ސްކޮލާޝިޕްތަކަށް ހޮވުނު ބޭފުޅުން ކިޔެވުން ފެށުމަށް މިމަހު މެލޭޝިއާއަށް ދާނެ ކަމަށެވެ. އަދި އެ ބޭފުޅުން މެލޭޝިއާގެ ޔުނިވާސިޓީ އޮފް މަލާޔާއިން މާސްޓަސް އޮފް އެޑިއުކޭޝަނަލް މެނޭޖްމެންޓު ކޯސް ފުރިހަމަކުރުމަށްފަހު 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ ރާއްޖެ އައިސް ސްކޫލްތަކުގައި ޕްރިންސިޕަލުންގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލާޝިޕް ޕްރޮގްރާމް" ނިމޭއިރު ސަރުކާރު ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ހަމަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަނުން ބުނީ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތް އެކިފަހަރު އެކިގޮތްތަކަށް ކުރިނަމަވެސް ދެމެހެއްޓެނެވި އަދި ރޭވުންތެރިކަމާއެކު އެކަން ފަހުގެ ތާރީހެއްގައި ކުރެވިފައި ނެތް ކަމަށެވެ. ސަރުކާރުން ހިންގާ 216 ސްކޫލް ރާއްޖޭގެ އެކި ކަންކޮޅުގައި ހުރިއިރު އެއްވެސް ދުވަސްވަރެއްގައި ހުރިހާ ސްކޫލަކަށް ތަމްރީނުވެފައިވާ ޕްރިންސިޕަލުން ހަމަވެފައިނުވާ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.
މިވަގުތު ރާއްޖޭގައި ދާއިމީ ޕްރިންސިޕަލެއް ނެތް 53 ސްކޫލް ހުރިއިރު ދާއިރާގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިފައިވަނީ 75 ޕްރިންސިޕަލަކަށް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު