ރައްޔިތުންގެ މަޖިލީހުން އުފައްދާ ވީޑިއޯތަކުގައި ބޭނުންކުރުމަށް އަމިއްލަ މިއުޒިކް ޓްރެކްތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުން އުފައްދާ ވީޑިއޯތަކުގައި ބޭނުންކުރުމަށް އަމިއްލަ މިއުޒިކް ޓްރެކްތަކެއް ހަނދައިދޭން ބޭނުންވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ. މިއުޒިކް ޓްރެކްތަކުގެ ކޮޕީރައިޓްސްގެ ހައްގު މަޖިލީހަށް އޮންނަން ޖެހޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރަން ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނުގެ 11:00 ގެ ކުރިން މަޖިލިސް [މެއިލަށް]([email protected]) ސުވާލު ފޮނުވުމަށް ވަނީ އެދިފައެވެ. އަދި 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެ ފަރާތްތަކަށް ޖަވާބު ދޭނެކަމަށް ވެސް މަޖިލީހުން ބުންޏެވެ.

ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް މަޖިލީހުން ބުންޏެވެ.

އިއުލާނުގައިވާ މަސައްކަތަށް ހުށަހަޅާފައިވާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހު 15 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގައެވެ.