ކެންޔާގެ ވެރިރަށް ނައިރޯބީގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ ފަސް ވަނަ ސެޝަންގައި ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ބައިނަލްއަގުވާމީ މުއާހަދާއެއް އެކުލަވައިލުމަށް ފާސްކޮށްފިއެވެ.
ދުނިޔޭގެ 193 މެންބަރު ގައުމުތަކުން ބައިވެރިވާ މި ބައްދަލުވުމުގައި ޕްލާސްޓިކުގެ ޒަރިއްޔާއިން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ގާނޫނީ ބާރު ލިބިދޭ މުއާހަދާއެއްގެ ބޭނުންތެރިކަން ފާހަގަކޮށް ރިޒޮލިއުޝަނެއް ހުށަހަޅާފައިވެއެވެ.
މި ރިސޮލިއުޝަނަށް ރާއްޖެއިން ވަނީ ފުރިހަމައަށް ތާއީދުކޮށްފައެވެ.
ގާނޫނީ ގޮތުން ބާރު ލިބިދޭ މިފަދަ މުއާހަދާއެއް އެކުލަވައިލުމުގައި އެއްބަސްވާ 81 މެންބަރު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ދުނިޔޭގައި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި އެއްބަސްވުމެއް އޮތުމުގެ ބޭނުންތެރިކަމާމެދު ގިނަ ގައުމުތަކުން އެއްބަސްވެއެވެ. އަދި، ރާއްޖެއިން އިސްނަގައިގެން ގައުމީ ފެންވަރުގައި ތަންފީޒު ކުރަމުންދާ ސިންގަލްޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގެ މައުލޫމާތު ވަނީ މި ބައްދަލުވުމުގެ މެންބަރު ގައުމުތަކުގެ އިސްވެރިންނާ ހިއްސާކޮށްފައެވެ.
ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ ފަސް ވަނަ ސެޝަންގައި ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވައިލުމަށް އެއްބަސްވެވުނު މި ބައިނަލްއަގުވާމީ މުއާހަދާގައި ޕްލާސްޓިކު އުފެއްދުމާއި ބޭނުންކުރުމާއި މިތަކެތި ކުނީގެ ގޮތުގައި ނެތިފާނެވެގެން ދިޔުމާހަމައަށް އެކި މަރުހަލާތަކުގައި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް އަލިއަޅުވާލެވިގެންދާނެއެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ވަށާޖެހޭ އިގްތިސޯދު ކުރިއަރުވައި ޕްލާސްޓިކު ބޭނުން ކުރެވޭ މިންވަރު މަދުކޮށް، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކުގެ އަލުން ބޭނުންކުރެވޭ، މިފަދަ މުއާހަދާއެއް އޮތުމަކީ ރާއްޖެފަދަ ކުރިއަރަމުން އަންނަ ގައުމުތަކަށް ޕްލާސްޓިކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލު ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރުމަށް އެޅިގެންދާނެ ވަރުގަދަ ފިޔަވަޅެކެވެ.
ރައްކާތެރިގޮތުގައި ކެމިކަލް އަދި ކުނި މެނޭޖްކުރުމަށް ބާރުއަޅާ ގަރާރެއްވެސް މި އެސެމްބްލީއަށް ހުށައަޅާފައިވެއެވެ.
ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ ފަސް ވަނަ ސެޝަނަށް ތިމާވެށީގެ އެކި މައްސަލަތައް ހައްލުކުރުމަށް ޖުމުލަ 17 ރިސޮލިއުޝަން ހުށަހަޅާފަވެއެވެ. މި އެސެމްބްލީއަކީ އެކުވެރި ދައުލަތްތައް އދ.ގެ 193 މެންބަރުންގެ މައްޗަށް އެކުލެވޭ އެސެމްބްލީއެކެވެ. މިއީ ދުނިޔޭގެ ތިމާވެށީގެ ކަންކަމާގުޅޭ ގޮތުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ. އަދި މި އެސެމްބްލީ އަކީ "ދެމެހެއްޓެނިވި ތަރައްގީ 2030" ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ތިމާވެށްޓާއި ގުޅޭ ކަންކަން ހާސިލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް މުތާލިއާކުރުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު