އިނގިރޭސިވިލާތުގައި ހުންނަވާ އީރާނުގެ ސަފީރު މުހުސިން ބަހަރުވަންދު ބުރުގާގެ މައްސަލައެއްގައި ކުށްވެރިވެ ގައުމަށް އެނބުރި އައުމަށް އީރާނުގެ ޚާރިޖިއްޔާއިން އަމުރުކޮށްފިއެވެ.
ސަފީރު ކުށްވެރިވާން މެދުވެރިވީ އީރާނުގެ އިސްލާމީ އިންގިލާބަށް 43 އަހަރު ފުރުން ފާހަގަ ކުރުމަށް ލަންޑަނުގައި ހުންނަ އީރާނުގެ އެމްބަސީން އިންތިޒާމުކުރި ރިސެޕްޝަނެއްގައި ބުރުގާ ނާޅައިތިބި އީރާނުގެ އަންހެނުންތަކެއް ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވުމުންނެވެ. ބުރުގާ ނާޅައި ރިސެޕްޝަނުގައި ބައިވެރިވި އަންހެނުންގެ ތެރޭގައި އެ ހަފުލާގެ ބައެއް އައިޓަމްތައް ރަސްމީކޮށް ހުށައަޅައިދިން ބައެއް މީހުންނާއި އެމްބަސީގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާގެ މެންބަރުންވެސް ހިމެނެއެވެ.
އީރާނުގެ ސަރުކާރުން ނިންމާފައިވަނީ އެމްބެސެޑަރު ތެހެރާނަށް ގެެނެސް ތަހުގީގެއް ހިންގައި މަގާމުންވެސް ވަކިކުރުމަށެވެ. ބުރުގާ ނާޅާ މީހުން ބައިވެރިކޮށްގެން ލާދީނީ ކުލަވަރު ޖައްސައިގެން އިރާނުގެ އިސްލާމީ އިންގިލާބުގެ އަހަރީ ދުވަސް ފާހަގަކުރުމަކީ ހަގީގަތުގައި އީރާނުގެ ނިޒާމަށް އެމްބެސެޑަރު ކުރި މަލާމާތަކަށް އީރާނުގެ ހަރުކަށި ފިކުރުގެ ގިނަ ލީޑަރުން ދެކިވަޑައިގަންނަވައެވެ.
އީރާނުން އެގައުމުގެ ސަފީރާ ދެކޮޅަށް ފިޔަވަޅު އަޅާފައި މިވަނީ ހުސްވި އަހަރުގެ ތެރޭގައި ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިބްރާހިމް ރައީސީގެ ޒައާމަތުގައި އީރާނުގެ ޑިޕްލޮމެޓިކް ސާރވިސް އީރާނުގެ އިސްލާމީ އިންގިލާބުގެ ރޫހާ އެއްގޮތަށް އިސްލާހު ކުރުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އިބްރާހިމް ރައީސީއަކީ ކުރިން ހުންނެވި ރައީސް ހަސަން ރޫހާނީއަށްވުރެ ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ