ގައުމީ ފެންވަރުގައި ބޭއްވޭ އެންމެ ބޮޑު އެއް ރޭސިން އިވެންޓް، "ރާސް 2022 ނޭޝަނަލް ޑްރެގް ޗެމްޕިއަންޝިޕް"ގެ ކިކްއޯފް އިވެންޓު އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

"ރާސް 2022 ނޭޝަނަލް ޑްރެގް ޗެމްޕިއަންޝިޕް"އަކީ މުޅި ރާއްޖެއަށް ފުޅާކޮށްގެން ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވަން ތާވަލުކޮށްފައިވާ ޑްރެގް ރޭސިން އިވެންޓުތަކެކެވެ. ފުރަތަމަ އިވެންޓް ހުކުރު ދުވަހުގެ މެންދުރުފަހު 2:00 ގައި ހުޅުމާލޭ ދެވަނަ ފޭހުގެ ވަގުތީ ރޭސް ޓްރެކްގައި ފަށާ އިރު، މިއަހަރު ރާއްޖޭގެ މާލެ ސަރަހައްދު ހިމެނޭ ގޮތަށް ފަސް ސަރަހައްދެއްގައި ޑްރެގް ރޭސިން އިވެންޓް ބާއްވަން ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއިން ވަނީ ނިންމައިފައެވެ.

އެގޮތުން ހުޅުމާލޭގެ އިތުރުން އިވެންޓުތައް އޮންނާނީ ހދ. ކުޅުދުއްފުއްޓާއި، ލ. އަތޮޅުގެ އިތުރުން ފުވައްމުލަކާއި އައްޑޫގައެވެ. ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާ ޑްރެގް ރޭސް އިވެންޓަކީ ކިކްއޯފް އިވެންޓެވެ. އިވެންޓުގައި ޖުމުލަ 14 ކެޓަގަރީއެއްގެ 60 މުބާރާތް ކުރިއަށް ގެންދަން ވަނީ ރާވައިފައެވެ. ސައިކަލުގެ އަށް އިވެންޓެއްގެ އިތުރުން ދެން ހިމެނެނީ ކާރުގެ އިވެންޓުތަކެވެ.

ޑްރެގް ރޭސިންއަކީ ހައި ޕާފޯމަންސް މޮޓޯ ރޭސިން އިވެންޓެކެވެ. ސައިކަލާއި ކާރުވެސް އެންމެ އަވަސްކޮށް ސީދާ ލައިނެއްގައި ކުއާޓާ މައިލެއް ފުރިހަމަ ކުރާ ގޮތަށް ހާއްސަ ސެޓަޕެއްގައި ޑްރެގް ރޭސް ކުރިއަށްގެންދާ އިރު، އެ އިވެންޓު ވެގެންދާނީ ބެލުންތެރިންނަށް ފޯރިގަދަ އިވެންޓުތަކަކަށެވެ. މިއީ ޗެމްޕިއަންޝިޕެއްގެ ގޮތުގައި ޑްރެގް ރޭސިންގެ އިވެންޓެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި ރޭސިންގެ މިފަދަ ބޮޑެތި އިވެންޓުތަކާއެކު ރޭސިން ކޮމިއުނިޓީތަކުގެ މެދުގައި ގުޅުން ބަދަހިވެ، ރާއްޖޭގައި ރޭސިން އިތުރަށް ކުރިއެރުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އެސޯސިއޭޝަނުން އިތުރަށް ބުނެފައިވަނީ ހުރިހާ އިވެންޓެއްވެސް ކުރިއަށްގެންދަން ނިންމާފައިވަނީ ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ. ހާއްސަކޮށް ކުޅި ބެލުންތެރިންނަށް ޑްރެގް ރޭސް ވެގެންދާނީ ވަރަށް އާދަޔާހިލާފު ފޯރި ގަދަ އިވެންޓަކަށް ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ.

"ރާސް 2022 ނޭޝަނަލް ޑްރެގް ރޭސިން ޗެމްޕިއަންޝިޕް"ގެ މެއިން ސޮޕޮންސަރަކީ ޝީޝާއެވެ.

[ރާސް 2022 ނޭޝަނަލް ޑްރެގް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ މައުލޫމާތު ](https://invite.viber.com/?g2=AQBNcOJzDgs5Lk5D%2F%2BOUI6c1tKVinGBBoKciKMx8pj%2FNT8fe%2B0tLcUu1ysJGRqgW)