އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އައްޔަންކޮށްފިއެވެ.

"ވަން" އަށް އެކަން ކަށަވަރުވެފައިވީ ނަމަވެސް، ރައީސް އޮފީހަކުން އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ސަރުކާރުން ޕީސީބީއަށް ހުށަހަޅާފައި ވަނީވެސް، އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީއަށް މުޣުނީ ބަދަލުކުރުމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުޣުނީ ވަކިކޮށްފައި ވަނީ އިއްޔެއެވެ. އެ މަގާމަށް މިހާރު އައްޔަންކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފެވެ.

މުޣުނީ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްޓެލްކޯ ހިންގުމަށް ދެއްވި ފުރުސަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ސްޓެލްކޯ ރާއްޖޭގެ އެންމެ މޮޅު ކުންފުންޏަކަށް ހެދުމަށް ލިބުނު ފުރުސަތަކީ ފަހުރެއް ކަމަށްވެސް ވިދާޅުވިއެވެ.