އަމިތާބު ބަޗަންގެ އެންމެ ފަހުގެ ފިލްމު ''ޖުންދު'' ރިލީސްވާން ތައްޔާރުވަމުން އަންނައިރު ފިލްމުގެ ޕްރައިވެޓް ސްކްރީނިންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޓީ ސީރީސް އިން ވަނީ ފިލްމު ''ޖުންދު''ގެ ޕްރައިވެޓް ސްކްރީނިންއަށްފަހު އެކްޓަރު އާމިރު ހާން އެ ފިލްމަށް ތައުރީފުކޮށް ވާހަކަދައްކާ ވީޑިއޯއެއް ޔޫޓިއުބުގައި އާއްމުކޮށްފައެވެ. މި ވީޑިއޯގައި ފިލްމު ބެލުމަށްފަހު އާމިރު ހާން ތެދުވެ ހޫނު އަތްތިލަބަޑިއަކުން މަރުހަބާ ކިޔާއިރު ލޮލުން ކަރުނަ ފޮހެމުންދާތަން ފެނިގެންދެއެވެ.
އާމިރު ހާން ވަނީ އެ ފިލްމުގެ ޑައިރެކްޓަރު ނާގްރާޖް ޕޮޕަޓްރާއޯ މަންޖުލް އަދި ޕްރޮޑިއުސަރު ބުޝަން ކުމާރު އާއި ވާހަކަ ދައްކަމުން ކެރިއަރުގައި އޭނާއަށް ފާއިތުވި 20-30 އަހަރުގެ ތެރޭގައި ދަސްވެފައި ހުރި ހުރިހާ ކަމެއް މިފިލްމުން ފަހަނައަޅައި ގޮސްފިކަމަށް ބުނެ ފިލްމަށް ތައުރީފު ބަންޑުންކޮށްލާފައެވެ. އަދި އަމީތާބު މިހާތަނަށް މޮޅު އެތަކެއް ފިލްމެއް ކުޅެދީފައިވީނަމަވެސް މިއީ މިހާތަނަށް އަމީތާބުގެ އެންމެ މޮޅު ފިލްމުކަމަށް އާމިރު ވަނީ ބުނެފައެވެ. އޭގެ އިތުރުން ފިލްމުގައި ފެނިގެންދާ ކުދިންގެ މޮޅު ހުނަރަށްވެސް އާމިރުވަނީ ތައުރީފުކޮށްފައެވެ.
ފިލްމު ބެލުމަށްފަހު އާމިރު ހާން ވަނީ ފިލްމުގެ ކާސްޓުންނާވެސް ބައްދަލުކޮށް މަރުހަބާ ކިޔާފައެވެ. އަދި އާމިރުގެ ގެއަށް ދައުވަތު ދީ ދަރިފުޅު އާޒާދު ރާއޯ އާއެކު ފިލްމުގެ ކާސްޓުން ފޮޓޯ ނަގައި ވަގުތު ހޭދަކުރާތަން ޓީސީރީސް އިން އާއްމުކުރި ވީޑިއޯއިން ފެނިގެންދެއެވެ.
''ޖުންދު''ގެ ވާހަކަ ބިނާކޮށްފައިވަނީ އިންޑިއާގެ ފަގީރު ހިސާބުތަކުގައި ދިރިއުޅޭ ކުދިންތަކެއް ގޮވައިގެން ފުޓްބޯޅަ ޓީމެއް އުފެއްދި ވިޖޭ ބާރްސޭގެ މައްޗަށެވެ. އެންޖީއޯ ސްލަމް ސޮކާގެ ފައުންޑަރު ވިޖޭގެ ރޯލު ކުޅެދީފައިވަނީ އަމީތާބު ބަޗަން އެވެ.
ޓީ-ސީރީސް، ޓަންޑަވް ފިލްމްސް އެންޓަޓެއިންމަންޓް އަދި އާޓްޕަޓް ގުޅިގެން އުފައްދާފައިވާ ފިލްމު ''ޖުންދު'' ރިލީސްކުރަން ހަމަޖެހިފައިވަނީ މިމަހުގެ 4ވަނަ ދުވަހުގައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން