ޚަބަރު

ކާޑެއްދޫ އެއާޕޯޓް އަތުލުމުން ލިބުނު ގެއްލުމުގެ ބަދަލު ނުހޯދަން ނިންމައިފި

ގދ. ކާޑެއްދޫ އެއާޕޯޓު ވިލާ ކުންފުނީގެ އަތުން އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނުހޯދަން ވިލާ ގްރޫޕްގެ ޗެއާމަން އަދި މާމަގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.

ވިލާ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނުހޯދަން ނިންމީ ކާޑެއްދޫ އެއާޕޯޓަކީ އާއްމު މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށް ވާތީ ކަމަށެވެ.

"ކާޑެއްދޫ އެއާޕޯޓަކީ އާންމު މަސްލަހަތުތަކާ ވަރަށް ބޮޑަށް ގުޅުންހުރި ކަމަކަށްވާތީ، މީގެ ކުރިން އެއާޕޯޓް އެއްބަސްވުން ބާތިލުކުރުމުން ވިލާ އެއާއަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން މަސައްކަތް ނުކުރުމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ވިލާ ގްރޫޕުން ވަނީ ނިންމައިފަ،" ބަޔާނުގައިވެއެވެ.

މިއަދު ވަނީ ކާޑެއްދޫ އެއާޕޯޓު ވިލާ އެއާއަށް އަނބުރާ ހަވާލުކޮށްފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ވިލާ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ގާސިމް އިބްރާހިމެވެ.

ވިލާއިން ބުނީ ސަރުކާރާ އެއްބަސްވެފައިވާ ގޮތުގެ މަތިން ވިލާ އެއާއިން ހިންގަން ފަށާތާ ފުރަތަމަ ހަތް އަހަރުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިހާރުވެސް ޕްލޭންކޮށްފައިވާ ގޮތުގެމަތިން ކާޑެއްދޫ އެއާޕޯޓުން ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރެވި، އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޫމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާއަށް ކާޑެއްދޫ އެއާޕޯޓު ދިނީ 2013 ގައެވެ. އެއީ 50 އަހަރު ދުވަހަށެވެ. ނަމަވެސް އެތަނުގެ އެއްބަސްވުން ބާތިލުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުން 2017 ވަނަ އަހަރު އެ ތަން އަތުލިއެވެ. އެތަން ވިލާ އެއާގެ އަތުލީ، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެއެވެ.

އެ މައްސަލައިގައި ވިލާ އެއާއިން ސިވިލް ކޯޓުގައި ދައުވާކުރުމުން ސަރުކާރުން އެއްްބަސްވުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެތަން އަލުން ވިލާ އެއާއަށް ދިނުމަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރިއެވެ. އެ މައްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ދެކޯޓުންވެސް ނިންމީ ކާޑެއްދޫ އެއާޕޯޓު ވިލާ އެއާއަށް އަނބުރާ ދިނުމަށެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ މެއި 10، 2021 ގައެވެ.

ނަމަވެސް މިއަދާ ހަމައަށްވެސް އެ އެއާޕޯޓް އޮތީ ވިލާ އެއާއާ ހަވާލުނުކޮށެވެ. އެހެންކަމުން މިއަދާ ހަމައަށްވެސް އެ އެއާޕޯޓް ހިންގަމުން އައީ ރީޖަނަލް އެއާޕޯޓްސް އިންނެވެ.