އަންހެނަކު ބަހެއް ދުއްވުމަކީ ދިވެހިންނަށް ވަރަށް އާ ކަމަކަށް ވާނެއެވެ. ސަބަބަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް އެފަދަ ބޮޑެތި ވެހިކަލްތައް އޮޕަރޭޓްކުރުމުގައި އަންހެނުން ބައިވެރިވާލެއް މަދުވުމާއި ރާއްޖޭގައި ވެސް މި ނޫނީ އެފަދަ މަންޒަރެއް ކުރިން ފެނިފައިނުވާތީއެވެ.
ނަމަވެސް ޒަމާން މިއަދު މިވަނީ ބަދަލުވެފައެވެ. ވަރަށް ފަހަކާ ޖެހެންދެންވެސް ރާއްޖޭގައި ހަމައެކަނި ފިރިހެނުން އަދާކުރަމުން އައި ބަސްދުއްވުމުގެ ވަޒީފާއަކީ އަންހެނުންނަށްވެސް ކުރެވޭނެ ކަމެއް ކަން މިއަދު ދިވެހިންނަށް މިވަނީ ހާމަވެފައެވެ.
ގދ. މަޑަވެއްޔަށް އުފަން ސައުޝަން މުހައްމަދު އަންނަނީ ދިވެހިންނަށް އެކަން ވަރަށް ރަނގަޅަށް ހާމަކޮށްދެމުންނެވެ. އުމުރުން އެންމެ 30 އަހަރުގެ ސައުޝަން އަކީ ބަސް ދުއްވުމުގައި ރާއްޖޭގައި ލައިސަންސް ނަގައި އެ މައިދާނަށް ކެރިގެން ނުކުތް ފުރަތަމަ އަންހެން ޑްރައިވަރެވެ.
ފިރިހެނުން ކުރާ ކަމެއްގައި އެންމެ އަންހެނަކު ބައިވެރިވެ އުޅެންޏާ ދެރަކޮށްލުމުގެ ގޮތުން މީހުން ބުނެއުޅޭ ބަހެއް އޮވެއެވެ. "ހުރިހާ ހާލެއްގެ ތެރޭގައި އެންމެ ކުކުޅެއް ކީއްކުރަނީ ހެއްޔެވެ؟" ނަމަވެސް ޒަމާނުއްސުރެ ރާއްޖޭގައި ހަމައެކަނި ފިރިހެނުން އަދާކުރަމުން އައި ބަސްދުއްވުމުގެ ވަޒީފާއަށް ސައުޝަން ނުކުތީ އެފަދަ ބަސްތަކާ ކުރިމަތިލާން ކެރިގެންނެވެ.
ސައުޝަން ކިޔައިދިން ގޮތުގައި އޭނާއަކީ ކުޑައިރުއްސުރެ ޗެލެންޖިންގް ކަންތައްތައް ކުރަން ބޭނުންވި ކުއްޖެކެވެ. އަންހެނަކަށްވީތީ ނުކުރެވޭނެ ކަމެއް ނޯންނާނެ ކަން އަބަދުވެސް ގަބޫލުކުރަމުން އަންނަ ސައުޝަންގެ އިތުރުން އެ އާއިލާގައި އިތުރު ހަތަރު ކުދިން ތިބޭއިރު ސައުޝަން އަކީ އާއިލާގެ އެންމެ ދޮށްޓަށް ހުރި ކުއްޖާއެވެ.
ކޮންމެ ދާއިރާއަކަށް އަންހެނަކު ނުކުތަސް އާއިލާ އާއި ރައްޓެހިންގެ އެއްބާރުލުންް ލިބުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސައުޝަން ބުނާ ގޮތުން މިފަދަ ޗެލެންޖިންގް ދާއިރާއަކަށް އޭނާއަށްވެސް ނުކުންނަން ލިބުނު އެއްމެ ބޮޑު ހިތްވަރަކީ އާއިލާ އާއި ރައްޓެހިންނެވެ. އެކީގައި ތަމްރީނުތައް ހަދަމުން އައި އެހެން ޑްރައިވަރުންނާއި އެމްޓީސީސީން އޭނާއަށް މެދުނުކެނޑި ލިބެމުން އައި ހިތްވަރަކީ މިދާއިރާގައި އޭނާއަށް ކުރިއަށް ދެވޭނޭ ކަން ވަރަށް ބޮޑަށް ޔަގީންކުރެވުނު ކަމެއްކަމަށް ސައުޝަން ކިޔައިދިނެވެ. އެފަރާތްތަކުން ލިބުނު ހިތްވަރާއި ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށް ޝައުޝަން ވަނީ ހިފެހެއްޓުމެއް ނެތް ޝުކުރު އޮއްސާލައިފައެވެ.
"ތަފާތު ކަމެއް. އަންހެނުން މި ކަހަލަ ދާއިރާތަކުން ނުފެނުނަސް ވަރަށް ކުރާހިތުން މި ދާއިރާ ޗޫޒް ކުރީ. މިއަދު ރާއްޖޭގެ ފުރަތަމަ އަންހެން ބަސް ޑްރައިވަރަށް ވެވުނީތީ ވަރަށް ބޮޑަށް އުފާވޭ." ސައުޝަން ބުންޏެވެ.
ސައުޝަން ބުނިގޮތުގައި ދިވެހިންގެ ތެރޭގައި މިފަދަ ދާއިރާތަކުން އަންހުނުން ފެންނަ ވަރު މަދުވިޔަސް އޭނާ މިކަމާ ކުރިމަތިލީ ވަރަށް ކުރާހިތުން ކެރިގެންނެވެ. ކޮންމެ ކަހަލަ ވަޒީފާއެއް ވިޔަސް އަންހެނަކަށް ވީތީ އަދާނުކުރެވޭނެ ކަމަށް ނުދެކި، ވަރުގަދަ އަޒުމަކާއެކު ނުކުމެއްޖެއްޔާ އެކަމެއް ކުރެވޭނެ ކަމަށް ސައުޝަން ބުންޏެވެ. އަދި ދިވެހި ކަނބަލުންނަށް އޭނާ ދޭން އޮތް ނަސޭހަތަކީވެސް އެއީއެވެ.
"ހީކުރިގޮތާ ހިލާފަށް އަސްލު ނެގެޓިވް ކޮމެންޓެއް ނުވެސް ލިބޭ. ވަރަށް އުފާވޭ އެންމެންގެ ފަރާތުން ލިބުނު ޕޮޒިޓިވް އެޑްވައިސް ތަކަށް. އަބަދުވެސް އާއިލާއިން އެއްބާރުލުން ދޭ. ރައްޓެހިންވެސް. ޓްރެއިނިން ހެދި އިރު އެކީގައި ބެޗްގައި ދެން ތިބި ކުދިންވެސް ވަރަށް ހިތްވަރުދިން. އަޅުގަނޑު ދޭނެ ނަސޭހަތަކީ ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދާން ބޭނުމިއްޔާ ކެރިގެން އެކަމަށް ނުކުންނާށޭ. ހިތްވަރު ދޫނުކޮށް އަޒުމް ވަރުގަދަ ކޮށްފިއްޔާ ވާނެ." ސައުޝަން ބުންޏެވެ.
އެމްޓީސީސީން އަންހެނުން ބާރުވެރިކުރުވައި ވަޒީފާގެ މައިދާނުގައި އަންހެނުން އަދާކުރާ ރޯލު ފުޅާކުރުމަށް، ރާވައިގެން ކުރިއަށް ގެންދާ ކަންތައްތަކުގެ ތެރެއިން ލިބުނު ފުރުސަތަށް ޝައުޝަނު ވެސް ކުރިމަތިލީ އަންހެނަކަށްވީތީ ފަސްނުޖެހޭނެ ކަމުގެ އަޒުމާއެކުއެވެ. ޓްރެއިނިންގް ބެޗްގައި ހުރި ހަމައެކަނި އަންހެނަކީވެސް އޭނާއެވެ. އެމްޓީސީސީން ތަމްރީނުތައް ނިންމައި ޝައުޝަން މިހާރު އަންނަނީ މާލޭ އޭރިއާގައި ބަސް އޮޕަރޭޓް ކުރަމުންނެވެ. އެތައް ދަތުރުވެރީންނަކާ އެކު އެންމެ ބޮޑެތި ބަސަތައް ފުރަމާލޭ ސަރަހައްދުގައި ފަރިތަކަމާއެކު އުފުލައިދިނުމުގައި އޭނާގެ ކުޅަދާނަކަމާއި ގާބިލު ހުނަރު ވަނީ އަންހެނުން ކީއްކުރަން ހެއްޔެވެ؟ ފިރިހެނުންނަށް ވެސް މިސާލަކަށް ވެގެން ގޮސްފައެވެ.
އެމްޓީސީސީން އަންނަނީ މިފަދަ ހުރިހާ ރޮނގަކުން އަންހެނުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިންޖިނިއަރިން އާއި ސެކިއުރިޓީ އާއި ބަސް އެޓެންޑެންޓުން ފަދަ އެތައް ވަޒީފާތަކަށް މިހާރުވެސް އެކުންފުނިން އަންނަނީ އަންހެނުން ތަމްރީނުކުރަމުންނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް