ވާހަކަ

ވަކިވާން ޖެހުމުން - 39

2

އޮނަސާޅީސްވަނަ ބައި

މަސައްކަތަށް ބޭނުންވާ ސަމާނު ހިފައިގެން ކަމަށް ހާއްސަ ކުރެވިފައިވާ ގޮޑީގައި އިށީނދެ ތައްހާނުބެއްޔަ އޭނާގެ ބޮޑުވާބިއްލޫރި ނަންބަރު އައިނު ލޮލަށް ހެޔޮވަރު ކޮށްލިއެވެ. އަދި ފޮތްބޮނޑިވަރު ނަގައި އޭގެއިން ކަމަށް ހާއްސަ ފޮތް ނަގައިގެން ދެލިދަޅާއި ގަލަން ތައްޔާރުކޮށްލިއެވެ.

"ހާ... ކަނބުލޯ... ތިޔަބުނާ މަންޖެގެ ނަމާއި އެކޮއިގެ އަމާގެ ނަމާއި ހިޖުރައިން އެކޮއި ވިހޭ ތާރީހު ކިޔާބަލަ.."

ހިސާބު ނަންބަރު ތަކެއް ޖަހައި، ދެއަކައަކާއި އަރަބި އަކުރުތަކެއް ލިޔެ ފަސްކަނަށްވާ ތަރިއެއް ކުރަހާ ހަދާފައި ތައްހާނުބެއްޔަ އަހާލިއެވެ.

"އިސްދޫކަލައިދު އެއްކޮށް އޮތް އިރު އެމަންޖެ މާލެ ބަދަލުވީ... މިހާރު އިނދެގެން އުޅެނީ މިރަށު މީހަކާ... ބެއްޔާއަށް އެނގޭނެ ކޮލިގަނޑުވަރަކީ ނޭނގޭވަރުގެ ތަނެއް ނޫނެއްނު...." ޒިމްނާ ފަރުވާތެރިކަމާއެކު ތައްހާނުބެއްޔާގެ މަސައްކަތަށް ކަޅިއުކަމުން ވާހަކަ ދެއްކިއެވެ.

"ކޮލިގަނޑުވަރޭ.... އެގޯތި ކޮން ސޮރެއްގެ އަންހެނެއްގެ ކަމެއް މީ.... ކީއްވެ ދޮންދީދީ ވަޑައިނުގެންނެވީ...؟"

ތައްހާނުބެއްޔަ ހައިރާންވެފަ އަހާލިއެވެ.

"ބެއްޔާ... ތިހުރިހާ އެއްޗެއް މަށަކަށް ނޭނގޭ... މަވެސް މީ ބީރައްޓެއްސެއް... އެކަމަކު މަ ބެއްޔާގެ ވާހަކަ ހޯދިތާ ދެތިން ހައެއްކަ ދުވަސް ވެއްޖެ... މަގޭ ރަހުމަތްތެރިޔާ އެއޮއްގެން ވާނުވާ ނޭނގި މަރަށް ތެޅެނީ... ނުދައްކާ ޑޮކްޓަރެއް ނުދޭ ބޭހެއް ނެތް... ފަންޑިތަ ހާހޫރަ އެކަނި ބާކީ އޮތީ... އެކަން ކުރަން މަމިއިނީ އައިސް... ދެންވެސް އަވަހަށް ފާލެއް ބަލައިދީ.... ނަމަކީ...."

ތައްހާނުބެއްޔާ ހީވީ ކަންފަތަށް ހޫނު ތިނަރައަޅާލީހެނެވެ. ތެޅިގެންފައި ފުންމައިގެން ތެދުވީ ޝައުފާގެ ނަމާއި ވަނަވަރު ކިޔަން ފެށިތަނާއެވެ.

"ތިކަމެއް ނުވާނެ... ނުކުރެވޭނެ..."

ތައްހާނުބެއްޔާ އަަވަހަށް ފޮތްބޮޑި އާއި ދެލިދަޅު ނަގަން ތެޅިގަތެވެ.

"އޭހޭ... ބެއްޔާ... ސަލާމަތްވާން ބޭނުމިއްޔަ މަށަށް ޖަވާބުދީ.... ބެއްޔާއަށް ފާލެއް ނުބެލެންވީ ކީއްވެ....؟"

ޒިމްނާ ފުންމައިގަތީ ބެއްޔާއަށްވުރެ ހަލުވިކޮށެވެ.

"ކޮއްކޯ... ބެއްޔާ އަދި މިރަށުގައި މަރުމަތި އަމާންކަމާއެކީ ނިމިދަންދެންވެސް އުޅެން ބޭނުން ހަމަޖެހިގެން އުޅެވޭނީ ބޮޑުންނާ ޖެހިނުގަނެ އުޅުނިއްޔަ... ތިއީ ބެއްޔާއާ އެކަށޭނަ ކަމެއް ނޫން...."

ތައްހާނުބެއްޔާ ޒިމްނާގެ ކުރިމަތީ ދެއަތްޖޯޑުކޮށް ކަރުއެލުވާލިއެވެ.

"ހަމަ ގަންދީ ބުނާ ތެދެއް... މަ ނުބުނާނަން ބެއްޔާގެ ނަން ހިލާ އެއްވެސް ދިރިހުރި ފުރާނައެއް ގާތަކު... މަށަށް ހަމަ އެންމެ ފާލެއް ބަލައިދީ... ޝައުފާ ހެޔޮ ކުރެވޭނޭތޯ ނޫންތޯ.... ބެއްޔާއަށް މިގެނައި ނަގުދު ހިބައިން... އަދިވެސް ބުނިވަރެއް ހެޔޮވަރު.... ހަތަހުވާބިއްލާހި މިބުނީ..."

ޒިމްނާ އޭނާއަށް އެނގޭ ފާޑަކަށް ހުވާކުރެވޭތޯ މަސައްކަތް ކުރިއެވެ.

ތައްހާނުބެއްޔާގެ ލޮލުގެ ކަޅިތެރޭގައި ފައިސާގެ ނޫޓުތަކުގެ ކުލަވަރު އަނެއްކާވެސް ވިދައިގަތެވެ. އެހެންކަމުން ކުޅުދިޔާވެފައި އަނެއްކާވެސް ތައްހާނުބެއްޔާ ގޮޑީގައި އިށީނެވެ. އެކަމަކު މިފަހަރު ބެއްޔާ ޒިމްނާ ގާތަކު އެއްވެސް ސުވާލެއް ކުރާކަށް ނޫޅުނެވެ. ފޮތުގައި އަކަ ކުރަހައި ނަންބަރާއި ރޮގު ދެމީ އަމިއްލަ އަމިއްލައަށެވެ. އަދި ދެން ދެސޫރައެއް ކުރަހައި ހެދިއެއްޗެއް ހަދާފައި ފާރިސީ ލިޔުމުން ބައިވަރުތަކެއް ލިޔަންފެށިއެވެ. އިރެއްއިރަކަށް ބެއްޔާގެ މޫނުގެ ކުލަފަޑުވަމުން ދިޔަކަމާއި ބެއްޔާ މުޅިމީހާ އެކީއެކަށް ރޫރޫ އަޅަން ފެށިކަން ޒިމްނާއަށް ފާހަގަކުރެވުނެވެ.

"އެކޮއި މަރުވަނީ..... މިއަތަކު ނާންނާނެ.... ދެނެއް...."

ތައްހާނުބެއްޔާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޒިމްނާ ބެއްޔާގެ ހުދު ތުބުޅީގައި ހިފައި ދަމައިގަތީ ބޭއިހުތިޔާރުގައެވެ. "ކޮޔާ.... ކޮޔާ... ތިއައީ މާލަހުން.... އިއްޔެ އައިނަމަވެސް މިހެން ނުވީސް... މިހާރުދެން ކުރާނެ ކަމެއް ނެތް... މޮހޮރު ފީވަމުން ގޮސް ބާކީ ހުރި އެތިކޮޅުގެ ބާރުވެސް ރަހައިން ކަޑުވާލީ ހަމަ ރޭގައި.... ދޫކުރި ރޮނޑު އަތެއް ނުވާނެ... ހެދީ އެކަތި ދޭއްޗެއް ނޫން.... އެކަމަކު ކުޅަދުންވަންތަކަމާ ދެކޮޅަށް ކަން ކުރެވޭނީވެސް ވަކި ގޮތަކަށްވީމަ..."

ޒިމްނާގެ ޝައްކު ޔަގީނަށް ބަދަލުވީއެވެ. ޝައުފާއަށް ފެންނަ އެހުވަފެނުގެ ވާހަކަ އިވުނު ފުރަތަަމަ ފަހަރު އެއީ އެހާބޮޑުކަމަކަށް އޭނައަކަށް ނުވިސްނުނެވެ.

އެހެންނަމަވެސް ދާދި އިހަށް ދުވަަހު "މިފަހަރު އެއީ ކޯޗެއްކަން ހަމަ ރަނގަޅަށްވެސް ފެނުނު. ދޯނީގެ ކުނބާއެކު މަ ކާލަނީ ބޮޑުކަޅު ވެނެއް... ދޯނީގެ އަނެއްބަޔާއެކު ޝާމިން އޮޔާދާތަން ފެނޭ.... ވެނުގެ އަނގަތެރެއަށް ގެއްލުމުގެ ކުރިން އަލިގަނޑަކާއެކު ޝާމިން އަރައިގެންދާ ބޮޑުރާޅެއްގެ ތެރެއަށް ގެއްލޭތަންވެސް ސާފުކޮށް ފެނޭ...."

"އެކަޅުވެނަކީ މިސިހުރު.... އަލިގަނޑަކާއެކު ޝާމިން ގެއްލޭތީ ފެންނަނީ މިސްކިތުގެ ނޫރާއި ޝައުފާގެ ލޯބި...."

ޒިމްނާގެ ލޮލުން ކަރުނަ ތިއްކެއްވެސް ނައެވެ. ގަބުއަރާފައި އިނދެވުނީއެވެ. ތައްހާނުބެއްޔާގެ ފަގުޑި އަތަށް އޮޅާލިގޮތަށް އަތުތެރޭގައި ފަގުޑީގެ ނިއުޅިގެން އައި ބައި އޮތެވެ. ކުއްލިއެއް ޖަހާ ދަމައިގަތް ބެއްޔާގެ ތުނބުޅިން ބައެއްވެސް އޭނާގެ އިނގިލިތަކުގެ ތެރޭގައި ހަރުލާފައި ހުއްޓެވެ.

ތައްހާނުބެއްޔާ ކިޔައިދިނެވެ.

އެންމެ ފުރަތަމަ ޝައުފާ އާއި ޝާމިންގެ ކައިވެނި ކުރުމުގެ މާކުރިން ދެކޮޅުގެ ޓިކެޓާއެކު އޭނާ މާލެ ގެންދެވުނު ގޮތުގެ ވާހަކައެވެ. އެތަކެއް ފާލުބަލައި ރަމަލުޖެހުމާއެކުވެސް އެދެމީހުން ކައިވެނިކުރީއެވެ.

އެދެމީހުން ވަކިކުރެވޭތޯ އެނގިހުރި ހުރިހާ ވައްތަރެއްގެ މަސައްކަތް އޭނާ ކުރިއެވެ. އެކަމަކު އެއްފަސްގަނޑެއްގައި ތިބިހާ ހިނދަކު އެދެމީހުން ވަކިނުކުރެވޭނެކަމުގެ ޔަގީންކަން ދިނުމުން ދެން މަސައްކަތް ކުރަން ޖެހުނީ ދެމީހުން ދެފަސްގަނޑަކަށް ބަދަލުކުރުމަށެވެ. ޝާމިން އާއި ޝައުފާގެ ކެއުންތަކުގައި ހުންނާނީ މުޅިންވެސް ސިހުރުގެ ރަހަތަކެވެ. ޝާމިން ޝައުފާ ދޫކޮށްލާފައި ދިޔަކަން ގައިމެވެ. އެކަމަކު ފަހަރެއްގައިވެސް ޝާމިން ދެވަނަ ކައިވެންޏެއް ކުރަން ކީއްކުރަން ހެއްޔެވެ. ޝައުފާ ވަރިކޮށްލާކަށްވެސް ގަސްދެއް ނުކުރިއެވެ.

ހުއްޓުމެއް ނެތް މަސައްކަތުގެ ތެރެއިން ދެން ފެށީ ޝާމިން އެނބުރި އާދޭތޯ އާއި އައިސް ކައިވެނިކުރުމަށް އުޅޭނެތޯ ބެލުމަށް ކުރި މަސައްކަތެވެ. އެކަމަކު ގައުމުގެ ފަސްގަނޑުގައި ފައި ޖެހުމާއެކު ޝާމިން ދުވެފަައި ތެޅެން ފެށީ ޝައުފާ ހޯދުމުގެ މަސައްކަތެވެ. އަދި މިރަށުގައި އެމީހުން އާ ހަޔާތެއް ފަށައިގެން ކުރިއަށް ދާންފެށުމުން ކަމުގައި ހުރި ދަތިކަން ތައްހާނުބެއްޔާ ކިޔައިދިނެވެ.

އެދެމީހުންގެ މިސާލަކީ ދެހަށިގަނޑެއްގައި އުޅޭ އެއްފުރާނައެއްގެ މިސާލުކަމެވެ. އެދެމީހުން އެކީގައި ދުނިޔޭގައި ތިބިހާ ދުވަހަކު އެމީހުން ވަކިވުމެއް ނެތެވެ. އެއީ އެއަށްވުރެ ތޯހިރު މާތް ލޯތްބެއްވާ ދެމަފިރިއެކެވެ.

އެހިސާބުން ނުރައްކަލުގެވެސް ހައްދު ފަހަނައަޅައި ދާން ޖެހުނީއެވެ. ދެންވެސް ކާމިޔާބެއް ނުކުރެވުނެވެ. ޝައުފާގެ ނުކުޅެދުންތެރިކަން ދެކެވެސް ޝާމިންވީ ލޯތްބެވެ. އެއްވެސް އުނިކަމެއް ޝާމިނަކަށް އިހުސާސް ނުކުރެވުނެވެ. ކުރިއަށްވުރެ ޝާމިންގެ ލޯބިވީ އިތުރެވެ.

އެހިސާބުން ހައްދުހުދޫދުން ބޭރުވެ ދަހިވެތިކަމާއި އެދުންތަކުގެ އެންމެ އުހަށް، އިބިލީހުގެ އުޑަށް ހިތުގެ ދަހިވެތިކަން ފޯރުވީއެވެ. އެއްޗެއް ބޭނުން ވެއްޖެ ހިނދެއްގައި އިންސާނާ ކޮން ދަރަޖައަކުން ކޮން ދަރަޖައަކަށް ވެއްޓިގަނޭހެއްޔެވެ.

"އެކަކު މަރާލާ... ޝައުފާ މަރާލާ... އޭރުން ޝާމިން ދެވަނަ ކައިވެންޏެއް ނުކޮށް ވަންނާނެ ތަނެއް ނޯންނާނެއެއްނު..."

"އާގއާހހްހްހް"

ޒިމްނާގެ އަޑު މުޅި ގޭގެ ހަތަރުފާރުގައި ޖެހިފައި އަނެއްކާވެސް އެނބުރި އައިސް ޖެހި މުޅި ތަނުގައި އެހަޅޭކުގެ އަޑު ހަރުލައިފިއެވެ. އެކަމަކު ޝާމިންގެ ކައިވެނި ބޭނުންވެގެން އޭނާގެ ރަހުމަތްތެރިޔާއަށް އެހުރިހާ ވޭނެއް ދިނީ ކޮން ޝައިތާނެއްހެއްޔެވެ.

އާހް... ކުރިން ވިސްނާލެވުނުނަމައެވެ. މިހިސާބަށް މިކަން އައުމުގެ ކުރިން، ލޯހުޅުވާލާ ހޯދުނުނަމައެވެ. އާހް.. ހިތާމައިގެ ކޮޅެއް ނެތެވެ. މިއީ ކޮންފަދަ އަނިޔާވެރިންތަކެއް ހެއްޔެވެ. އެއްފަހަރުވެސް އެމައުސޫމު އަންހެންމީހާ ގާތުގައި ލޯތްބާއެކު ކަލޭގެ ފިރިމީހާ އަހަރެން ބުނާ ބަސް އަހައިގެން ދޫކޮށްލާށޭ، އެނޫނީ މިކަމުގެ އަގު ދޭން ޖެހިދާނެއޭ، ބުނިނަމަ އުފަލުން އެކަންކޮށްދޭނެކަން ގައިމެވެ.

"އެކަކުވެސް ދުލެއް ނުކުރާނަން.... އޭހ ބެއްޔާ... ޕޮލިހަށް ދާން ހިނގާ.... ކަލޭތީ ވާ ފިސާރި އަޅުވެރި ޒުހުދުވެރި ވަލީވެރިއެއް... ކަޑާލިތަނަކުން ލޭވެސް ނާންނަހާ ހަރާމްކޯރު ޖަނަވާރަކަށްވުރެވެސް ނުބައި ޝައިތާނެއް ކަލޭތީ.... ކަލޭގެ އަނގައިގަ ތިހިރަ ދަތުގައި އެސް ހަރުކުރެވުނު މޮޔަ މިހާރު ހީވޭދޯ... މަށަށް ކަލެއާ ހަމައަށް އަންނަން އެނގުނީ އޭގެ ސަބަބުން... މާލޭގެ މޮޅު ދަތުގެ ކުލިނިކަކުން ކަލޭ ކަހަލަ މިރަށުގެ ފަންޑިތަވެރިއަކަށް ތިހާ އަގުބޮޑު ދަތެއް ހަދައިދޭން އެވެސް މިރަށަށް އައިސްގެން ތިހިދުމަތް ދޭން... މުސްކުޅިވިދުވަހު ކަލޭ ދަތުގައި ޖަވާހިރުޖެހުމަށް މީހެއްގެ ރޯހަލާލެކޭ ތިމަރާލީ..."

ތައްހާނުބެއްޔާ ފުލުހުންނާ ހަވާލުކޮށް ކުރު ބަޔާނެއް ދީފައި ޒިމްނާ ބާރު ސްޕީޑެއްގައި ހޮސްޕިޓަލާ ދިމާއަށް ސްކޫޕީ ދުއްވާލިއެވެ. ސަމަދުގެ ކޯލު އެތައް ފަހަރަކު ނުނެގި ކެނޑިއްޖެއެވެ. އެތައް މެސެޖެއް އެބަހުއްޓެވެ. ޒެލޯއިން މިދަނީއޭ ބުނަން ގޮވިއިރު ޝައުފާ އޭނާ ނެތިގެން ބަލިއަޑުން ކޮބާހޭ އަހާއަޑު އިވުނެވެ، އޭނާއަށް ބާރަށް ގިސްލާފައި ރޮއިގަނެވުނީ ދެނެވެ. އޭނާގެ ހިތުގައި އެއްފަހަރެއް ކަމަށް ޝާމިނަށްވެސް ރުޅިވެރިކަމެއް އުތުރިއަރައިގަންނަން އުޅުނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ.

ޔުއާނާގެ ލޯބީގާ ދިވާނާ ވެގެން މޮޔަގޮވަމުން ގޮސް ޝައުފާގެ ހަޔާތަށް ބަހާރަކަށްވެ ޔުއާނާއާ ވަކިވެ މިހުރިހާ ސަކަރާތެއް ނުޖެހިނަމަ ގައިމުވެސް އޭނާގެ އެކުވެރިޔާ އެހާލުގައި އޮންނާކަށް ނުޖެހުނީހެވެ. ދެން އަނެއްކާވެސް އަމިއްލަ ހިތާއި ސިކުނޑިއަށް ވިސްނައިދީ އޭނާ އަމިއްލަ ނަފުސު ހަމައަކަށް އެޅުވިއެވެ. އެހެންނަމަވެސް ހޮސްޕިޓަލާ ދިމާއަށް ދުއްވާފައި ދިޔަ އޭނާގެ ސައިކަލު އެތައް ފަހަރަކު ލޯފޮހެލުމަށްޓަކައި ދުވެލި މަޑުކުރަން ޖެހުނެވެ. އެހެންނަމަވެސް ދެންވެސް ލޮލުން ހޯސްލާފައި އޮހެމުންދިޔަ ކަރުނައަކަށް ބަދަލެއް ހުއްޓުމެއް ނައެވެ.

ވާނީވެސް އެހެންނޫން ހެއްޔެވެ. ދަންނަން ފެށީއްސުރެ ޝައުފާއަކީ އޭނާގެ ހަމައެކަނި ރަހުމަތްތެރިޔާއެއް ނޫނެވެ. އޭނާގެ ކޮއްކޮއެއްގެ ދައުރުވެސް އަދާ ކުރަނީ އެޝައުފާއެވެ. ކައިވެންޏެއްކޮށް ދަރިން ލިބުމުގެ އުފަލުން މަހުރޫމުވެފައި އިނދެ އޭނާ ނަފުސާނީ މައްސަލައަކާ ހަމައަށް ދިއުމުން ރައްކާތެރިކޮށްދީ މާޔޫސްނުވެ ކަލާނގެ ވާގިފުޅުން މާޔޫސްނުވެ މަސައްކަތްކުރުމަށް މެދުނުކެނޑި ނަސޭހަތްދިނީ އެއެކުވެރިޔާއެވެ. ހަޔާތުގެ އެންމެ މުހިންމު ވަގުތުތަކުގައި އޭނާއާ އެންމެ ގާތުގައި އިނީ އެލޮބުވެތި ރަހުމަތްތެރިޔާއެވެ. މިހާ ހަގު އުމުރެއްގައި މިހާ އަވަހަށް އެލޮބުވެތި އިންސާނާއާ ވަކިވާން ޖެހިދާނެކަމަކަށް އޭނާ ކުޑަކޮށްވެސް ހުވަފެނެއްގާވެސް ހިތަށް އަރައި ވިސްނިފަވެސް ނެތެވެ.

"ޒިމޫއަކީ ވަރަށް ލޯބި ރަހުމަތްތެރިއެއް... މަރުދޭނެ... ލޯބިވާ މީހަކަށްޓަކައި ޖާނުން ފިދާވާނެ...."

ހޮސްޕިޓަލުގެ އެނދުގައި ތިމަންނާ ގުނަމުން މިދާ ހިނދުކޮޅުތަކަކީ ހަޔާތުގެ އެންމެ ފަހު ވަގުތުތައް ކަން އޭނާއަކަށް ކުޑަކޮށްވެސް އިހުސާސެއް ނުކުރެވެއެވެ. އެހިތްދަތި ބިރުވެރި އިހުސާސުގެ ހިލަމެއްވެސް ނެތި އޭނާ ހިިނިތުންވެލައިގެން އިންތިހާއަށް ލޯބިވާ ފިރިމީހާގެ އުނގުގައި ބޯ ބާއްވާލައިގެން އޮވެ ޒިމްނާ ލަސްވެގެން އެވާހަކަ ދައްކަނީއެވެ. އެނދުގެ ކަނެއްގައި ނުގޮތަކަށް ބޭރަށް ފައިބާލައިގެން ބުރަކަށި އެނދުގެ ފަޑީގައި ޖައްސާލައިގެން، ލޯބިވާ އަނބިމީހާގެ ބޯގެނެސް އުނގުގައި ބާއްވާލައިގެން އިން އިރު ޝާމިންގެ ހިތާއި ސިކުނޑި ގަބު އަރާފައި ހުރި ކަހަލައެވެ. މިވަގުތު އޭނާ އެއިނީ އެކައްޗެއްވެސް ނޭނގިފައެވެ. ވިސްނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ.

ކުދިން ގޮވައިގެން އައިސް އުޅެފައި އެކުދިން ގޮވައިގެން ސަމަދު ދިޔައީ ކުދިން ނިންދަވަން މާބޮޑަށްވެސް ލަސްވެފައިވާތީއެވެ. ރޭގަނޑުގެ ފުރަތަމަ ދަމަށް ނިމުމެއް އަންނަން އުޅެނީއެވެ. ހޮސްޕިޓާ ތެރޭގައި މީހުން މަދުވެލައިފިއެވެ. ޑޮކްޓަރުންގެ ޗެކްރައުންޑު ނިމި ނަރުހުން ބަލިމީހުންގެ ކެއުން ނިމުނުތޯ އަހާބުރުވެސް ނިމިއްޖެއެވެ. އަދި އެއަށްފަހު ބޭސްދީވެސް ނިމިއްޖެއެވެ.

ކުޑައިރުކޮޅެއް ކުރިން ޑޮކްޓަރު ޝާމިން އަށް ގޮވައި ގެންދިޔައެވެ.

"ޒިޔާދު އަހުތަރާއި އަހުތަރު ސަލީމުގެ ދެމަފިރިން ފަތިހުގެ ފްލައިޓުން އާދޭ... ޝާމިން... އަދިވެސް އަހަންނަކަށް އެއްކަމެއް ނުވިސްނޭ... ޝައުފާ މިހާބޮޑަށް މިބަލިވަނީ ކޮންކަމަކާހެދިކަން.... ކުރީގެ އެއްވެސް ޓެސްޓެއްގައި އެއްވެސް މައްސަލައެއް ނެތް.... ހަމައެކަނި އެސްޕީއޯޓޫ ނުހިފަހައްޓަނީ... އެކަމަކު ފުއްޕާމޭ އެވަރަށް ހަލާކުވާން ޖެހުނީ ކިހިނެއް...؟ ކީއްވެ...؟ ކުރިއަކުން ސީއޯޕީޑީގެ އެއްވެސްކަމެއް ނެތް... އަދިވެސް މިހާރުވެސް އެއްވެސް ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތީގެ ބޭނުން ކުރުން.... އާއިލާގެ މިބަލީގެ މާޒީއެއް.... މިކަހަލަ އެއްކަމެއްވެސް ނެތްކަމަށް ވަނީ.... އެކަމަކު ހައިރާންވެ އަންތަރީސްވާކަހަލަ ކަމެއް މިފަހަރުގެ އެކްސްރޭ ތަކުން އެބަ ފެނޭ... ކުރީގެ އެއްވެސް ހިސްޓްރީއެއް ނެތްކަމެއް... ޝައުފާގެ ފުއްޕާމޭ އަނދައިގެންގޮސް ފޫއެޅިފަ ހުރީ.... މިބުނީ ސީދާ އަނދިރިކޮށޭ ފުއްޕާމޭ ފެންނަނީ... ބަލާބަލަ... ހީވަނީ އަންދާލާފަ ހުރިހެން... މިއީ މުޅިން އާ ކަމެއް..."

ޑޮކްޓަރު ޝާމިނަށް އެކްސްރޭ ދެއްކިއެވެ. ފުރާނައަކީ ﷲތައާލާގެ މިލްކެކެވެ. އެކަލާނގެ މިންވަރު ކުރެއްވި ވަގުތަކާ ހަމައަށް ލަހައްޓަވައެވެ. އަދި ގެންދަވަން ގަޑި ޖެހުމަށްފަހު ތަފާތެއް ފަރަގެއް ނެތި އެކަލާނގެ އެފުރާނައެއް ގެންދަވައެވެ. ޝައުފާ ވެންޗޫރާ އާއި އޮކްސިޖަންގެ އެހީގައި، މެޝިނުގެ ޒަރީއާއިން ނޭވާ ލާނީ ކިހާ ވަގުތެއްވަންދެން ކަން ނޭނގުނަސް، ޝައުފާގެ އޮކްސިޖަން އަދިވެސް ދަނީ ނުހިފެހެއްޓި ދަށްވަމުންނެވެ. އެހަގީގަތަކާ ދެކޮޅެއް އެކަކަށްވެސް ނުހެދޭނެއެވެ.

(ނުނިމޭ)