ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

ހޯމް މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަންކުރެއްވީ ގދ. ވާދޫ، ޕެރިސް، ލުއައްޔު ސައީދެވެ. އެނގިފައިވާ ގޮތުގައި ލުއައްޔު އަކީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ އާއިލީ ބޭފުޅެކެވެ.

ލުއައްޔު ވަނީ އޮސްކްފޮޑް ބްރޫކްސް ޔުނިވާސިޓީން 2013 ވަނަ އަހަރު ބެޗެލާ އޮފް ސައިންސް އޮނާސް އިން އެޕްލައިޑް އެކައުންޓިން ހާސިލުކުރައްވާފައެވެ.

މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ލުއައްޔު ވަނީ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރުކަމާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ގެ އިންޓާނަލް އޮޑިޓް އެގްޒެކެޓިވްކަމާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ސީނިއާ އޮޑިޓަރުކަމުގެ މަގާމު ފުރުއްވައިފައެވެ.

ލުއައްޔު އައްޔަންކުރެއްވުމުގެ ކުރިން ވެސް ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ބޭފުޅަކު ހުންނަވައެވެ. އެއީ އަބޫބަކުރު އަބްދުލްކަރީމެވެ. އޭނާގެ އިތުރުން ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް އަދި އަލީ ރަޝީދުގެ މަގާމުތަކަކަކީ ވެސް ހޯމް މިނިސްޓްރީގެ ނައިބުންގެ ފެންވަރުގެ މަގާމުތަކެވެ.