ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ.ހިކިފިނިފެންމާގެ އުމަރު އަބްދުއްރައްޒާގު އައްޔަންކުރެއްވުމަށާއި، ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ގ.ފިޔާތޮށިގެ ހަސަން ސާބިރު އައްޔަންކުރެއްވުމަށްޓަމައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވައިފިއެވެ.

އުމަރު އަބްދުއްރައްޒާގު މިހާތަނަށް ހުންނެވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަމުގެ މަގާމުގައެވެ. ހަސަން ސާބިރު މިހާތަނަށް ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަގާމުގައެވެ.

އެބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވަމުން އަމީން އާއްމު އައިމިނަތު ނިއުޝާ ވިދާޅުވީ، ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ރާއްޖެއިން ކަނޑައަޅުއްވާފައި މިހާރު ހުންނެވި ސަފީރާއި، ސްރީލަންކާއަށް ކަނޑައަޅުއްވާފައި މިހާރު ހުންނެވި ސަފީރު އަނބުރާ ރާއްޖެ ގެންނެވުމަށް ނިންމަވާފައިވާ ކަމަށެވެ.

އުމަރު އަބްދުއްރައްޒާގަކީ، އޮސްޓްރޭލިއާގެ އެޑިތު ކޮވިން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. ހަސަން ސާބިރަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު ވޭލްސް އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

މި ދެބޭފުޅުނަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސް ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވުމުން، އެ މައްސަލަ ދިރާސާކުރެއްވުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާންކުރެއްވިއެވެ.