ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަގާމުގައި ތިއްބެވި ބޭފުޅުން ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ކުންފުނިތަކަށް ބަދަލުގެނައުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަންސްގެ ކުރީގެ ރައީސް އަހުމަދު ޝަރީފު ހަމަޖެއްސުމެވެ. އެ މަގާމުގައި މިހާރު ހުންނެވި ހަސަން މުޣުނީ ބަދަލުކުރަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީއަށެވެ.

އޭގެ އިތުރުން ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާދަމް މުހައްމަދު ޕޯސްޓް އޮފީހަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ. ނަމަވެސް ޕޯސްޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ޝަފީގް ބަދަލުކުރާ މަގާމެއް އަދި ކަށަވަރެއް ނޫނެވެ.

ކުންފުނިތަކަށް މި ބަދަލު ގެނައުމަށް ޕީސީބީއަށް އަންގާފައިވީ ނަމަވެސް، އެ ބޯޑުން ރަސްމީކޮށް އެ ބަދަލުތައް އަދި ގެނެސްފައެއް ނުވެއެވެ.

ޕީސީބީގެ ރައީސް އާސިމް މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވި ގޮތުގައި، ބަދަލުކުރަން އަންގާފައިވާ މަގާމުތަކާ ގުޅޭ ގޮތުން ޕީސީބީ ބޯޑުން ދަނީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"ހަތަރު ވަރަކަށް ބޯޑް ޕޮޒިޝަންސް ލިބިފައި އެބަ އޮތް. ޕީސީބީ ބޯޑުގައި ޑިސްކަސް ކުރަމުން މިދަނީ، މިއަދު ގޮތެއް ނިންމޭތޯ މަސައްކަތް މި ކުރަނީ" އާސިމް ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބޮޑު ބަދަލެއް ކުއްލިއަކަށް ގެންނަ ސަބަބު ސަރުކާރުން ހާމައެއް ނުކުރެއެވެ.