ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްލް)އިން ހައުސިން ގްރާންޓް އިފްތިހާހުކޮށްފިއެވެ.

ބީއެމްއެލުން މިއަދު ބުނީ، އެބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭންކުގެ ހައުސިން ގްރާންޓްގެ ދަށުން ހިލޭ އެހީގައި ތިން އާއިލާއަކަށް ފަރުނީޗަރު ހިމެނޭހެންގެ އިމާރާތްކޮށްދޭނެ ކަމަށެވެ.

ހައުސިން ގްރާންޓް ހަރަކާތުގެ ދަށުން އެހީ ބޭނުންވާ އާއިލާތައް ނޮމިނޭޓްކޮށް ހިލޭ އެހީއަށް އެދި ހުށަހަޅުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ޖަމިއްޔާތަކާއި ކައުންސިލްތަކަށް ހުޅުވާލާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ މިއަދު ވިދާޅުވީ ބީއެމްއެލްގެ ހިލޭ އެހީގެ ޒަރިއްޔާއިން ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ޕްރޮޖެކްޓްގެ ދަށުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކަށް ދިރިއުޅުމަށް ހެޔޮ ބަދަލުގެނައުމުގެ ފުރުސަތު ހޯދައިދިނުން،" ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލްގެ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކަކީ ބީއެމްއެލް ސްކޮލާޝިޕް ފަންޑު، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން އަދި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ތައާރަފުކުރުމެވެ.