ޚަބަރު

ވޯޓް އެއްވަރުވި އެމްޑީޕީ ޕީޖީގެ ޑެޕިއުޓީންގެ އިންތިހާބު ފަސްކޮށްފި

މުހައްމަދު އިޝާން

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން ވޯޓް އެއްވަރުވި ދެ ކެންޑިޑޭޓުންގެ ވޯޓް އަލުން ނެގުން އަންނަ މާޗު މަހުގެ ހަތް ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

އެމްޑީޕީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މާދަމާ ބާއްވަން ނިންމާފައިވާ އެ އިންތިހާބު އަންނަ މާޗު މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ޑެޕިއުޓީ ޕީޖީ އަކު ހޮވުމުގެ އިންތިހާބުގެ އިތުރުން އެމްޑީޕީގެ ވިޕުން ހޮވުމުގެ އިންތިހާބު ވެސް އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ދެ ޑެޕިއުޓީ ލީޑަރުން ތިއްބަވާއިރު މިމަހުގެ 18 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެ މަގާމަށް ވާދަކުރެއްވީ ތިން ބޭފުޅުންނެވެ. އެއީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އެވެ.

ބިގޭ އެ މަގާމަށް 49 މެމްބަރުންގެ ވޯޓުން އިންތިހާބުވެވަޑައިގެންނެވިއިރު އެ މަގާމަށް ދެން ވާދަކުރެއްވި އަނދުން ހުސައިނާއި އިލްޔާސް ލަބީބަށް ވެސް ލިބިވަޑައިގެންނެވީ 34 ވޯޓެވެ. އެހެންވެ އެ ދެބޭފުޅުންގެ މެދުގައި އަލުން އިންތިހާބެއް ބާއްވަން ޖެހުމުން، އެ އިންތިހާބު ބާއްވަން ނިންމީ މާދަމާއެވެ.

މިމަހުގެ އަށާރަ ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެމްޑީޕީގެ އާ ޕީޖީ ލީޑަރުގެ މަގާމަށް އިންތިހާބުވެވަޑައިގަތީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. އޭނާ ވާދަކުރެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރުކަމުގައި ކުރިން ހުންނެވީ އަލީ އާޒިމެވެ. އަސްލަމް ޕީޖީގެ ލީޑަރުގެ މަގާމަށް އިންތިހާބުވެޑައިގަތީ 40 މެމްބަރުންގެ ވޯޓުންނެވެ. އާޒިމަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ޖުމްލަ ތިއްބަވަނީ 65 މެމްބަރުންނެވެ.

ޕާލިމެންޓްރީ ގްރޫޕުގެ އަމީންއާންމުގެ މަގާމަށް ފުވައްމުލަކު މެދު ދާއިރާގެ ހުސެއިން މުހައްމަދު ދީދީ އިންތިހާބުވެވަޑައިގެންފައިވަނީ 63 މެމްބަރުންގެ ވޯޓުންނެވެ. އަދި ޑެޕިޔުޓީ އަމީންއާންމުގެ މަގާމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އިންތިހާބުވެޑައިގަތީ 35 ވޯޓުންނެވެ. ނިހާދުއާ ވާދަކުރެއްވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމު މުއިއްޒުއަށް ލިބިވަޑައިގަތީ 29 ވޯޓެވެ.

މީގެ އިތުރުން 34 މެމްބަރުންގެ ވޯޓާއެކު އެމްޑީޕީގެ ޗީފް ވިޕްގެ މަގާމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުއުނީ ވަނީ އިންތިހާބުވެޑައިގެންފައެވެ. ޗީޕް ވިޕްގެ މަގާމަށް ދެން ވާދަކުރެއްވި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް ލިބިވަޑައިގެންނެވީ 31 ވޯޓެވެ.

އެމްޑީޕީ ވިޕުންނަށް އިންހާބުވެވަޑައިގެންނެވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދާއި ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝީދު (ރާޑޯ) އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމެވެ.