އެއީ އާދައެކޭ ވެސް ބުނެވިދާނެއެވެ. ނުވަތަ ކުޑައިރު ހާނާފައި ހުރުމުން އެގޮތުގަ އެކަން ކުރެވެނީ ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އެނގޭ ކަމަކީ ނިދަން އޮށޯންނައިރު، އެހެން ހުރިހާ ވަގުތަކަށްވުރެ ސާފުކޮށް ތާޒާކަމާއެކު ރީތިވާކަމެވެ.
ބައެއް ފަހަރު ރައްޓެހިންވެސް މިކަމާ ކަންބޮޑުވެގެން މިވާހަކަ ދައްކައެވެ. އާންމުކޮށް މެންދުރު ކުޑަވަގުތުކޮޅަކު އޮށޯވެ ނިދުމަކީ އަބަދުގެވެސް އާދައެކެވެ. އެހެންކަމުން ކިރިޔާވެސް ވާން އޮތިއްޔާ މެންދުރު އެއްގަޑި ބައިގައި ނޫނީ ދޭއް ޖަހާކަށްހާއިރު ގަޑިއެއްހާއިރުގެ ނިދިނިދާލެވެއެވެ. ހާއްސަކޮށް ހަވީރު ތަނަކަށް ދާން އޮތިއްޔާ މިއީ ހަމަ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ނިދާލުމުން މިހާއަށް ތާޒާކަމާއި ހިތްހަމަޖެހުންވެސް ލިބިދެއެވެ.
އެހެންމީހުންވެސް ނިދާނެތާއެވެ، ވީއިރު ރައްޓެހިން ކަންބޮޑުވެ، "ޔަގީން، ޝައްކު ބަލިކަން. ޑޮކްޓަރަށް ދައްކަން ވީނު." މިހެން ކިޔަނީ ކީއްވެބާވެއެވެ.
ފެށުނީއްސުރެ އާދަވެފައިވާ ކަމަކަށްވާތީ އެކަން ކުރަނީއެއް ނޫނެވެ. އެކަމުގައި އޮތް ހިތްހަމަޖެހުމާއި ނިދާލުމުން އެވާ ފަސޭހައިގެ އިތުރުން އަރާމު އިހުސާސެއް ކުރެވޭތީ އެއާދަ ދޫކޮށްލަން ބޭނުން ނުވަނީއެވެ.
ނިދުމުގެ ކުރިން ދަތް އުނގުޅައި، ރީއްޗަށް ފެންވަރާ ތާޒާވެލަމެވެ. ނިދާ ހެދުން ލައިގެން ހިތްހަމަޖެހޭ ވަރަށް ރީތިވަމެވެ. މީރުވަސްދުވާ ކޮންމެވެސް ބާވަތެއް ގައިގައި ހާކަމެވެ. އާންމުކޮށް ހަފުތާއަކު މަދުވެގެން އެއްފަހަރު ނޫނީ ހަތަރު ދުވަހުން އެއްދުވަހު ނިދާ ތަންމަތީގެ އުރަތަކާއި ރަޖާ ދޮވެ ހިއްކައި އިސްތިރިކޮށް ތަންމަތި ފޮޅައި މީރުވަސް ދުވާގޮތްވެސް ހަދަމެވެ. އެއްވެސް ގަޑިއެއްގައި ނިދާ ހޭލައިގެން ތަންމަތިން ފޭބުމާއެކު ތަންމަތި ފޮޅައި ރީތިކޮށްލުމަށްފަހު ނޫނީ އެހެންކަމަކާ ދިމާއަށް ނުދަމެވެ. ރައްޓެހިން 'ޝައްކުބައްޔޭ' ކިޔަނީ މިކަންތައްތަކަށެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު އަދި އެންމެ އުފާވެރި މީހުންގެ ހާއްސަ ސިއްރެއް ހިއްސާކޮށްލަން ކަމަށް ހީކުރަމެވެ. ނިދުމުގެ ކުރިން އަމިއްލަ ނަފުސަށް ވަގުތުދީގެން ނިދާ ތަންމައްޗާއި ތިމާ ސާފުތާހިރުވެ ނުހަނު ތާޒާވެ ރީތިވެލުމުން ލިބޭ ހިތްހަމަޖެހުން ތަޖުރިބާ ކޮށްލީމާ އިހުސާސް ވާނެއެވެ. ހަގީގަތުގައި އަނެއް ދުވަހުގެ ފެށުންވެސް ވަރަށް ކާމިޔާބުވެފައި ތާޒާވާނެއެވެ.
- ނިދުމުގެ ހާއްސަގަޑިއެއް ކަނޑައަޅާފައި ބާއްވާށެވެ. ނިދުމުގެ ކުރިން ތަންމަތި ފޮޅައި ރީތިކޮށްލާށެވެ. ބަންދު ރޭތަކުގައި ވެސް ނިދަން އޮށޯތުމަށް ވަކި ގަޑިއެއް އަބަދުވެސް ކަނޑައަޅާށެވެ. އޭރުން އެގަޑިއަކަށް ނިދި އައުން އާދަވާން ފަށާނެއެވެ.
- ނިދުމުގެ ތިންހަތަރު ގަޑިއިރު ކުރިން ރޭގަނޑުގެ ކެއުން ނިންމާލާށެވެ. އިރާކޮޅު ކައިގެން ހުރިނަމަ ދިހައެއް އެގާރަ ޖަހާއިރު ތަންކޮޅެއް ލުއި މޭވާއަކާއި ޖޫސްތަށްޓެއްގެ އެއްބައި ނުވަތަ ކިރުތަށްޓެއް ބޯލުން އެންމެ ރަނގަޅެވެ.
- ނިދާ އެނދު ކައިރީގައި ކަރަންޓު ސާމާނު ނުބަހައްޓާށެވެ، ފޯނު ޗާޖަށް ޖެހުމަށް ބޯޑު އެނދުގެ ކަނަކަށް ލައިގެން އޮތުމުގެ މޮޔަ ސޭކު ކަންތައް ނުކުރާށެވެ. ލެޕްޓޮޕް ނުވަތަ ޕީސީގެ ނޫއަލިން ނިދުމަށް އަސަރު ކުރުވާނެއެވެ. އެހެންކަމުން ނިދުމުގެ ގަޑިދެގަޑިއެއްހާ އިރު ކުރިން މިފަދަ ތަކެތި ނިވާލާށެވެ. އަދި އެލާމް ސެޓްކޮށްފައިވާ ގަޑި ހަމަތޯ ބަލާށެވެ.
- ނިދާ މާހައުލު ފަނޑުފަނޑު އައްޔަކުން އަނދިރިކޮށްލާށެވެ. މާ އަނދިރި ނުކުރުން ބުއްދިވެރިއެވެ. ވީހާވެސް ހިމޭންކޮށް ބޭއްވިދާނެއެވެ. ހަމައެހެންމެ ހަމަހިމޭން ވާހަކައެއް މަޑުމަޑުން އަޑު އެހިދާނެއެވެ. ނުވަތަ ގުދުރަތީ ރާގެއް، ވާރޭ ވެހޭއަޑު، ރާޅު ބީއްސާ އަޑު، ފަތްތައް ވަޔާ ތެޅޭ އަޑު ފަދަ އަޑެއް މަޑުމަޑު ރާގެއް ނުވަތަ ކީރިތި ޤުރްއާން ޖަހާށެވެ.
- ނިދާ ހެދުމާއި ނިދާ އެނދުގެ ސާފުތާހިރުކަމާއި މީރުވަސް ދުވުމަކީ ރޭގަނޑުގެ ނިދި ވަރަށްވެސް އަރާމުކުރުވާ ކަމެކެވެ. ސާފުދަތްތަކަކާއިއެކު ދޮވެ ތާހިރުވެފައިވާ ހަށިގަނޑެއްގައި ނިދުމުގެ ޖޯޝު ހުންނަ ގޮތަށް، ނިދާ ހޭލާއިރުވެސް ނުހަނު ތާޒާ މީރުވަހަކާއެކު މީހާ މޯޅިދެމިލާނެއެވެ.
- ނިދުމުގެ ކުރިން އެންމެ ފަހުގެ ބަހަކަށް ދުލުން ޝަހާދަތުގެ ދެކަލިމައާއި ކުރުސީގެ ރައްކާތެރި އާޔަތް އަދި އިހުލާސް، ފަލަގު، ނާސި މިތިން ސޫރަތް ކިޔަވާށެވެ. ނިދުމުގެ ކުރިން ރައްކާތެރިކަމާއި އަމާންކަމުގެ ތަވީދު އެޅުން މުހިންމެވެ.
- ހަށިގަނޑު ދިގަށް ދަމާލައި ގައިގެ ވަރު ދޫކޮށްލާށެވެ. ތިމާ އެންމެ އުފާވާ ދެކޭ ހިތްވާ ހުވަފެނެއް ސިފަ ސިކުނޑީގައި ކުރަހަމުން ލޯ މަރާލާށެވެ. ދުނިޔެމަތީގައި އެދޭ ކަމެއް ނުވިޔަސް ހުވަފެނަކުން އެދޭ ބޭނުންވާ ކަމެއް ފުރިހަމަ ވެވިދާނެއެވެ. އަދި އެއީ ތިމާގެ ކުރިމަގަށް އެޅިދާނެ ފާލަމެއް ކަމަށްވެސް ވެދާނެއެވެ.
- ހުރިހާ ހާސްކަމެއް ވިސްނުމެއް ސިކުނޑިން ފޮޅައި ހިތުގައި އެހެން މީހަކާމެދު ނުރުހުންތެރިކަމެއް ފޫއްސެއް އޮތަސް އެހުރިހާ ކަމަކުން ހިތާއި ސިކުނޑި ފޮޅައި ސާފުކޮށްލާށެވެ. އަދި ދެން ނިދީގެ ޕަރީ އައިސް ހުވަފެންތަކުގެ ޝަހަރަށް ދާން ތިބާ ގޮވައިގެން ދަތުރު ފަށާނެއެވެ.
ކޮންމެއަކަސް ނިދުމުގެ ކުރިން ފެންވަރާ ތާޒާވެލައި ނިދާ ތަންމައްޗާއި ތިމާގެ ހެދުން ތާހިރުކޮށް މީރުވަސް ދުވާގޮތަށް ބެހެއްޓުމަކީ ނިދީގެ އަރާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމެއްކަން ޔަގީނެވެ. ނިންޖަކީ ނަގާލާ ވަރަށްވުރެ މާބޮޑަށްވެސް އަރާމު ހިތްހަމަޖެހުމެކެވެ. އެއުފަލުން މަހުރޫމު ނުވާށެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް