މޫނުފޮތް ނުވަތަ އެފްބީގައި ރައްޓެއްސަކު ހިއްސާކޮށްފައިވާ ސުވާލެކެވެ. "ކާފައާ ބެހޭގޮތުން އެންމެ ދުރު ހަނދާނަކީ ކޮބާހެއްޔެވެ؟" ތުންފަތް މައްޗަށް ވެރިވީ ޅަދުވަހުގެ ހަނދާންތައް އާވުމުން، މާނަ ނޭނގޭ ހުވަފެނީ ހިނިތުންވުމެކެވެ. ކާފައާ ބެހޭ ގޮތުން އެންމެ ދުރު ހަނދާނަކަށް ހަރުލާފައިވާ ތަސްވީރުގެ ވާހަކަ ހިއްސާކޮށްލީމެވެ. އެއާއެކު އެތައް ބައިވަރު ރައްޓެހިންނާއި ބިރައްޓެހިން، ދަންނަ ނުދަންނަ އެތައް ބަޔަކު އަހަރެންގެ ޖަވާބަށް އިތުރު ޒުވާބު ދޭން ފަށައިފިއެވެ. އިސާހިތަކު އެކި ދިމަދިމާލުން އަހަރެން ލިޔެފައިވާ ވާހަކައާ ގުޅުންހުރި ފޮޓޯތަކާއި އެފޮޓޯތަކުގެ އެކި ވާހަކަ ހިއްސާ ވަމުން ދައުރުވަމުން ދާން ފެށިއެވެ.
އަހަރެން ފަހުރުވެރި ހީނލުމަކާއެކު އަހަރެއްހާ ދުވަސް ކުރިން ދަރިފުޅަކު ލިބުމާ ގުޅިގެން ކުރިއާ ބަލާއިރު ބޮޑު ތަފާތަކަށް ފަލަވިޔަސް، ނުހަނު ލޯބިވާ އަނބިމީހާއަށް ބަލާލީމެވެ. "ދެންވެސް އެއްބަސްވެބަލަ...ގަނެދޭންވީދޯ...؟" އަނބިމީހާ ދަރިފުޅު ގޮވައިގެން އައިސް ގާތުގައި އިށީނދެ ބޮލުންނާއި ލޮލުން އިޝާރާތެއް ކޮށްލީ ކީކޭހޭ އަހާކަހަލަ ގޮތަކަށެވެ.
"ހުރިހާ ކަމެއްގެވެސް ހައްލު...ދަރިފުޅު ގޮވައިގެން ބޭރަށް ދާ ކޮންމެ ފަހަރަކު އަހަރެން ކޮބައިތޯ ބަލާކަށް ނުޖެހޭނެ. އަދި ނުލާހިކު ރަނގަޅު ކަސްރަތެއްވެސް ކުރެވޭނެ..."
މިފަހަރު އަނބިމީހާ އެއްބަސް ކުރުވުމަށް ގަސްދުކޮށްގެން ބުނެލީމެވެ. އަދި ދާދި ކުޑައިރުކޮޅެއް ކުރިން މޫނުފޮތުގައި ދައުރުވާން ފެށި ފޮޓޯތަކާއި ވާހަކަތައް ދައްކާލީމެވެ.
"ކާފައާ ބެހޭ ގޮތުން އެންމެ ދުރު ހަނދާނަކީ...ކާފަގެ ޖަމަލު ބައިސްކަލް. ވަރަށް ބައިސްކަލް ދުއްވާ ހިތްވޭ. ގެއަކު ބައިސްކަލެއް ނުހުރޭ. ކާފަގެ ޖަމަލު ހުންނާނީ. ފަހަތުގަ ޖާލިވެސް ހުންނާނެ. ހަމަ އެންމެ ރަސްމީ ޖަމަލު ބައިސްކަލެއް. ކާފަ ގެއަށް ވަދެ ބޮޑުއުނދޯލީގައި އިށީންނައިރަށް ބައިސްކަލަށް އަރައިގެން މަގު އޮތް ސީދަލަށް ދުއްވާނީ. ކާފައަށް ހިލަންވާނެ. ފަހަތުން އަޑުލަމުން އަންނާނެ. އޭރަކު ފައެއް ނުފޯރާނެ. ދެން ކޮއްޓަމުން ކޮރަމުން ފައި ނުފޯރިއަސް ކޮޅަށް ހުރެ މަޑީގަ ނީށީނދެ ދުއްވާނީ. ގޮވައިގެން ގެއަށް އަންނައިރު ކޮންމެވެސް އެއްތަނަކުން މަށައިގެން ލޭކޮށިފަ ނުހުންނަ ދުވަހެއް މަދުވާނެ. އެހާ އަޑުލައިފަވެސް ދެވަނަ ހިނދުކޮޅުގަ ކާފަ ހީވަނީ ފޮނިފޮނިކަފަމެޓައެއް ހެން. ހަމަ އަނެއް ދުވަސްވެސް ދާނީ މިހެން. ޑެޑީ ބައިސްކަލެއް ގަނެދެއްވަންދެން މިހާލުގަ އުޅުނީ."
ބައިސްކަލަކީ އެއްއިރެއްގައި އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި މިއަދު ސައިކަލަށް ދެވިފައި މިއޮތް އަހައްމިއްޔަތުކަމަށް ވުރެވެސް މާބޮޑު އިސްކަމެއް ދެވުނު އެއްޗެކެވެ. އޭރު ބައިސްކަލް ގަތުމަކީ މިހާރު މިއޮއްހެން ފަސޭހަކޮށް ކުރާކަމެއްވެސް ނޫނެވެ. މާލެއިން ރަށަކާ ހަމައަށް ގެންދިއުމަކީވެސް މިއަދުހާ ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. އެހެންވިޔަސް ދިވެހިންގެ ތެރޭގައި ބައިސްކަލަށް އޮތް ޝައުގާއި ލޯބި ކުޑައެއް ނޫނެވެ.
ޒަމާން ތަރައްގީވެގެން އައިސް މިއަދު ބައިސްކަލު ދުއްވާ މީހުން ނުހަނު މަދުވެފައި ވިޔަސް މިހާރުވެސް ބައިސްކަލަކީ ސައިކަލާ އަޅައިބަލާއިރު މާބޮޑުތަންވެސް ފަސޭހަ އަދި ދުޅަހެޔޮ ވަސީލަތެކެވެ. ބައިސްކަލުން ލިބޭ ކަސްރަތާއި ސައިކަލަށް ކުރަން ޖެހޭ ހަރަދުތައް ކުރަން ނުޖެހުމާއި އަދި ހަމައެހެންމެ ދުއްވުމުގެ ގަވާއިދުތަކަށް ބަލާނަމަވެސް މިއީ މާރަނގަޅު ބާވަތެކެވެ.
މީލާދީން 1817ވަނަ އަހަރުގައި ޖަރުމަނުގެ އުފެއްދުންތެރިޔާ ކާލްވޮންޑްރައިސް ދުނިޔޭގެ ފުރަތަމަ ބައިސްކަލު ވުޖޫދަށް ގެނައިކަމުގެ ފަހުރު ލިބިގަތުމާއެކު މިއީޖާދު ވެގެން ދިޔައީ އެތައްއެތައް ދިމާއަކުން ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ދަތުރުކުރުމުގެ ދަތިކަމަށް އައި އުޖާލާ އިންގިލާބަކަށެވެ. "ސްވިފްޓްވޯކާ"ގެ ނަމުން ނަންދީފައިވާ މިބައިސްކަލުގެ ދެފުރޮޅު ވަކަރުން ތައްޔާރުކޮށްފައިވާއިރު ޓައިރު އުފައްދާފައިވަނީ ލެދަރުންނެވެ. އަދި ދުނިޔޭގެ ފުރަތަމަ ބައިސްކަލުގައި ފިޔަވަޅު އަޅައި އަނބުރަން ބޭނުންކުރާ ޕެޑެލެއް ނެތެވެ.
ދުނިޔޭގެ އެކިދިމާތަކުގައި ބައިސްކަލް އާންމުވެފައިވަނީ އެ އުފައްދާ، އޭގެ ފުރަތަމަ ވިޔަފާރި ފެށުނުތާ އެތައްއެތައް އަހަރެއް ފަހުންނެވެ. އެންމެ ފުރަތަމަ ވިއްކާލެވުނު ނަމޫނާ ބައިސްކަލުތަކުގެ ނަމަކީ ވެލޯސިޕީޑްސް އެވެ. ނަމަށް ވިސްނާލައްވާށެވެ. ވެލޯސިޓީ އާއި ސްޕީޑް އެނަމުން އެބަފެނޭތޯއެވެ. ދުނިޔޭގެ އެންމެ ފުރަތަމަ އަލަތު ބައިސްކަލުތައް އުފެދުނީ ފަރަންސޭސިވިލާތުގައި ނަމަވެސް ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ބައިސްކަލުގެ ރީތި ފަރުމާއެއް ތައާރަފުވެ އުފެދުނީ އިނގިރޭސިވިލާތުގައެވެ. މިވަގުތު ބައިބިލިއަން ބައިސްކަލު ހުރި ޗައިނާއަށް އެންމެ ފުރަތަމަ ބައިސްކަލު ތައާރަފުވީ އެއުފެދުނުތާ ސަތޭކަ އަހަރު ފަހުންނެވެ. އަދިވެސް މިފަދަ ކިތަންމެ ހަގީގަތްތަކެއް އޮތް ބައިސްކަލް ދިވެހި ރާއްޖެއަށް ތައާރަފުވެ ދިވެހިން އާންމުކޮށް ބައިސްކަލު ދުއްވަން ފެށީ 1960ގެ އަހަރުތަކުގެ ފަހުކޮޅުގައި، ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅު، ކަމަށްވެއެވެ.
ކޮންމެއަކަސް ބައިސްކަލަކީ ވަރަށް ގިނަ ހަނދާންތަކެއް ގުޅިފައިވާ އެއްޗަކަށް ވުމުގެ އިތުރުން ސިއްހީ ގޮތުންވެސް ސައިކަލާއި ކާރުފަދަ ދުއްވާތަކެއްޗަށްވުރެ މާބޮޑަށްވެސް ރަނގަޅީ ބައިސްކަލެވެ. ސަބަބަކީ ފާލު އަޅާ ފައި އަނބުރާ ގޮތަށް ހަދާފައިވާ ކަސްރަތުބައިސްކަލުންވެސް މިކަން ސާބިތުވާތީއެވެ. މިހާރު ބައިސްކަލަކީ ރަސްމީސިފައެއްގައި ވަކި ދުވަސްތަކެއްގައި ގެންގުޅޭ ވާދަވެރިދުއްވުންތަކަށް ބޭނުން ކުރާ އެއްޗަކަށްވިޔަސް އަދިވެސް ބައިސްކަލުގެ ބޭނުން ވަރަށް ބޮޑެވެ. މިހާރު ރާއްޖޭގައި ބައިސްކަލު އެންމެ ގިނައިން ބޭނުން ކުރާ ބިދޭސީންވެސް ސައިކަލަށް ބަދަލުވާން ފަށާފައިވާއިރު، ސައިކަލެއް ކާރެއް ނެތިއްޔާ ފައިމަގުގައި ތަންތަނަށް ދާން ޖެހޭތީ ތުންދަމާ ރުޅިއަންނަ ނަމަ، އަވަހަށް ބައިސްކަލެއް ހޯދާފަ ބަހައްޓާށެވެ. އޭރުން ދާން ބޭނުންވާ ތަނަށް ގަޑި ނުޖެހި ދެވުމާއެކު ހަށިގަނޑަށްވެސް ކަސްރަތެއް ލިބި ސިކުނޑިއަށް އަރާމެއްވެސް ލިބޭނެކަން ޔަގީނެވެ.
އަޅެ އަޖުމަ ބަލައިލަމާތޯއެވެ. މޫނުފޮތުގައި ދުވަސްކޮޅެއް ފަހުން ރައްޓެހިންނާ ހިއްސާކޮށްލި ފޮޓޯގައި ދަރިފުޅު ފަހަތު ގޮނޑީގައި ބައިންދައިގެން ކުރީ ވަށިގަނޑުގައި ބާޒާރުން ގަތް ކުދިކުދި ސާމާނު ބަހައްޓައިގެން، ކަޅާއިނުލުގެ 'ލޭޑީބާޑު' ބައިސްކަލެއްގައި ދުއްވާފައި އެދަނީ މިވީ ހަމަސްތެރޭގައި 65ކިލޯގެ ބަރުދަނުން 45ކިލޯއަށް ލުއިވެފައިވާ އަނބިމީހާއެވެ. ހަމަގައިމުވެސް ޓްރެފިކުން އުނދަގުލެއް ނެތި ނެއްޓިގެން އެދަނީއެވެ. އަމާންކަމާއި ލިޔެކިޔުންތަކެއް ނެތިގެން އުޅަނދު ހިފަހައްޓަފާނެކަމުގެ ބިރެއް ނެތުމާއި ފަހަތުގައި އިން ދަރިފުޅާއިއެކު ހިތްހަމަޖައްސާލަން ބާޒާރަށްވެސް ރައްކާތެރިކަމާއެކު ދެވޭ ކަމުގެ އުފާވެރިކަން ހިތަށާއި ނަފުސަށް ލިބޭނެކަން ގައިމެވެ. ފައިނުފޯރިއަކަސް އޭރުވެސް ނުލާހިކު ދުއްވާހިތްވިއެވެ. ޔަގީނުންވެސް މިއަދުވެސް ބައިސްކަލުގައި ތަފާތު ހިތްހަމަޖެހުމެއް ވެއެވެ. ބައެއް ފަހަރު އެހެން މީހުން މަލާމާތެއް ކޮށްފާނެކަމުގެ ލަދަށް ބައިސްކަލުގައި އުޅެން ނުކެރެނީކަމަށްވެސް ވެދާނެއެވެ. އެކަމަކުވެސް އަޅެ އަޖުމަ ބަލައިލުން ކީއްތޯއެވެ!
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް