ޚަބަރު

ޖެންޑާއަށް މިދިޔަ މަހު 254 މައްސަލަ، ކުޑަކުދިންނަށް ކުރާ އަނިޔާގެ 105 މައްސަލައެއް

އަލީ ޔާމިން

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ޑިސެންބަރު މަހު ޖެންޑާއަށް ހުށަހަޅާފައިވަނީ ޖުމުލަ 220 މައްސަލައެވެ. ނަމަވެސް މިދިޔަ މަހު އެ މިނިސްޓްރީއަށް 254 މައްސަލަ ހުށަހަޅާފައިވެއެވެ.

މިދިޔަ މަހު ޖެންޑާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާގެ މައްސަލައެވެ. އެގޮތުން އެފަދަ 105 މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެ ކުރީ މަހު ހުށަހަޅާފައިވަނީ އެފަދަ 104 މައްސަލައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 21 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނިއްކައިގެ 20 މައްސަަލަ، އިހުމާލުވުމުގެ 20 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 14 މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 11 މައްސަލަ، ނަފްސާނީ ހާނިއްކައިގެ ދިހަ މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ހަ މައްސަލަ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލަ ހުށަހަޅާފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 56 މައްސަލަ މިދިޔަ މަހު ޖެންޑާއަށް ހުށަހަޅާފައިވެއެވެ. އަދި އާއިލީ މައްސަލަތަކުގެ ގޮތުގައި 38 މައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ ހަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 19 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 14 މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ޖެހޭ ފަސް މައްސަލައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލަ މިިދިޔަ މަހު ހުށަހަޅާފައިވެއެވެ.

އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 17 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ މައްސަލައެކެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ 13 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ އިރު، ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 13 މައްސަލަ އެއް ހުށަހަޅާފައިވެއެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 11 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވެއެވެ.

މިދިޔަ މަހު ހަ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ އިރު، އަށް ކުދިން އަލުން އަނބުރާ އާއިލާއާ ހަވާލުކޮށްފައިވެއެެވެ. އެއާއެކު ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ތިބީ ޖުމުލަ 195 ކުދީންނެވެ.