އަށުތިރީސްވަނަ ބައި
ވިލުފެހިކުލައިގެ ފަށުވި ސްކާފުބުރުގާ ޒީނަތްތެރިވާ މޭޒު ކައިރީގައި ހުރި ގޮނޑިމަތީގައި އޮތެވެ. މިރޭގެ ކުލައަކަށް ޝާމިން ހަމަޖެއްސީ ފެއްސާއި ހުދެވެ. ހުރިހާ ގޮތަކުންވެސް މިރެއަށް ހާއްސަވަނީ އަދި ގުޅެނީވެސް މިދެކުލައެވެ..... އަބަދުވެސް ޝާމިން އޭނާގެ ލޯބިލޯބި އަނބިމީހާގެ ހާއްސަ ކުލަކަމަށް ބުނަނީ ކޮންމެވެސް ކަހަލަ ފެއްސެކެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ފެއްސަކީ ސުވަރުގޭގެ ކުލަކަމަށް ވާތީއެވެ. ހަމައެހެންމެ އޭނާގެ ހޮވުން އަބަދުވެސް ޝައުފާއާ ގުޅޭމެއެވެ.
އޭނާގެ އަތުން ޝައުފާގެ ދިގު އިސްތަށިގަނޑުގައި ފުނާއަޅައި އޮމާންކޮށް ފަސޭހަވާނެ ހެން ތިރިކޮށް ހުޅި ޖަހާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެކަމަކު މިރޭގެ މިވަގުތު އޭނާއަށް ހާދަ ތަފާތެވެ. އޭނާއަށް އިހުސާސްކުރެވެމުން ދިޔައީ އޭނާގެ އަތުގެ އިނގިލިތަކުން އެ ފިރުމެނީ ދުނިޔޭގައިވާ އެންމެ ސާފު ރީތި ފުރިހަމަ ހަށިގަނޑުގައާއި އެންމެ ފުރިހަމަ އިސްތަށިގަނޑުގައި ކަމެވެ. ހަމައެއާއެކު ނޭނގޭ ރޫހާނީ އަރާމެއް އޭނާގެ މުޅި ނަފުސަށް އިހުސާސްވަމުން ދިޔައެވެ.
އުއިމަހުމާ ފޮތީގެ މޮޅު ޖިލްބާބު ހެދުމުގައި އިން ޝައުފާއަށް އޭނާގެ ފިރިމީހާގެ ހިދުމަތްތައް އެ ލިބެނީ އަލަށް އެންމެ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އަބަދުހެން އޭނާ ފެންވަރުވައި ރީތިކުރަނީ ޝާމިންގެ ދެއަތުންނެވެ.
ފަހަރެއްގައި ދިމާވާ ކަމަކާ ހެދި ނަމާދު ވަގުތަށް ގޭގައި ނުހުރެވުނު ކަމުގައިވިޔަސް، ޒިމްނާ، ޝައުފާ ވުޟޫ ކުރުވައި ނަމާދަށް ތައްޔާރުކުރިތޯ ވަގުތުން ބަލައެވެ. މި ބަލި ތަންމަތީގައި އޮންނަން ޖެހުނު ފަހުން އޭނާގެ ނަސީބާ މެދު ހުދު އޭނާވެސް ހަސަދަވެރިވާހާ ދިރިއުޅުން ވޭތުވަމުން ދިޔައީ އުފާވެރިކޮށެވެ. ދުވަހެއް ދުވަހަކަށް ބަލިވެ ވަރުނެތެމުން ދިޔަ އޭނާގެ ދެފައިގައި ފިރުމަދީދީ ޝާމިން ވަރުބަލި ނުވާ ކަހަލައެވެ. ޝާމިިންގެ ދުލުން ނުރުހުމުގެ އެންމެ ލަފުޒެއްވެސް އޭނާއާ ދިމާއަށް ބުނާ އަޑެއް އިވިފަ ނެތެވެ. އޭނާގެ ހިދުމަތުގައި ދުވަަހަކުވެސް ޝާމިން ބައްޔެއް ނުވާނެ ކަހަލައެވެ.
"މާޝާﷲ... ސުބުހާނަﷲ... ކަމަނާ ހާދަހާވަ ފުރިހަމައޭ..."
ކަނޑައެޅިގެން ޝާމިން އެ ކުރީ ދޮގު ތައުރީފެއްކަން ޝައުފާއަށް ޔަގީނެވެ. އެކަމަކު އޭނާގެ ހިތްހަމަޖެއްސުމަށްޓަކައި ޝާމިން އަމިއްލަ ނަފުސަށްވެސް އޮޅުވާލަނީތާއެވެ.
"މަނިކުފާނު... ހުޝާމަދު ކުރުމުގެ ބޭނުމަކީ ކޮބާ؟ މަށަށް އެނގޭ މަށަކީ ރީތި މީހެއް ނޫންކަން... މަނިކުފާނު ކަހަލަ ހެޔޮލަފާ ފިރިއަކު ލިބުމުގެ ނަސީބު މިންވަރު ކުރައްވާފަ ވީތީ އުފަލުގައި ލޯބި ލިބިގެން އުޅެނީ..."
ޝައުފާގެ މި ޖުމުލައާ މެދު ޝާމިން ނުރުހުމުގެ ވައްތަރެއް ޖައްސާލިއެވެ.
"އެންމެ ފުރަތަމަ ރައްޓެހިވި ދުވަހެކޭ ކައިވެނި ކުރި ދުވަހެކޭ، އަލަތު ކައިވެނީގެ އަލަތު ރޭ ހޭދަކުރި ވަގުތެކޭ، މި ހިނދެކޭ ކަމަނާގެ ވިސްނުން ހަމަ ތަންފުކެއްވެސް ބަދަލެއް ނުވޭދޯ.... އަހަރެން ދަންނަ ޝައުފާއަކީ ވަރަށް އަމިއްލަ ނަފުސަށް އިތުބާރު ކުރާ ނިކަން ކެރޭ ހުށިޔާރު އަންހެނެއް.... ބައްތިރީސް އަަހަރުވީއިރުވެސް މިއުޅޭ މޮޔަ އަންހެން ކުދިންހެން ގޯޅިގޯޅި ކަންމަތިން ނުވެ ހުރި ހަރުދަނާ އަންހެނެއް... އެކަމަކު އޭރުވެސް ތޮށިގަނޑުތެރޭ ފިލާ އިންނާނެ ވަރަށް ސޭކު މޮޔަ އަންހެން ކުއްޖެއް... ކުޑަކުދިން ކުރާ ކަހަލަ މޮޔަ ޝަކުވާ ކުރާ މޮޔަ ވާހަކަ ދައްކާ މަންޖެއެއް.... އެކަނބުލޮގެ މަންޒަރު ފެންނަ ހަމައެކަނި މީހަކީ މި ފިރިމީހާ...."
ޝާމިން، ޝައުފާގެ އިސްތަށިގަނޑުން ހުޅި ޖަހައި ދެފަށުން އެ ދިގު އިސްތަށިގަނޑު އޮޅައި ހުޅި ރީތިކޮށްލިއެވެ. އަދި ގޮނޑިމަތީގައި އޮތް ސްކާފުބުރުގާ ނަގައި ޝައުފާގެ ބޯ ނިވާކުރަން ފެށިއެވެ.
"އަހަރެން ޝައުފާއާ އިނީ ރީތިމޮޅު ބަލާ ޗެކްކޮށްފައެއް ނޫނޭ... އަހަރެން ތައުރީފުކުރަނީ ކަމަނާގެ އެތެރެހަށީގައިވާ ނަލަ ނަލަ ކައުޘަރަށް... އެއީ ރީތި ސާފު އެހާމެ ފުރިހަމަ އަންހެނެއް... ކައުޘަރު ފެންއާރު ފަދަ ސާފުތޯހިރު..."
ރީތިކޮށް ނިމުމުން ޝައުފާގެ އަތުގައި ހިފައި ޝާމިން އޭނާގެ ގައިގައި ލައްކޮށްލައިގެން އެނދުން ބޭލިއެވެ. އަދި ކައިރީގައި ހުރި ފުރޮޅުލީ ގޮނޑި ދަމާލުމަށްފަހު އޭގައި ޝައުފާ ބޭންދިއެވެ. އަދި ފުރިހަމަ ނަޒަރަކުން އޭނާގެ އަނބިމީހާއާ ދިމާއަށް ބަލައިލިއެވެ.
ކިތަންމެ ގިނައިން ބެއްޔަސް އޭނާއަކަށް އެބުނާ ހުތުރު ކަމެއް ސިފައިގެ ބަދަލުތަކެއް މި އަންހެންމީހާގެ ގަޔަކުން ނުފެނެއެވެ. އަދިވެސް މި ހިނދުވެސް އެންމެ ފުރަތަމަ މަޖީދީމަގުގެ ގޯޅިއެއްގެ ކަންމަތިން އޭނައަށް ފެނުނު ނުހަނު ކެރޭ ހުޝިޔާރު، ސާދާ ރީތި އަންހެންމީހާގެ ސޫރަ އޭނާއަށް ޝައުފާގެ ގައިން ފެންނަ ކަހަލައެވެ.
އެތައް ބައެއްގެ އަނިޔާއިން ސަލާމަތްވެގެން ނުހަނު ކެރިހުރެ އަމިއްލަ ފަައިމައްޗަށް ތެދުވަމުން ދިޔަ މިއަންހެންމީހާގެ އެންމެ ކަމުދާ ސިފައަކަށް އޭނާ އަޅައިގަތީ، އަންހެނަކަށް ވީތީއޭ ކިޔާ މީހުންގެ ފައިތިލަ ދަށަށް ވެއްޓިނުގަނެ ކެރިހުރެ ދިރިއުޅުމުގެ ބޮޑު ހަނގުރާމަތައް ކުރަމުންދިއުމެވެ. ހާޒިރު ޖަަވާބާއި ނިހާޔަތަށް އިހުލާސްތެރިވުމެވެ.
އޭނާއަށް މަގުދެއްކުމުގައިވެސް ޝައުފާ ހުރީ ކެރިގެން ކޮޅަށް ތެދުވެއެވެ. އޭރު އޭނާ ޅައުމުރުގެ މޮޔަ ތާކުންތާކު ނުޖެހޭ އެދުމަކަށް ލޯބީގެ ނަން ދީގެން އާވާރާވަމުން ދިޔައެވެެ. އެންމެ ފަހުން އޭނާއަށް އިހުސާސް ކުރެވެން ފެށީ ޔުއާނާއަކީ އޭނާގެ ލޯތްބެއް ނޫންކަމެވެ. އެއީ އޭނާގެ އެދުމެކެވެ. އަދި އެދުމާއި ލޯބީގެ ވަރަށް ބޮޑު ފަރަގެއް ހުރެއެވެ.
"ތިވަރަށް ބަލަނިކޮށް އެސްފީނާ ޖެހިދާނެ..."
ކަޅިޖަހާ ނުލައި އޭނާއާ ދިމާއަށް ބަލަމުން ދިޔަ ޝާމިންގެ އަތުގައި ވިކާލަމުން ރަކިގޮތަކަށް އޭނާއަށް ހީނލެވުނެވެ.
"ޔާރައްބި ސުބުހާނަﷲ... މަގޭ އެސްފީނާ... މާތްކަލާކޯ...."
ޝާމިން ހެމުންހެމުން ގުދުވެ ޝައުފާގެ ކޮލުގައި ބޮސްދިނެެވެ.
"ކަމަނާގެ އެސްފީނާ ނިކަމެތި އަހަރެންގެ ހިތަށާއި ނަފުސަށް ޖެހި ކަމަނާއާ ހެދި މި ނަފުސާއި ހިތް ތެޅޭތާ ކޮން ދުވަހެއް.... އެކަމަކު ބުނަން... އެެ އެސްފީނާއަށް ފިލާ ހިތެއްނުވޭ...."
"އަބަދު ކަމަނާގެ ލޮލުގެ ތެރެއަށް ގެނބިގަނެގެން އިންނަން ބޭނުންވަނީ... ދުވަހަކުވެސް އަހަރެމެން އުމުރުން ދުވަސްވީބަޔަކަށް ނުވާނެ.... އަބަދުގެއަބަދަށް މިހެން ހުންނަން ބޭނުންވަނީ..."
ޝައުފާގެ ދެލޮލުގައި ތުންފަތް ޖައްސާލަމުން މަޑުމަޑުން ބުނެލިއެވެެ. އެވަގުތު ދެމީހުންނަށްމެ ހަތަރުކަޅި ހަމަކޮށްލެވުނެވެ. އެއްލޮލުން އަނެއްލޮލަށް ކިޔައިދިނީ ކިތައް ކިތައް ވާހަކަ ކަމެއް ނޭނގެއެވެ.
"އޭހޭ... ކޮބާ.... ދެކުދިން ތައްޔާރުތަ...؟" ކޮޓަރީގެ ދޮރުން ބޭޭރުގައި ހުރެ ސަމަދު ބާރަަށް ގޮވާލިއެވެ.
"އާން... ނިމުނީ... ކޮބަ ޒިމޫ... ކުދިން ނިދުނީތަ...؟" ޝާމިން އަހާލިއެވެ.
"ވަރަށް ބޮޑާ ހޭކި.... އެކަމަކު މިހާރު ނިދައިފި،... އެހެން ރޭރޭ ބައްޕަ ވިއްޔަ ނާނަ ކިޔައިދީ ވާހަކަ ކިޔައިދީ ނިންދަވަނީ..." ސަމަދުގެ ފަހަތުން އައިސް ގޮވާލީ ޒިމްނާއެވެ. "އަހަރެމެން މި ނުކުންނަނީ... ޝައު ގޮވައިގެން ޝާމިން އާދޭ... އުނދޯލިގޭގައި ދޮންދީދީއާއި ޝަކީލާ ވަޑައިގެން އެބަތިއްބެވި.. ޝައު ގޮވައިގެން އަހަރެމެންް ނުކުންނަ ތަން ފެނިއްޖެއްޔާ ސަލާމަތް ނުވާނެ... ދެން މަށަށް އަނގަ ގަދަވެގެން ގޮސް ކޮންމެ ފަދަ އެއްޗެކޭ ވެސް ކިއިދާނެ.. އެހެންވެ ކުރީ ބައިގައި އަހަރުން މި ނުކުތީ...."
ޒިމްނާގެ ވާހަކައަށް ޝައުފާވެސް ތާއީދު ކުރިއެވެ.
"ވާހަ... މާޝާﷲ... ނޫނޭ.. ކޮންމެ ސިފައެއްގައި އިނަސް އަހަރެންގެ ލޯބިވާ އެކުވެރިޔާގެ ހަގީގީ ރީތިކަމެއް ނުފޮރުވޭނެ..." ދިއުމުގެ ކުރިން ޒިމްނާ ކުރިއަށް ޖެހި ޝައުފާގެ ނިއްކުރީގައި ބޮސްދިނެވެ.
ޒިމްނާއާއި ސަމަދު ދިޔަތާ އިރުކޮޅެއް ފަހުން ޝައުފާ އިށީނދެގެން އިން ގޮނޑި ދަމާފައި ޝާމިން ބޮޑު ކޮޓަރި ތެރެއިން ގޮސް ގޯތިތެރެއަށް ނުކުމެއްޖެއެވެ. އަދި މަޑުމަޑުން ޝައުފާއާ ވާހަކަދައްކަމުން ގޯތި ހުރަސްކޮށް އުނދޯލިގެ ކުރިމަތިން ގޭގެ މައިދޮރާ ހަމައަށް ދިއުމަށް ނެގި ފިޔަވަޅު ހުއްޓުނީ އުނދޯލިގެއިން ނުކުތް ޝަކީލާ ބުން އަޑަކުން ގޮވާލުމުންނެވެ.
"މިއޮތް ފިނިބޮޑު ރޭގަނޑު އެދިޔެ ގޮވައިގެން ތިދަނީ ކޮންތާކަށް.....؟"
"ދޮންދައްތާ... މިދަނީ ކުޑަކޮށް ހިނގާލާފަ މިސްކިތް ދައްކާލުމަށް... މިކަހަލަ ހަނދުވަރީ ރީތި ރެއެއްގަ ހިނގާލަން ނުގޮސް ގޭގަ ތިބެވޭތަ...؟" ޝާމިން ހީނލަމުން ދައްތައަށް ޖަވާބު ދިނެވެ. "ތިއްތިބޮޑުމަންމާ... އަންނާނަން އިނގޭ... އެހާ ލަހެެއް ނުވާނެ...." އުނދޯލީގައި އިން ދޮންދީދީއަށް ބަލައިލަމުން ޝާމިން ބުނެލިއެވެ.
"ލަސްނުވެ އަންނައްޗޭ އިނގޭ ކޮއިފުޅާ...." ދޮންދީދީގެ އަޑުގައި ހުރީ އޯގާވެރިކަމެކެވެ.
ޝާމިން ޝައުފާ ގޮވައިން މިސްކިތް ހުރި މަގުން ގޮސް މިސްކިތުގެ ކުރިމައްޗަށް ހުއްޓިލިއެވެ. އަދި ހިންދަމާލާފައި ޝައުފާގެ ކޮނޑުގައި ހިފާލިއެވެ. އަދި ތުބުން ފާޑެއްގެ ރާގަކަށް ފުމެލިއެވެ. ޝާމިިންގެ ތުބުފުމުނު އަޑާއެކު ހީވީ ލޯތަރަތަރަ ޖަހައިގެންދިޔައެވެ.
މިސްކިތުގެ ފުރަގަހުން ދިއްލެމުން ކުރިއަށް އައި ބޮކިތަކާއި އެތެރޭގެ ސަމޭދާންތަކުން ފެށިގެން މުންނާރާ އެކީ ދިއްލެމުން އައިސް މިސްކިތުގެ ނަން ދިއްލިގެން ހިނގައްޖެއެވެ.
ޝޯހުވެފައި އިން ޝައުފާއަށް ޝާމިންގެ މުލައްދަނޑީގައި ބާރަށް ހިފާ އޮޅުލައިގަނެވުނެވެ. "މަސްޖިދުލް ކައުޘަރު..." ޝައުފާގެ ލޮލުން ވެއްޓުނު ކަރުނަ ތިކިތައް ޝާމިންގެ އަތުގެ މުލައްދަނޑި ތެންމާލިއެވެ.
"ކަމަނާ ހިތް އެދުނު ގޮތަށް... ކަމަނާ ހިޔާލުގައި މިތަން ބިނާކުރި ގޮތަށް.... މިއީ ހަމައެކަނި މިސްކިތެއް ނޫން... މިއީ ކިޔަވާތަނެއްވެސްމެ... އިލްމު އުނގެނޭނެ ލައިބްރަރީއެއް މިސްކިތުގެ އެތެރޭގައި ހުންނާނެ... އުސް ތަނބުތަކާއި ތަނބުތަކަށް އަރުވާފައިވަ ފެހިވެޔޮތަކާއި ކުލަރީތި ސަމޭދާންތަކުގެ އަލި..." ޝާމިން ޝައުފާގެ އަތްތިލައިގައި ހިފާލިއެވެ. "ޒިމޫމެން ކުރިން އައީ އަހަރެން ކަމަނާ ގޮވައިގެން އައިސް އިޝާރާތެއް ދިނުމުން ބޮކިތައް ދިއްލުމަށް... މިހާރު އުފާވެއްޖެ..."
"އޯހ... ޝާމިން...." ޝައުފާގެ އެސްފިޔަތައް ތެެމެމުން ދިޔައެެވެ. މިރޭ އޭނާގެ ހަޔާތުގެ ހުރިހާ އުއްމީދެއް އެއްފަހަރާ ފުރިހަމަވީ ކަހަލައެވެ.
"ޝަ..ޝާ...ޝާމި...މި.....މީން....." ޝާމިންގެ އަތުގެ ތެރޭގައި އޮތް ޝައުފާގެ އަތްތިލަ ތުުރުތުރުއެޅުމަކާއެކު ޝައުފާގެ އަޑު ތާށިވެއްޖެއެވެ.
ޝާމިނަށް ހީވީ އޭނާގެ މުޅި ދުނިޔެ އެނބުރިގަތް ހެނެވެ.
"ކަމަނާ...ޝައު...އޭހެ...ކަނބުލޯ..."
ބަލަބަލައި ހުއްޓާ ޝައުފާގެ ކަޅި އަރާ ކަހަލަ ގޮތެއް ވެއްޖެއެވެ. ނޭވާ އުފުރެން ފަށައިފިއެވެ. ދެތުންފަތް ހީވަނީ ނޫފައިގެންފައި މުޅި މޫނު ދުޅަވާ ކަހަލަ ގޮތެއް ވާން ފަށައިފިއެވެ.
މޮޔައެއް ހެން ޝާމިން ޝައުފާގެ ބުރުގާ، ކަރުދަށުން ދޫކޮށްލައިފިއެވެ. ހެދުމުގެ ކަރާ ދިމާލުން ހުރި ގޮށްތަކުން ގޮށެއް ނައްޓާލިއެވެ. "ނޭވާލައިބަލަ... ދޫނީ... ހިތްވަރުކޮށްފަ ފުންކޮށް ނޭވާލައިބަލަ... އަން... އިންހޭލާ..."
މިސްކިތުގެ އެތެރެއިން ނުކުތް ޒިމްނާއާއި ސަމަދަށް މި މަންޒަރު ފެނުމާއެކު ދުވެފައި ގާތަށް އަތުވެއްޖެއެވެ.
ހަމަ އެންމެ ސިކުންތުކޮޅެއް ކުރިން ދިއްލާއަޅާލެވުނު މިސްކިތް އަނެއްކާވެސް އަނދިރިކޮށްލައިފިއެވެ.
އުފަލުގެ ނައުރަ ކުރަމުން ދިޔަ އިންތިހާއަށް ލޯބިން ހިނިތުންވަމުން ދިޔަ ދެމަފިރިންގެ ހިނިތުންވުންތަކުގައި އަލިފާން ޖެހި ކަހަލައެވެ.
މިސްކިތްމަގުން ވަދެގެން އިމްޖެންސީ އަޅުވާފަ އައި އެމްބިއުލާންސަށް ދެމެމުން ދިޔަ ޝައުފާގެ ހަށިގަނޑު ލެވުނީ ޝާމިންގެ އަތްދަނޑިމަތީގައެވެ. ސަމަދު ދިޔައީ ގެއަށެވެ. ގޭގައި ކުދިންކޮޅު ތިބީ އެކަނިކަން ހަނދާންވުމާއެކު ސަމަދު ދުއްވައިގަތެވެ.
ސައިރެން އަޅުވައިގެން ދިޔަ އެމްބިއުލާންސް ލާމު ގަމު ރީޖަނަލް ހޮސްޕިޓަލުގެ އެތެރެއަށް ވަނުމާއެކު އެތެރެއިން ދުވެފައި އެހީތެރިން އެނދެއް ހިފައިގެން އައިސް ކައިރިވެއްްޖެއެވެ. ހުޅުވާޅި ދޮރުން ނެރެލެވުމާއެކު ޝައުފާގެ އެއްވެސް ވަރެއް ނެތިފައި އޮތް ހަށިގަނޑު ނަގައި ގެނެސްފައި ހުރި އެނދަށް އަރުވައި ގައިމަތީ ހުދު ފޮތިގަނޑަކުން އަޅައި ނިވާކޮށްލިއެވެ. ދުވެފައި އައިސް ހުރި ޑޮކްޓަރަކު ވަގުތުން ވަގުތަށް ޝައުފާ ގެންދަން އެންގީ އައިސީޔޫއަށް ގެންދިއުމަށެވެ.
ޝައުފާ އައިސީޔޫއަށް ގެންދެވިއްޖެއެެވެ. އައިސީޔޫގެ ބޭރުގައި ހުރި ގޮނޑިބަރިން ގޮނޑިއަކަށް ޝާމިނަށް ވެއްޓި ގަނެވުނީ އިހުތިޔާރަކާ ނުލައެވެ.
ބާރުބާރަށް ރޮއިގަތުމަށް އޭނާގެ ހިތް ގޮވަމުންދިޔައެވެ. އޭނާގެ ހުރިހާ އުފަލެއް އޭނާގެ ހަޔާތުން އަބަދުމެ އޭނާއަށް ގެއްލެނީއެވެ. ބައްޕަ ދެކެ އޭނާ އިންތިހާއަށް ލޯބިވެއެެވެ. އެކަމަކު ނުހަނު ކުޑައިރު ބައްޕަގެ ލޯތްބާއި ހިޔާވަހިކަމުން މަހުރޫމުވެ ޔަތީމަކަށް ވެއްޖެއެވެ. ދޮންބޭބެއަކީ އޭނާގެ ހަށިގަނޑުގެ އެއްބައި ކަހަލަ އެއްބަފާ ބޭބެއެވެ. ބޭބެވެސް ނުހަނު ޅައުމުރުގައި އަބަދުގެ އަބަދަށް އެންމެނާއި ވަކިވެގެން ހިނގައްޖެއެވެ. ޔުއާނާ ދެކެވެސް ލޯބިވީ ދުވަހު އޭނައަށް ޔުއާނާ ބޭވަފާތެރިވީއެވެ.
އެތައް ހުރަހަކާއި އެތައް ވޭނަކަށް ފަހު އޭނާގެ ހަޔާތަށް ބައްތިއެއް ފަދައިން ދިއްލިފައި ހުރެ ޝައުފާ އަތުވެއްޖެއެވެ. އެކަމަކު އެކުގައި އުޅެން ފެށީއްސުރެ ކޮންމެވެސް ހާސްކަމެއް ނުވަތަ ބިރުވެރިކަމެއް ކުރިމަތިވެއެވެ. އަމުދުން މިރޭ އޭނާގެ ހިތް އިރައިރައިގެން، ވީދައިގެން ހިނގައްޖެއެވެ.
ކޮންމެ ފަހަަަރަކު ވޭނުގެ ޝިކާރައަކަށް ޝައުފާ ވަނީ ކީއްވެބާވައެވެ. އޭނާއާ އެއިން ބައްޔަކަށް ޖެހޭކަށް ނުކެރެއެވެ. ޔާﷲއެވެ. އޭނާގެ އަނބިމީހާ ސަލާމަތްކޮށް ޝިފާއެއް ދެއްވަފާނދޭއެވެ.
"ޝާމިން..." އައިސީޔޫއިން ނުކުތް ޑރ.ޒުހެއިރު ޝާމިންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ޝާމިން ގާތުގައި އިން ޒިމްނާއަށް ފުންމައިގެން ތެދުވެވުނެވެ. ޑޮކްޓަރު އެ އުޅެނީ ކޮންމެވެސް ވާހަކައެއް ބުނާށެވެ.
ޝާމިން އިސްއުފުލާލިއެވެ. ޑޮކްޓަރުގެ މޫނު ފެނުމުން ޝާމިން ގޮނޑިން ތެދުވެ ޑޮކްޓަރަށް ބަލައިލިއެވެ....
ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާއަށް ޑޮކްޓަރުގެ ދެލޮލުން ކޮންމެވެސް ބިރުވެރި އަލިކަމެއްގެ އަސަރު އެބަ ފެނެއެވެ. މާތްކަލާކޯއެެވެ. މި އުޅެނީ ކީއްވާން ބާވައެވެ. އޭނާއަށް އިހުސާސް ކުރެވެން ފެށީ ވަށައިގެންވާ ހުރިހާ އެއްޗެއް ލަސް މިނެއްގައި ހަރަކާތް ކުރަން ފެށިހެނެވެ. އަދި ދެން ޑޮކްޓަރުގެ އަޑު އެ އިވުނީ އެތައްމޭލު ދުރުން އައި ވައި އަޑެއްހެނެވެ.
"އައިމް ސޮރީ ޝާމިން.... ރިއަލީ ސޮރީ...."
އެއީ ހީވި ގޮތްބާވައެވެ. ޑޮކްޓަރުގެ އަޑު އޭނާއަށް އިވުނީ ވަރަށް ދުރުންނެވެ. އެހެންވިއްޔާ އެއީ ހަމަ އޭނާއަށް ހީވި ގޮތެވެ.
ޝާމިންގެ ފަހަތުގައި ހުރި ޒިމްނާއަށް ޑޮކްޓަރުގެ އަޑު ސާފުކޮށް އިވުނެވެ. ޝާމިނާ ދިމާއަށް އެ އިވުނު އަޑާއެކު އޭނާއަށް ބަލައިލެވުނެވެ. އެހެންނަމަވެސް ހުއްޓުން އަރާފައި ޑޮކްޓަރާ ދިމާއަށް ބަލަން ހުރި ޝާމިންގެ މޫނުމަތިން އެއްވެސް ތަފާތު އަސަރެއްް ކީއްކުރަން ހެއްޔެވެ. އެއްވެސް އަސަރެއް ޒިމްނާއަކަށް ނުފެނުނެވެ.
"ޝާމިން..." ޑޮކްޓަރު އޭނާއާ ހަމަކުރެވިފައި ހުރި ޝާމިންގެ ކަޅިއަށް އެއްވެސް ތަފާތެއް ނައުމުން އަނެއް ފަހަރު ގޮވާލިއެވެ.
"ކީކޭތޯ ޑޮކްޓަރު އެެއްޗެކޭ ނުބުނެގެން ހައިރާންވެފައި މިހިރީ... އަންހެނުން ހޭއަރައިފިދޯ...؟ އުފަލުން ގޮސް ފިޓު ޖެހުނީދޯ..! އޭރުވެސް ހިތަށް އެރިއޭ..."
ވެގެން އުޅޭ ގޮތް ޒިމްނާއަށް ޑޮކްޓަރަށް އެއްޗެއް ވިސްނުމުގެ ކުރިން އެނގިއްޖެއެވެ. އޭނާއަށް ވަރަށް ރަނގަޅަށް އޭނާގެ އެކުވެރިޔާގެ ފިރިމީހާގެ މިޒާޖާއި އައިސްދާނެ ކަހަލަ ބަދަލު އެނގެއެވެ. ޑޮކްޓަރު އެންމެ ފުރަތަމަ ބުނި ވާހަކަ ޝާމިނަކަށް ޔަގީންކަމާއެކު ގަބޫލުނުކުރެވެއެވެ. އެހެނެއްކަމަކު ކޮންމެވެސް އެއްޗެކޭ ޑޮކްޓަރު ބުނެފިކަން އެނގުނަސް އެއީ އޭނާއަށް ހީވިގޮތް ކަމަށް އަމިއްލަ ނަފުސަށް އޮޅުވާލަން ބޭނުންވާތީ ޝާމިން އެ ސުވާލުކޮށްލީ ކުރިން އިވުނު ވާހަކަ ނޫން އެހެން ޖުމުލައެއް އަޑު އިވޭތޯއެވެ. އެއީ އޭނާގެ ހިތާއި ސިކުނޑީގެ ދެމެދުގައި ހިނގައިދިޔަ ބޮޑު ހައިޖާނު ކޯޅުމެކެވެ. ކަނޑައެޅިގެން އަޑު އިވުނު އެއްޗެއް ގަބޫލު ކުރުމަށް ބޭނުންނުވާނަމަ އިންސާނާގެ ހަވަނަ ހިއްސު އޭނާއަށް ވިސްނައިދޭނީ އޭނާގެ ކަންފަތަށް އެ އިވުނީ ނުބައިކޮށްކަމަށެވެެ. އަދި ދެން އޭނާ އަޑު އަހަން މަސައްކަތް ކުރާނީ އޭނާ ބޭނުންވާ ވާހަކައެކެވެ. މިއީ އިންސާނާގެ ސިކުނޑިއަށް އުފުލައިގަންނަން ނުހަނު ބުރަދަން ބަރު ބޮޑު ވާހަކައެއް އިވޭހިނދު އޭނާގެ ސިކުނޑި ހަމައިން ނެއްޓިގެން ދިޔަނުދިނުމަށްޓަކައި ހަވަނަ ހިއްސުން ކުޅޭ ރޯލެކެވެ. ޒިމްނާއަށް އެވީ ކީއްކަން އެނގުނު ގޮތަށް ދެވަަނަ ހިނދުކޮޅުތެރޭގައި ޑޮކްޓަރަށްވެސް ޝާމިންގެ ހާލަތު ވިސްނައި ގަނެވިއްޖެއެވެ.
"ޑޮކްޓަރުންނަށްވެސް ކުރެވޭނީ މަސައްކަތް... އެ މަސައްކަތް ކާމިޔާބުވުމާއި ނާކާމިޔާބުވުން ބިނާ ވަނީ ކަލާނގެ ކުޅަދުންވަންތަކަމަށް، އިރާދަފުޅަށް...."
ޝާމިންގެ ކޮނޑުގައި އަތް ބާއްވާލަމުން ޑޮކަޓަރު ޒުހައިރު ވާހަކަ ދެއްކިއެވެ.
"ޑޮކްޓާ.. ކިޔަން ތިއުޅޭ އެއްޗެއް ސާފުކޮށް ކިޔާބަލަ... ޝައުފާއަށް ވީ ކީއްތަ؟ މިހާރު އޭނަގެ ހާލު ކިހިނެއްތަ؟"
ކެތްތެރިކަން ކޮޅުންލީ ޒިމްނާގެއެވެ. އޭނާއަށް ޑޮކްޓަރު އެކިޔާ އަރަތެއް ނުވިސްނުނެެވެ. އަހާލެވުނީ އަޑު އުފުލި ތަންކޮޅެއް ބާރަށެވެ. ރަހުމަތްތެރިޔާއަށް ވީ ކީއްކަން ނޭނގުމާއި ގޭގައި ތިބި ކުދިންކޮޅުގެ ހަނދާން އާވުމާއެކު ކޮންމެވެސް އެހެންކަމަކުންވެސް ވަރަށް ބޮޑަަށް އުނދަގޫ ވެފައި ހުރި ޒިމްނާގެ ބާރު އަޑަށް ޑޮކްޓަރު ޒުހެއިރު ކުރިއަށް ޖެހި ޒިމްނާގެ އަތުގައި ހިފައި ހަމަޖެއްސޭތޯ މަސައްކަތްކުރިއެވެ.
އެހެންނަމަވެސް އޭނާއަށް އެމީހުންނަށް އެ ވާހަކަ ސިއްރުކޮށްފައި ނުބޭއްވޭނެއެވެ. ސިއްރު ކުރާނީވެސް ކިހިނެއް ހެއްޔެވެ. ޝައުފާއަކަށް މާގިނަ ވަގުތެއް ނެތެވެ. ފުންނޭވާއެއް ލަމުން ޑޮކްޓަރު ޒުހެއިރު ޝައުފާގެ ހާލަތު ކިޔައިދޭން ފެށިއެވެ.
"ކަލޭތީ ކަލާނގެތަ...؟ މޮޔަ ގޮވަނީ ކީއްކުރަން...؟ އޭހ ޒުހެއިރު... މި ރަށަށް ޝައުފާ އެންމެ ފުރަތަަމަ އައިސް އުޅުނު އިރު ކަލޭ އޭނާއަށް ހެޔޮކޮށް ހިތި ބޭނުން ނުފުދުނީމަ ތިހެން ހަސަދަ ފިލުވާކަށް ނުޖެހޭދޯ...؟!' ޑޮކްޓަރު ޒުހެއިރުގެެ ވާހަކަ މުޅިން ނުނިމެނީސް ޝާމިން ޒުހެއިރާ ދިމާއަށް ޖެހިގަތެވެ. އަދި ބާރަށް ހަޅޭއްލަވައިގަތެވެ.
"މީހުން ދިރިތިބޭނެ ވަގުތާއި މަރުވާނެ ވަގުތު ބުނެގެން ކަލޭ ކަލާނގެއަކަށް ވާުން މަސައްކަތް ކުރަނީތަ...؟"
ޑޮކަޓަރަށް ޝާމިންގެ ހާލަތު ކިތަންމެހާވެސް ރަނގަޅަށް ފަހުމުކުރެވެއެވެ. އެހެންކަމުން ރުޅި އިސްކުރުމުގެ ބަދަލުގައި ޝާމިންގެ ޝޮކް ޖެހި ހުއްޓުން އަރާފައިވާ ސިކުނޑިއަށް ގުޑުމެއް ގެނެސް ޝާމިން ހަމަ ދުނިޔެއަށް ގެނެވޭތޯ ޑޮކްޓަރު މަސަކަތް ފެށިއެވެ.
"އެނގޭ.. އިހުސާސްވެސް ކުރެވޭ.... ލޯބިވާ މީހަކާ ބެހޭގޮތުން އެއްވެސް މީހަކު މިފަދަ ހިތްދަތި ވާހަކައެއް އަހާކަށް ކެތެއް ނުކުރާނެ.... އެކަމަކު ހަގީގަތާ ކުރިމަތިލާން ޖެހޭނެ....." ޝާމިންގެ ދެކޮނޑުގައި ހިފާ ކުޑަކޮށް ތަޅުވާލާފައި ޒުހެއިރު ވާހަކަ ދެއްކިއެވެ. އަދި ފާރުގައި ލެނގިގަނެވިފައި ބުދެއް ހެން ޖެހިފަ ހުރި ޒިމްނާއަށް ބަލާލިއެވެ.
"މިއީ ހިތްވަރު ކުރަންވީ ވަގުތު.. ޝައުފާއަށް ކުދިން މުހިންމު ވާނެ.... އޭނާ ބުނަން ބޭނުންވާ މުހިންމު ވާހަކައެއްވެސް އޮވެދާނެ...." ޑޮކްޓަރު ފިނިނޭވާއެއް ލިއެވެ.
"ޝައުފާގެ އެސްޕީއޯޓޫ ވަރަށް ދަށް... ބެކްޓުބެކް ދެވުނީ ވަންއިންޓުވަންގަ... އެސްޕީއޯޓޫ ހުރީ ހަތްދިހައިގަ... ގެނައި އިރު ހުރިވަރު ނަމަވެސް މިހާރު ފަސްދޮޅަހުގަ އެ ހިފެހެއްޓެނީ، އެވެސް އިރުއިރުކޮޅާ އެބަވެއްޓޭ... 11އިގެ ފެނުގަ އޮކްސިޖަނުގައި މި ހިފަހައްޓަނީ.... ވެންޗޫރާގަ އޮތީ..... އޮކްސިޖަން ނާރައި ދަށްވަމުން ދާނަމަ އިތުރަށް ދޭނެ ވަކި ފަރުވާއެއް ނޯންނާނެ..."
ބާރަށް ރޮއިގަންނަންވީކަމެއް ނޫނީ ތަގުދީރުގެ މި ސަމާސާގެ މައްޗަށް ބާރަށް ހޭންވީ ކަމެއް ޝާމިނަކަށް ނުވިސްނުނެވެ. އޭނާގެ މުޅި ނަފުސު ތެޅިފޮޅެނީއެވެ. ހިތުގައި ހީވަނީ ކޮށި ކުރަފަތަކުން ޅިޔަ އަޅާފައި އެތަންތާނގައި ހުތްލޮނުމިރުސްތަކެއް ހާކާހެނެވެ. ދިލަނަގަމުން ގޮސް އެންމެ ފަހުން ހިތްފުރިގެން ލޮލުގެ ތެރެއަަށް ޖަމާވާން ފެށި ކަރުނަ އެސްފިޔަތަކުގެ ހަނިދާއިރާ ފަސްދީ ކޯތަފަތްމަތިން ފައިބައިގެން ގޮސް އޭނާގެ ތުނބުޅި ތެންމަން ފެށިއެވެ. "މަނިކުފާނުގެ ތުނބުޅީގައި ފެންތިކި ހަރުލާފައި ހުންނައިރު މުތީތަކެއްހެން ވިދާގޮތް ހާދަރީއްޗޭ..." އޭނާއަށް ހީވީ ޝައުފާ އޭނާގެ ތުނބުޅީގައި ހަރުލި ކަރުނަ ތިކިތައް، އެރީތި އިނގިލިތަކުން ފޮހެލިހެނެވެ. "އޭހ... ޝާމިން... މަނިކުފާނު ދެރަވީމަ އަހަންނަށް ކިހިނެއްވާނީ... މަނިކުފާނާ ވަކިވާން ޖެހޭ ވަގުތެއް ނާންނާނެ... ދެން ހީނލަބަލަ... އަހަރެމެންގެ ކުދިންކޮޅު ކޮބާތަ...؟" ޝާމިން އަށް އޭނާގެ ދެކަންފަތުގައި އަތް އަޅައިލެވުނެވެ.
"ބައްދަލު ކުރެވިދާނެތަ....؟" ހިތް ހަލާކުވެފައިވާ އަޑަކުން ޝާމިނަށް އަހައިލެވުނީ ނުހަނު އުނދަގުލުންނެވެ.
"ހޭއަރާފަ އެކަމަކު ވަރަށް ވަރުބަލި... އޮކްސިޖަން އެހާ ދަށްވީމަ ވަރެއް ނުހުންނާނެތަ.... ވީހާވެސް ޕޮޒިޓިވްކޮށް ވާހަކަ ދައްކާތި އިނގޭ.... އަހަރެންވެސް ބޭނުން އެންމެ މަގޭ ފަރުވާއިން ކަލާނގެ މިންވަރުފުޅުން ޝައުފާ އިތުރަށް ލެހެއްޓެވުން.... ޝާމިންހާ ނަސީބު ރަނގަޅު ނުވިޔަސް އެ ހިތްވަރުގަދަ އަންހެން މީހާ ފެނުނު ފުރަތަަމަ ދުވަހުވެސް އެއީ އަހަންނަށް ހާއްސަ މީހެއް... ނުހަނު އިހުތިރާމު ކުރަން...." ޒުހެއިރު ޝާމިންއަށް އައިސީޔޫއަށް ވަނުމުގެ ހުއްދަ ދެމުން ކިޔައިދިނެވެ.
"އާދޭ...ޒިމޫ.." ޒިމްނާގެ ކޮނޑުގައި ހިފާލަމުން ޝާމިން ބުނެލިއެވެ. އަދި ދެ އެކުވެރިން އެކަކު އަނެކަކުގެ އެހީގައި ޑޮކްޓަރުގެ ފަސްފަހަތުން އައިސީޔޫއަށް ވަންނަން ހިނގައިގަތެވެ.
ކުލަ މަރުވެފައިވާ ޝައުފާގެ ފޫޑުދޮންކުލައަކަށް ބަދަލުވަމުންދާ މޫނު ފެނުމާއެކު ދެމީހުންގެ ލޯވެސް ތެމިގެންދިޔައެވެ. މަޑުމަޑުން ކުރިއަށް ޖެހި ޝާމިން ޝައުފާގެ އެނދުގެ މަގަތުން ކައިރިވެލިއެވެ. އަދި ގުދުވެލާފައި ނުހަނު މަޑުމަޑުން ނިޔަނެތި ކަމާއެކު މަލެއްގެ ފިޔައިގަ އަތްލައި މޫނުޖައްސާއިރު އެއަށް އަަނިޔާއެއް ވެދާނެތީ އުޅޭ ފަދައަކުން، އޭނާ ޝައުފާގެ ނިއްކުރީގައި ބޮސްދިނެވެ. އޮކްސިޖަން މާސްކުގެެ ރަބަރު ކުޑަކޮށް ތިރިއަށް ޖައްސާ ތަދުނުވާގޮތަށް ކުޑަކޮށް ފަށަށް ދޫކޮށްލިއެވެ.
"ޝާ...ޝާމިން..." ޝައުފާގެ ތުރުތުރު އަޅާ ތުންފަތް ތެޅިލިއެވެ. އަދި ހޫނު އާވިނޭވައަކާއެކު ޝާމިނަށް ގޮވާލިއެވެ. "އަހަރެމެންގެ ކުދިންކޮޅު ނުގެންނަންތަ...؟" ވަރު ދެރަވެގެން ގޮސް މެރިފައިވާ ދެލޯ ހުޅުވާލަމުން ޝައުފާ އެއްފަހަރު ޝާމިނަށް އަނެއްފަހަރު ޒިމްނާއަށް ބަލައިލިއެވެ.
"އިހަށް ހަމަޖެހިލާ... ކުދިން ގޮވައިގެން ކަނބުލޮގެ ސަމަދުބެ އެބައާދޭ...." ޒިމްނަ ފަނޑުވެފައިވާ ފެން އަޑަކުން އެހެނަސް ހީނލަން މަސައްކަތްކުރަމުން ޝައުފާގެ ބޮލުގައި ފިރުމާލިއެވެ.
"އައްދެ.... ކިހިނެއްވެފަ ތިތިބީ.... ހީވަނީ މަ މަރުވާތީ މަގޭ ޖަނަޒާ ކޮނޑު އަޅަން ތައްޔާރުވެގެން ތިބިހެން...." ޝާމިނާއި ޒިމްނާގެ މިލާފައިވާ ދެމޫނަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. ޝައުފާގެ އެ ބަސްތައް ވިހަ ތީރެއް ހެން ޝާމިންގެ މޭ ފޫއަޅުވާލިއެވެ.
ޒިމްނާގެ ހިތާއި ސިކުނޑީގައި ކޮންމެެވެސް ހައިޖާނެއް އެނބުރިގަތީ ހަމަ ކުއްލިއަކަށެވެ. ވިދުވަރެއްހާ ހަލުވިކަމާއެކު އޭނާގެ ސިކުނޑިއަށް ހިޔާލެއް އަތުވެއްޖެއެވެ. އިތުރަށް އެންމެ ސިކުންތެއްވެސް ބޭކާރު ކުރެވޭކަށް ނެތެވެ. "ޝާމިންބޭ... ޒިމޫ އެބަ އަންނަން.... ހަމަ އެންމެ ކުޑަކުޑަ އިރުކޮޅެއް..." ޒިމްނާ ޝާމިންގެ ކަންފަތާ ކައިރިވެލަމުން ވައި އަޑަކުން ބުނެލިއެވެ.
"އޭހް... ޖުހާދައިތާ... ކޮން ސި..ސިއްރެއް.. ތިކިޔަނީ...؟" ވަރުބަލިވެފައި އޮތަސް ޝައުފާ އޮތީ އެމީހުން އައުުން ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.
"އެކަހަލަ ސިއްރު އަހާކަށް ނުވާނެ..." ހީނލާފައި ޝައުފާގެ މާސްކު ރަނގަޅުކޮށްދެމުން ޒިމްނާ ބުނެލިއެވެ. "އިރުއިރުކޮޅާ މާސްކު ނުނަގައްޗޭ... މީ ވެންޗޫރަ މާސްކެއް.. މި ނެގީމަ ނޭވާހާސްވެ ވަރަށް ބޮޑަށް ބަލިވެދާނެ.... އަހަރެން އަންނަން ދެން ބަސްއަހައިގެން ފިރިކަލުންނާ އެކީ ހިތްހަމަޖެހިގެން އޮންނާތި،... އިނގޭ..."
ޒިމްނާ ނުކުމެގެން ދިއުމުން ޝާމިން އެނދު ކައިރީގައި ހުރި ގޮނޑިއެއް އެނދާ ކައިރިކޮށްލަމުންް އިށީނދެއްޖެއެވެ. އަދި ހިންދިރުވާލަފައި ކުޑައިރުކޮޅެއް ކުރިން ޑޮކްޓާރ ޒުހެއިރު ދެއްކި ވާހަކަ ހަނދާން ނައްތާލެވޭތޯ ބަލަމުން ޝައުފާއާ ވާހަކަ ދައްކަން ފެށިއެވެ.
****
ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޒިމްނާގެ ސްކޫޕީ މަޑުކޮށްލީ މަގުފާރު ވެއްޓިފައިވާ ދުވަސްވީ ތެޅިގަލުން ރާނާއުވަ ޖަހާފައިވާ ކުޑަގެއެއްގެ ދޮރުމައްޗަށެވެ. ސައިކަލުން ފައިބައި، ޕާކުކޮށް ތަޅުލުމަށްފަހު ސްކޫޕީގައި އަޅުވާފައި އޮތް ދަބަސް ނަގައިގެން އެގެއަށް ވަދެގެން ހިނގައިގަތެވެ.
"އައްސަލާމްއަލައިކުމް.... ތަައްހާނުބެއްޔާ..." ފެންޑާގައި ހުރި އުނދޯލީގައި އެއްފައި ލަންބާލައި އުނދޯއްޔަށް ނަގައި، އަނެއް ފައި ބާލައިގެން އިށީނދެގެން އިން ދެބައި އުމުރަށްވުރެ މައްޗަށް ގޮސްފައިވާ މީހަކަށް އަދަބުވެރިކަން އަދާ ކުރަމުން ޒިމްނާ ގޮވާލިއެވެ. އެމީހާގެ ހުދު ތުނބުޅިއާއި ތެދު ނޭފަތާއި އޭނާގެ ބޮލުގައި އޮތް ފަގުނޑިއާއި ލައިގެން ހުރި ހުދު ކުރުތާއިން އެއީ ފިސާރި އަޅުވެރިކަލޭގެފާނެއްކަން ހާމަކޮށްދެއެވެ.
”ތައްހާނުބެއްޔާ... ބެއްޔަ ބުނި އަގެއް ދޭނަން.. އަހަރެންގެ ރަހުމަތްތެރިޔާ މަރުން ސަލާމަތްކޮށްދީ... ބެއްޔަ ނޫން މީހަކަށް މިކަމެއް ނުވާނެ... އަޅޭ... ބެއްޔަ.. އާދޭސް ކޮށްފަ ބެއްޔަގެ ދެފަޔަށް ފުދިފަމިއެދެނީ...“
އުނދޯލީގަ އިން ތައްހާނުބެއްޔަ އޭނާގެ ފޭރާދަތުގަ ޖަހާފައި ހުރި ވިދާ އެސް ފެންނަވަރަށް ހީނލިއެވެ.
”ކޮޔާ... ތިޔަވަރު ނުވިޔަސް ތިވަރުގެ ކަމެއް ކުރެވިދާނެ...“
”މިބުނީނު ބެއްޔަ ބުނި ވަރަކަށް ފައިސާ ދޭނަމޭ... މިޔޮއް ދަބަހުގައި މިހިރީ ނަގުދު ފައިސާ.. ބޭނުމިއްޔަ ޑޮލަރާއި ރަންވެސް ލިބިދާނެ.. ކޮންމެ ގޮތެއް ހަދާފަވެސް އޭނަ ސަލާމަތްކޮށްދީ...“
ދަބަސް ހުޅުވާލާފައި ދައްކާލުމާއެކު ބެއްޔާގެ ކުޅުދިޔާ ވެގެންދިޔައެވެ. އޭނަގެ ހަޔާތުގައިވެސް އެއްފަހަރާ މިހާ ގިނަ ފައިސާތަކެއް ފެނިފައެއް ނެތެވެ. އެހެންކަމުން ވީހާވެސް އަވަހަށް މަސައްކަތަށް ފެށުމަށް ފޮތްބޮނޑި ނަގަން ހިނގައިގަތެވެ. ޒިމްނާގެ ހިތަށް ލިބުނު ހަނަޖެހުމާއެކު ފުންނޭވާއެއް ލެވުނެވެ. މިހާރު ދެން އޭނާގެ ލޮބުވެތި ރަހުމަތްތެރިޔާ މަރުން ސަލާމަތް ކުރެވިދާނެއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ