މުނިފޫހިފިލުވުން

''ދަ ފޭމްގޭމް'' އާއެކު މަދޫރީގެ ވިދުން އަނެއްކާވެސް ގަދަވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓްގެ ނެޓްފްލިކްސް ސީރީސް ''ދަ ފޭމްގޭމް''ގެ ފުރަތަމަ ސީޒަން އިއްޔެ ޕްރިމިއާ ކޮށްފިއެވެ.

''ފޭމްގޭމް'' އަކީ މަދޫރީ ވެބް ސީރީސްއަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. މި ސީރީސްގައި މަދޫރީ ކުޅެދީފައިވާ ކެރެކްޓާއަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބެން ފަށައިފައެވެ. ސަންޖޭ ކަޕޫރާއެކު ކުޅެފައިވާ އެ ސީރީޒްގައި މަދޫރީ ފެނިގެންދަނީ ފުންނާބު އުސް ބޮލީވުޑް އެކްޓްރެސް އަނާމިކާ އާނަންދު ކިޔާ މީހެއްގެ ކެރެކްޓާ އިންނެވެ.

ފިލްމު އިންޑަސްޓްރީގައި އެތަކެއް އަހަރުތަކެއް ވަންދެން އެންމެ އުހުގައި ފިޔަޖަހަމުން އައި ބަތަލާ ފިލްމު ކުޅުމާ ދުރަށް ޖެހިލީ ޒަވާޖީ ހަޔާތެއް ފެށުމަށްފަހު 2003 ވަނަ އަހަރު ދިރިއުޅުން އެމެރިކާގެ ލޮސް އެންޖެލިސް އަށް ބަދަލުކުރުމަށްފަހުގައެވެ. ފިލްމު ކުޅުމުން ބްރޭކެއް ނެގުމުގެ ކުރިން މަދޫރީ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ސަންޖޭ ލީލާ ބަންސާލީގެ ކާމިޔާބު ފިލްމު ''ދޭވްދާސް'' އިންނެވެ.

ފިލްމު ކުޅުމާ ދުރުގައި ހުރުމަށްފަހު މަދޫރީ ވަނީ 2007 ވަނަ އަހަރު ނެރުނު ފިލްމު ''އާޖާ ނަޗްލޭ'' އިން ފެނިގެން ގޮސްފައެވެ. އަދި ''ޔެ ޖަވާނީ ހެ ދީވާނީ''ގައި ހާއްސަ ފެނިލުމަކުން ފެނިގެން ގޮސްފައިވެއެވެ. 2011 ވަނަ އަހަރު މަދޫރީ އަދި އާއިލާ ދިރިއުޅުން އެނބުރި މުމްބާއީ އަށް ބަދަލުކުރުމަށްފަހު އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި 2014 ވަނަ އަހަރު ނުކުތް ''ދޭޅް އިޝްގް'' އަދި ''ގުލާބް ގޭންގް' ވަނީ ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިލާފައެވެ.

ނަމަވެސް މަދޫރީގެ ފިލްމީ ކެރިއަރަށް އަނެއްކާވެސް މަޑުޖެހުމެއް އައުމަށްފަހު އޭގެ ހަތަރު އަހަރު ފަހުން ކުޅުނު މަރާތީ ފިލްމު ''ބަކެޓް ލިސްޓް'' އަށް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި 2019 ވަނަ އަހަރު ފިލްމު ''ޓޯޓަލް ދަމާލް'' އިންވެސް މަދޫރީ ފެނިގެން ދިޔައެވެ. އެ ފިލްމަކީ 1990ގެ އަހަރުތަކުގެ މަގުބޫލު ޖޯޑު، އަނިލް ކަޕޫރާއި މަދޫރީ އެކުގައި ފެނިގެންދިޔަ ފިލްމެއް ކަމުން، ބޮކްސް އޮފީހުގައި އެ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބުނެވެ.

އެއަށްފަހު ބޮޑު ކާސްޓެއް ހިމަނައިގެން އުފައްދާފައިވާ ފިލްމު ''ކަލަންކް''ގައި މަދޫރީ ވަނީ މުހިންމު ރޯލެއް ކުޅެދީފައެވެ. ނަމަވެސް ސަންޖޭދަތުއާއި އާލިއާ ބަޓް، ސޮނާކްޝީ ސިންހާ، ވަރުން ދަވަން އާއެކު މަދޫރީ ފެނިގެންދިޔަ އެ ފިލްމުވީ ފްލޮޕަކަށެވެ.

އެކްޓިން ދާއިރާއަށްވުރެ ބޮޑަށް މަދޫރީ ޑިކްސިޓް މިފަހަކަށް އައިސް ފާހަގަވަނީ ކަލާސް ޓީވީން ގެނެސްދޭ ''ޑާން ދީވާނޭ''ގެ ޖަޖެއްގެ ގޮތުގައެވެ. އެ ޝޯގެ ތިން ސީޒަނުގައި މިހާތަނަށް މަދޫރީ ވަނީ ބައިވެރިވެފައެވެ.

އެކްޓުކުރުމާއި ޖަޖުކަން ކުރުމުގެ އިތުރުން މަދޫރީ އަންނަނީ ޕްރޮޑަކްޝަންގެ ދާއިރާގައިވެސް ހަރަކާތްތެރިވަމުންނެވެ. މަދޫރީ އަދި ފިރިމީހާ ސްރީރާމް ނޭނޭގެ ފިލްމު ކުންފުނި އާރްއެންއެމުން ނެރުނު ނެޓްފްލިކްސް ޑްރާމާ ''15 އޯގަސްޓް'' މަދޫރީ އުފައްދާފައިވާއިރު އިތުރު މަރާތީ ފިލްމެއް ކަމަށްވާ ''ޕަންޗަކް'' އުފެއްދުމުގެ މަސައްކަތްވެސް އޭނާ ދަނީ ކުރަމުންނެވެ.