ޕްރޮފެސަރ ޑޮކްޓަރ ގެރީ މިލަރ (Dr. Gary Miller) އަކީ ކުރީގެ މިޝަނަރީއެކެވެ. އޭނާއަކީ ކްރިސްޓިއަން ޢިލްމުވެރީންގެ ތެރެއިން މަތީ ދަރަޖައިގެ ޢާލިމެކެވެ. ޚާއްޞަކޮށް ފޮތަށް ލޯބިކުރެއްވުމާއި މަޢުލޫމާތުގެ މުއްސަނދިކަމުގެ ލާމަސީލު މިސާލެކެވެ. އޭނާއަކީ ކެނެޑާގައި ވަރަށް މަޝްހޫރު މެތަމެޓީޝަނެކެވެ. އާދެ، އަލްޖިބްރާގެ ޢާލިމެކެވެ. ތިއޮލޮޖީގެ މާހިރެކެވެ. މަންޠިޤީ ޢިލްމުވެރިއެކެވެ. އެމެރިކާއާއި ކެނެޑާގައި އޭނާ މަޝްހޫރުވެވަޑައިގެންފައި އޮތީ ކްރިސްޓިއަން ދީނަށް ގޮވައިލެއްވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަރަހުށި މާތް ﷲ އޭނާގެ ހިތްޕުޅު އިސްލާމްދީނަށްޓަކައި ތަނަވަސްކޮށްދެއްވިއެވެ. ކްރިސްޓިއަނިޓީގެ އަނދިރި ބިންގަރާހުގެ ދަތުރުވެރިޔާ މާތް ﷲ ގެ ރަޙްމަތްފުޅުން ބަދަލުވެގެންދިޔައީ އިސްލާމްދީނަށް ގޮވައިލައްވާ އެދީނުގެ ޚާދިމަކަށެވެ. އޭނާވަނީ ޙަޤީޤީ އީމާންކަމަކީ ކޮބައިކަން އޮޅުންފިލުވައިގަނެވޭނެ މިންގަނޑުތަކެއް އެކަށައަޅުއްވައިފައެވެ. ޙައްޤު ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި ރަނގަޅު މިސްރާބު ހޯދާނެ ވަރަށް ސާދާ އެކަމަކު ޢަމަލީ އުޞޫލުތަކެއް ދައްކަވައިފައެވެ.

އޭނާ ކްރިސްޓިއަން ދީނަށް ގޮވައިލެއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުގައި ވަރަށް ބޮޑަށް ބައިބްލް ދިރާސާ ކުރެއްވިއެވެ. އެމަސައްކަތްޕުޅުގެ ތެރެއިން އޭނާއަށް ފެނިވަޑައިގަތީ ބައިބްލްގައި ހުރި ދެކޮޅުނުޖެހޭ ކަމެވެ. ތަޢާރުޟުވުމާއި ފުށުއެރުމެވެ. އެހެންކަމުން އޭނާ ޤަޞްދުކުރެއްވީ ކީރިތި ޤުރްއާނުންވެސް އެފަދަ ކުށްތަކެއް ހޯއްދަވާށެވެ. ބައިބްލްގައި ހުރި ފަދަ ދޮގު ވާހަކަތަކާއި، ދެކޮޅުނުޖެހޭ ވާހަކަތައް ހޯއްދަވާށެވެ. އިސްލާމްދީނާ ދެކޮޅަށް އެވާހަކަތައް ބޭނުންކުރައްވާށެވެ. ނަމަވެސް ޑޮކްޓަރ މިލަރ ޙައިރާންވެ އަންތަރީސްވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ ކީރިތި ޤުރްއާނުގެ ޙަޤީޤަތާއެއްގޮތް ކަމާމެދުގައެވެ. ފުރިހަމަކަމާ މެދުގައެވެ. ބައިބްލުން އޭނާއަށް ދެކެވަޑައިގަތް ވާހަކަތަކުގެ ތެރެއިން ޙައްޤު ކަމުގައި އޭނާގެ ވިސްނުންފުޅަށް ފެނުނު ހުރިހާ ވާހަކަތަކެއް އެއަށްވުރެ މާފުރިހަމަޔަށް ޤުރްއާނުން އޭނާއަށް ފެނިވަޑައިގަތެވެ. ނަމަވެސް ޤުރްއާނަކު ދެކޮޅުނުޖެހުމެއް ނެތެވެ. ތަޢާރުޟުވުމެއް ނެތެވެ. ފުށުއެރުމެއް ނެތެވެ. ނަތީޖާއަކަށްވީ އޭނާ އިސްލާމްވެވަޑައިގަތުމެވެ. އިސްލާމްވެވަޑައިގަތުމަށްފަހު އޭނާ އުޅުއްވަމުން ގެންދަވަނީ އިސްލާމްދީނާ ބެހޭ މަޢުލޫމާތު ފެތުރުއްވުމުގައި އަވަދިނެތިއެވެ. ވަރަށް ގިނަ ރޭޑިއޯ ޕްރޮގްރާމްތަކާއި، ޓީވީ ޕްރޮގްރާމްތަކުގައި އޭނާ މަސައްކަތް ކުރައްވައެވެ. ތިރީގައި މިވަނީ އޭނާގެ ބައެއް މަސައްކަތްޕުޅުތަކެވެ.

• A Concise Reply to Christianity – A Muslim View

• The Amazing Qur’an

• Some Thoughts on the “proofs” of the Alleged Divinity of Jesus

• The Basis of Islamic Belief

• The Difference Between the Bible and the Qur’an

• Missionary Christianity – A Muslim’s Analysis

ޑޮކްޓަރ ގެރީ މިލަރ (ޑޮކްޓަރ ޢަބްދުލްޢަހަދު ޢުމަރު) އާ ބެހޭ މަޢުލޫމާތުތަކާއި އޭނާގެ މަސައްކަތްޕުޅާބެހޭ ތަފްޞީލު ހޯއްދަވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިވާ ވެބްސައިޓަށް ޒިޔާރަތްކޮށްލެއްވުން އެދެމެވެ.

http://www.islamic-paths.org

ތިރީގައި މި ވަނީ ޑޮކްޓަރ ޢަބްދުލްއަޙަދު ޢުމަރު ކީރިތި ޤުރްއާން ދިރާސާކުރެއްވި ކުރެއްވުމާ ބެހޭގޮތުން އޭނާ މަޖައްލަތުލްދަޢުވާއަށް ދެއްވައިފައިވާ ބަސްދީގަތުމެއްގެ ތަރުޖަމާއެވެ.

ޕްރޮފެސަރ ގެރީ މިލަރ ގެ ހިތްޕުޅު އިސްލާމްދީނަށް ލެނބުނުގޮތުގެ މައްޗަށް އަލި އަޅުއްވައިލައްވަމުން އޭނާ ވިދާޅުވެފައިވެއެވެ.

"އެކަންފެށިގެން އައީ އަޅުގަނޑު ނުބައި ނިޔަތެއްގައި ޤުރްއާން މުޠާލިއާ ކުރަމުންދަނިކޮށެވެ. އަޅުގަނޑުގެ ބޭނުމަކީ ޤުރްއާނުގައިވާ ކުށްތައް ހޯދުމެވެ. ކްރިސްޓިއަނެއްގެ ޙައިޘިއްޔަތުން މުސްލިމުންނާ ދެކޮޅަށް އެމަޢުލޫމާތުގެ ބޭނުންކުރުމެވެ.

މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ ބައެއް ކުށްތައް ހޯދައިގަނެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އޮތެވެ. ނަމަވެސް މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ އަމިއްލަފުޅު ޙަޔާތްޕުޅު ކީއްކުރަންތޯއެވެ؟ އެކަލޭގެފާނުގެ އާއިލީ ދިރިއުޅުއްވުމާއި، އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި ބޭފުޅުންގެ ފަރާތްޕުޅުންވެސް އެއްވެސް ކަހަލަ ކުށެއް ނުވަތަ އެއިން ބޭފުޅެއްގެ ކަތިފިޔަވަޅުފުޅެއް ހޯދައިނުގަނެވުމުން އަޅުގަނޑުގެހިތަށް ވަރަށް ބޮޑު މޮޅިވެރިކަމެއް ލިބުނެވެ. އަޅުގަނޑު އުއްމީދުކުރިގޮތާ ޚިލާފަށް އަޅުގަނޑަށް އިޙްސާސްވާން ފެށީ ކީރިތި ޤުރްއާނަކީ މުޢުޖިޒާތީ ފޮތެއް ކަމެވެ. އެފޮތް ކޮންމެ ކިއުންތެރިޔެއްގެ ހިތަށް ފުން އަސަރުތަކެއް ކުރުވައެވެ. އެފޮތުން ކޮންމެ ކިޔުންތެރިޔަކަށްވެސް ޔަޤީން ވެގެންދަނީ އެފޮތަކީ އިންސާނީ މަސައްކަތެއް ނޫންކަމެވެ. އަދި ކީއްތޯއެވެ؟ އެފޮތަކީ އަރަހުށި މާތްﷲ ސުބުހާނަހޫ ވަތަޢާލާގެ ކަލާމުފުޅުކަމެވެ. އެކަން އަޅުގަނޑަށް ޔަޤީންވި އެއް ސަބަބަކީ ސަލާމްލެއްވި މަރިޔަމްގެފާނުގެ ނަންފުޅުގައި އެފޮތުން ފުރިހަމަ ސޫރަތެއް ފެނުމެވެ. އެސޫރަތުގައި މަރިޔަމްގެފާނަށް ފުރިހަމަޔަށް އިޙްތިރާމް އަދާކުރެވިފައިވެއެވެ. އެކަމަނާގެ ޤަދަރު އުފުލިފައިވެއެވެ. އެއީ އަޅުގަނޑަށް ހަތަރު ބައިބްލުންކުރެ އެއްވެސް ބައިބްލަކުން ފެނިފައިނެތް ޙަޤީޤަތެކެވެ.

ކީރިތި ޤުރްއާނުގައި މަރިޔަމް ޢަލައިހިއްސަލާމާ ބެހޭގޮތުން ފުރިހަމަ ސޫރަތެއް އޮތްއިރު އަނެއްކޮޅުން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ އެންމެ ލޮބުވެތި އަނބިކަނބަލުން އައްސައްޔިދާ އާއިޝާ ރަޟިޔަﷲ ޢަންހާ އާއި، އިތުރު ސާހިބާގެ ނުހަނު ލޮބުވެތި ދަރިކަނބަލުން އައްސައްޔިދާ ފާޠިމަތުއް ޒަރުހާ ރަޟިޔަﷲ ޢަންހާ ގެ ނަންފުޅުވެސް ކީރިތި ޤުރްއާނުގައި އައިސްފައެއްނުވެއެވެ. މި ޙަޤީޤަތުން ކީރިތި ޤުރްއާނަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަމިއްލަފުޅަށް ލިޔުއްވައިފައިވާ ފޮތެއް ނޫންކަން އެނގެއެވެ.

(ނުނިމޭ)