ދިވެހި ތާރީޚުގެ އެކި ސަފުހާތައް ބަލައިލީމާ ވަރަށް ގިނަ ކިލެގެ ބެއިކަލުން ފެންނާނެއެވެ. ދޮށިމޭނާ ކިލެގެއިންނާއި ފާށަނާ ކިލެގެއިންނާއި ރަންނަބަނޑޭރި ކިލެގެއިންނެވެ. އަދިވެސް ކިތަންމެ ކިލެގެއިންނެވެ. ކިލެގެ ކަމަކީ ދިވެހިރާއްޖޭގައި ރަސްކަން ހިނގި ޒަމާނުގައި ރަސްކަމުގެ ފަރާތުން ދެއްވާ ހަތްދޮށި ކޮލިން ލިބޭ ދަރަޖައެކެވެ. ގައުމުގައި އެންމެ ދަރަޖަ މަތިވެރި އިއްޒަތް އުފުލިގެންވަނީ މި ކޮލީގެ ލަގަބު ލިބިފައިވާ މީހުންނެވެ. ކިލެގެއިންގެ ތެރެއިން އެންމެ އިސް ކިލެގެޔަކީ ރަސްކިލެގެއެވެ. އެއީ ރަސްގެފާނެވެ. ކޮންމެއަކަސް މިދެންނެވި ކިލެގެ ކަމަކީ ރަސްކަމާއި ގުޅުންހުރި ރަސްކަމުގެ ލަގަބުތަކުގެ ތެރެއިންވާ އެއްޗެކެވެ.
ކޮލީގެ ތަފާތު ދަރަޖަތަކެއް ހުރެއެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން ކިލެގެ ކަމަކީ ކޮލީގެ އެންމެ މަތީ ދަރަޖައެވެ. މި ކޮއްޔަކީ މީހާގެ މުޅި އުމުރަށްވެސް ދެމިގެންދާ ކޮއްޔެކެވެ. ކިލެގެކަމަށް ކޮލިލެވިފައިވާ ބެއިކަލުންގެ ދަރީންގެ ނަމުގެ ކުރިއަށް އައްނަބީލު، އައްނަބީލާވެސް ބޭނުން ކުރެވެއެވެ. އެހައިވެސް އިއްޒަތް ބޮޑު ކަމެކެވެ. އެއަށްވުރެ ތަންކޮޅެއް ދަށު ދަރަޖައިގެ ކޮއްޔަކީ ކަންގަތި ކޮއްޔެވެ. މުހައްމަދު އަމީނު ދިވެހި ދައުލަތް ހިންގެވި ޒަމާނުގައި އަތޮޅުތެރެއަށް ނިސްބަތްވެ ވަޑައިގަންނަވާ ހައެއްކަ ބޭފުޅުންނަށް 1948 ގައި ކަންގަތިކޮލި ލެެއްވިއެވެ. ފެންނާމަނިކުފާނާއި ހިރިހަމައިދި ކަލޭގެފާނާއި ކާންނާ ކަލޭގެފާނާއި މޭނާކަލޭގެފާނެވެ.
ކޮއްޔެއް ލެވިއްޖެނަމަ އެއީ ދާއިމީ ލަގަބެކެވެ. އުމުރުދުވަހަށްވެސް ދެމިގެންދާ ދަރަޖައެކެވެ. ފަހުން އަދި ކިތަންމެ ބޮޑު ކުށެއްގައި ބެދިގެން އަދަބު ލިބުނުކަމަށްވިޔަސް މެއެވެ. މީގެ އެއް މިސާލަކީ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނެވެ. މާލޭގައި 1887 ގައި ޖެހި ބޮޑު ހުޅުގެ މޭސްތިރިޔާއެވެ. އެ މައްސަލައިގައި ކުށްވެރިވެ އައްޑުއަތޮޅަށް އަރުވައިލެވުނު ކަމަށްވިޔަސް ކިލެގެކަން އޮތެވެ. ދެންވެސް ދޮށިމޭނާކިލެގެފާނެވެ. މިއީ އިހު މިކަން އޮތް ގޮތެވެ. އެހެންނަމަވެސް މިޒަމާނަކަށް އައިސް މީސްމީހުންގެ އިއްޒަތާއި ދަރަޖަޔާއި އެނޫންވެސް ޝަރަފަކީ އެއިރަކު އޮންނަ ސިޔާސީ އޮއިވަރެއްގެ ތެރެއިން ފިލްޓަރުވާ އެއްޗަކަށް ހަދައި އިހުގެ ޒަމާންވީ އާދަ އޮތީ މުގުރާލައިފައެވެ.
މީގެ މިސާލަކީ އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ރާއްޖޭގެ ދެވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނަށް ރަންނަބަނޑޭރިކަމުގެ ކޮލިލެވުނީ ދިވެހިރާއްޖެއަށް އިނގިރޭސީންގެ އަތްދަށުން ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވީމާ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުންވެސް ފާސްކޮށްގެން މުހައްމަދު ފަރީދުގެ ރަސްކަމުގައި 1965 ވަނަ އަހަރުއެވެ. ނާސިރުގެ ރައީސްކަން 1978 ވަނަ އަހަރު ނިމުމާއެކު ދެން ޖެހިގެން އައި 1979 ގައި އެމަނިކުފާނުގެ ކިބައިން ކިލެގެކަން ނިގުޅައިގަތީއެވެ. ރާއްޖޭގެ ދިގު ތާރީޚުގައި މުޅިން އަލަށް ކުރި ކަމެކެވެ. އެއިގެ ކުރިން މިރާއްޖޭގައި މީހަކު ކުށްވެރިވިޔަސް ކިލެގެކަން ނުނެގެއެވެ. ނެގިފައެއްވެސް ނެތެވެ.
ނާސިރުގެ ކިބައިން ކިލެގެކަން ނިގުޅައިގަތީ ރައްޔިތުންގެ މަޖިލީހުން 1979 ގައި ފާސްކުރި ކިލެގެކަން އުވާލުމުގެ ގާނޫނުންނެވެ. ހަމަ އެގާނޫނު 1997 ގައި މަޖިލީހުން ފާސްކުރި އެހެން ގާނޫނަކުން ވަނީ އުވާލާފައެވެ. ކޮންމެއަކަސް މިކަމަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ރައީސް ނާސިރުގެ ހައިސިއްޔަތު ކުޑަކޮށް ޝަރަފުތައް ފަނޑުކޮށް ކިލެގެކަން ވެސް ނެގުމަށް ކުރިކަމެކެވެ. އެކަން ޔަގީނެވެ. މީހަކަށް ލަގަބަކާއި އިއްޒަތަކާއި ދަރަޖެއް ދީފައި އޮންނަނީ އެމީހަކު ގައުމަށް ކޮށްދިން ކަމަކާ ގުޅިގެން ކަމަށްވާނަމަ އެ އިއްޒަތެއް ނިގުޅައިގަތުމުން އެކޮށްދިން ކަންތަކަށް ވާނީ ކިހިނެއްބާވައެވެ. އެހުރިހާކަމެއްވެސް އެމީހާ ނުކުރާކަމަކަށް ވާނެބާވައެވެ. އެހެނަކުން ނުވެއެވެ. ނާސިރު ހޯއްދަވައި ދެއްވި މިނިވަންކަން ދެންވެސް ދެމިއޮތީއެވެ. މިއަދުވެސް މިއޮތީއެވެ.
ކިލެގެކަމަކީ ރަސްކަމާއި ގުޅުންހުރި ދަރަޖަވެރިކަމަކާއި ލަގަބެއްކަމަށް ވިޔަސް ރަސްކަން އުވާލައި ޖުމްހޫރިއްޔަތެއް އަލުން ގެނެވުނުފަހުން ރައީސް ނާސިރުގެ ދައުރުގެ ފަހުކޮޅު 1975 ގައި ވެސް ކިލެގެކަމަށް ތިން ބޭފުޅަކަށް ކޮލިލެވުނެވެ. އެއީ ސުމުއްވުލްއަމީރު އަބްދުއްސައްތާރު ފާމުލަދޭރި ކިލެގެފާނާއި ސުމުއްވުލްއަމީރު އަހުމަދު ހިލްމީ ފާށަނާ ކިލެގެފާނާއި ސުމުއްވުލްއަމީރު އަބްދުލްހަންނާނު ދޮށިމޭނާ ކިލެގެފާނެވެ. މި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅަކީ އަބްދުލްހަންނާނެވެ. ކޮންމެއަކަސް ރައީސް ނާސިރަށް ފޯރުވި ރާޅުން ނެގުނު ކިލެގެކަން މި ތިން ބޭފުޅުންގެ ކިބައިންވެސް އޮތީ ނެގިފައެވެ. ބަދަލުގައި އެއްވެސް ކަމެއް ކުރުމެއް ނެތިއެވެ. އެބޭފުޅުންގެ ކުށެއް އަދި ގައުމީ މަސްލަހަތެއްވެސް އެކަމުގައި އޮތުމަކާ ނުލައެވެ.