މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދުމީހުންނަށް ހާއްސަ ޑޮކްޓަރުން މެދުވަރިކޮށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމާ ބެހޭގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއެކެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު އިބްރާހިމް ސަލީމެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި މި އެއްބަސްވުމުގެ މަގުސަދަކީ ގައިދީންނާއި ބަންދުމީހުންގެ ތެރެއިން އާންމު ނޫން ބަލިތަކަށާއި އުނދަގޫތަކަށް، އެ ކަމާ ގުޅުންހުރި ހާއްސަ ޑޮކްޓަރުން މެދުވެރިކޮށް ޖަލުގައި ބައިތިއްބައިގެން ފަސޭހަކަމާއެކު ސިއްހީ ފަރުވާ ފޯރުކޮށްދިނުން ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

މި އެއްބަސްވުމުގެ ދަށުން، ކުރުމުއްދަތަކަށް އައިޖީއެމްއެޗުގެ ފަރާތުން ޖަލުތަކަށް ސުޕަ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުންނާއި ނަރުހުންގެ އިތުރުން އެހެނިހެން ޓެކްނިކަލް މުވައްޒަފުން ފޮނުވައި، ފަހަރަކު މަދުވެގެން 20 މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށްވެސް އެ ސާވިސް އިން ންޏެވެ.

ކަރެކްޝަންސް އިން ބުނީ މިފަދަ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ ގައިދީންނާއި ބަންދުމީހުންނަށް ބޭސް ފަރުވާ ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ. އަދި ކޮވިޑް-19 ގެ މި ހާލަތުގައި އެމްސީއެސްގެ އަމާޒަކީ ގައިދީންނާއި ބަންދުމީހުންނަށް ވީހާވެސް ރައްކާތެރިކަމާއެކު ބޭސް ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ.