ގދ. ތިނަދޫ ހޮސްޕިޓަލަށް ސަރުކާރުން ފޮނުވި ފަސް ޑޮކްޓަރުން ރާއްޖޭން ފުރައިގެން ދިޔައީ، ފިލައިގެން ކަމަށް ހެލްތު މިނިސްތަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު މުޣުނީ ސުވާލު ކުރެއްވީ، ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މުޅި އަތޮޅަށް ބޭނުންވާ ހުރިހާ ސިއްހީ ހިދުމަތެއްދޭ ތަނަކަށްވާއިރު އެތަނުގައި، ހޭނައްތާ ޑޮކްޓަރަކު ހަރުލާނެ އިންތިޒާމުތަކެއް ހަމަޖައްސައި ދެއްވުމާބެހޭގޮތުންނެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ، މިފަހުން ގެނެސް އެ ހޮސްޕިޓަލަށް ފަސް ޑޮކްޓަރުން ފޮނުވި ކަމަށާއި އެމީހުން ފިލައިގެން ދިޔައީ ކަމަށެވެ.
"ނޭނގެ ކިހިނެއްކަމެއް ފިލައިގެން ދިޔައީކީ، ޑޮކްޓަރުން އެތަނަށް ފޮނުވާ، ދެން ހިފެހެއްޓޭތޯ ބެއްލެވުމަކީ އަޅުގަނޑުގެވަރަށް ބޮޑު އެދުމެއް،"
މިނިސްޓަރު ނަސީމް ވިދާޅުވީ، އެމީހުން ފިލައިގެން ދިއުމުގެކުރިން އެނގޭނަމަ ހުއްޓުވޭނެ ކަމަށެވެ. އެގޮތަށް ޑޮކްޓަރުން ފިލައިގެންދާތީ ހެލްތު މިނިސްޓްރީގެ އިޒުނަ ނެތި ފުރައިގެން ނުދެވޭ ގޮތަށް އިމިގްރޭޝަނާ ގުޅިގެން މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ތިނަދޫގައި މިހިނގާދިޔަ ހާދިސާއާ ގުޅިގެން އަޅުގަނޑުމެން އިމިގްރޭޝަނާ ވާހަކަ ދައްކައިގެން އަޅުގަނޑުމެންގެ އިޒުނައެއް ނެތި އެހެން ފުރައިގެން ނުދެވޭ ގޮތަށް މިހާރު ހަމަޖައްސައިފިން، އެއީ އެމީހުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެން ޖެހޭ އުޖޫރަ ތަކެއްވެސް އެބަހުރޭ، އަޅުގަނޑުމެން އެތައް ހަރަދެއް ކޮށްގެން އެމީހުން ގެންނަނީ،"
މިނިސްޓަރު ނަސީމް ވިދާޅުވުވީ، އެގޮތަށް ޑޮކްޓަރުން ފިލައިގެން ދޭތޯ، ރަށްރަށުން ބެލުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެކަމަށް ޓަކައި އެމީހުންނަށް ވާނުވާ ގޮތް ބަލައި މިހާރަށްވުރެން އެމީހުންނާ ގާތުން މަސައްކަތް ކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު