އިޓަލީގެ ކުޑަ އަވަށެއްގައި މީގެ ސަތޭކަ ވަރަކަށް އަހަރު ކުރިން އަހުމަދުއޭ ކިޔާ ވިޔަފާރިވެރިއެއް ދިރިއުޅުނެވެ. އެއަވަށުގެ މީހުން އޭނާއަށް ކިޔައިއުޅުނީ އަހުމަދު ސޭޓެވެ. އަހުމަދު ސޭޓުގެ ވަރަށް ރީތި ލޫޅާފަތި އަންހެން ކުއްޖަކު ހުރެއެވެ. އެކުއްޖާގެ ނަމަކީ މަރިޔަމްއެވެ.

މަރިޔަމްއަކީ ކިޔަވައިގެން ހުރި ވަރަށް ރަގަޅު އަންހެން ކުއްޖެވެ. އެއަވަށުގެ ޒުވާންފުރައިގެ ހުރިހާ ފިރިހެން ކުދިން މަރިޔަމަށް ހިތް ކިޔަކިޔާ ތިބެއެވެ.

އަހުމަދު ސޭޓުގެ ވިޔަފާރި ފުޅާކުރުމަށްޓަކައި އެއަވަށުގައި ދިރިއުޅުނު ސުލައިމާނޭ ކިޔާ މަހުޖަނެއްގެ އަތުން ވަރަށް ބޮޑު ލޯނެއް ނެގިއެވެ. ސުލައިމާނަކީ ދުވަހަކުވެސް ކާވެންޏެއް ނުކޮށްހުރި ދެބައި އުމުރުގެ މީހެކެވެ. އޭނާއަކީ މަހުޖަނެއްކަމަކު ސިފަ އެހާރީތި މީހެއްނޫނެވެ. ސުލައިމާނު، އަހުމަދު ސޭޓަށް ލޯނު ދޫކުރީ އަހުމަދު ސޭޓުގެ އަންހެން ދަރިފުޅުގެ ކާވެނި އެލޯނު މެދުވެރިކޮށް ހޯދުމަށް ހިތުލައިގެންނެވެ.

ދުވަސްކޮޅެއްފަހުން ސުލައިމާނު، އަހުމަދު ސޭޓުގާތުގައި ބުންޏެވެ. "އަހުމަދު ސޭޓެވެ. އަހަރެންގެ ލޯނު އަދާކުރުމަށް ހުށައެޅުމެއް އެބަ އޮތެވެ. އެއީ ކަލޭގެ ދަރިފުޅު މަރިޔަމުގެ ކާވެނި އަހަރެންނަށް ދިނުމެވެ."

އަހުމަދު ސޭޓު ބުންޏެވެ. އެންމެ ރަނގަޅެވެ. ތިކަމުގައި އަހަރެންގެ ހުށައެޅުމެއްވެސް އެބައޮތެވެ. ސުލައިމާނު އެއީ ކޮން ހުށައެޅުމެއްހޭ ސުވާލުކުރުމުން އަހުމަދު ސޭޓު ބުންޏެވެ. "ކަލޭ ދަބަހަކަށް ކަޅުކުލައިގެ އޮއްގާކޮޅަކާއި، ހުދުކުލައިގެ އޮއްގާކޮޅެއް އަޅާށެވެ. އެއަށްފަހު އަހަރެންގެ ދަރިފުޅު އެދަބަހުން ގާކޮޅެއް ނަގާނީއެވެ. އޭނާއަށް ހުދުކުލައިގެ ގާކޮޅު ނެގިއްޖެނަމަ ކަލޭ އަހަންނަށް ދިން ލޯނު މައާފުވީއެވެ. ނަމަވެސް އަހަރެންގެ ދަރިފުޅު ކަލެޔާއި ކާވެނިކުރާކަށް ނުޖެހޭނެއެވެ. އޭނައަށް ކަޅުކުލައިގެ ގާކޮޅު ނެގިއްޖެނަމަވެސް ކަލޭ އަހަރެންނަށް ދިން ލޯނު މައާފުވާނެއެވެ. އަދި އަހަރެންގެ ދަރިފުޅުގެ ކާވެނިވެސް ކަލެޔަށް ލިބޭނެއެވެ."

ސުލައިމާނު މިކަމާއި އެއްބަސްވެއްޖެއެވެ. ޖެހިގެން އައި ދުވަހު ސުލައިމާނު އޭނާގެ އެކުވެރިންނާއި އެކު އަހުމަދު ސޭޓުގެ ބަގީޗާޔަށް ހިނގައްޖެއެވެ. އެތަނުގައި އަހުމަދު ސޭޓާއި އޭނާގެ ދަރިފުޅު މަރިޔަމްއާއި އަދި އެގޭގެ އެހެން މީހުންވެސް ތިއްބެވެ. ބަގީޗާގެ އެމީހުން ތިބި ހިސާބުގައި ވަރަށް ގިނަ އޮއްގާ ހުއްޓެވެ.

ސުލައިމާނު، އަހުމަދު ސޭޓާ ވާހަކަ ދައްކަން ފެށިއެވެ. އޭރު މަރިޔަމް ކަންތައްވާނެ ގޮތަކާ ދޭތެރޭގައި ވަރަށް ކަންބޮޑުވެފައި އެދެމީހުންނަށް ބަލަހައްޓައިގެން ހުއްޓެވެ. ވާހަކައިގެ ތެރެއިން ސުލައިމާނު ދެ އޮއްގާކޮޅު ނަގާފައި ދަބަހަކަށް ލައިފިއެވެ.

ސުލައިމާނުގެ މަކަރުވެރިކަމުން ދަބަހަށް އޭނާ އެޅީ ކަޅުކުލައިގެ ދެ ގާ ކޮޅެވެ. ކަޅުކުލައިގެ ދެ ގާކޮޅު ދަބަހަށްލީ ދެ ގާކޮޅުންކުރެ ކޮންމެ ގާކޮޅެއް ނެގުނުކަމުގައި ވިއަސް އޭނާއަށް މަރިޔަމްގެ ކާވެނި ލިބޭނެތީއެވެ. ކަންދިމާކުރި ގޮތުން ސުލައިމާނު ދަބަހަށް އެޅީ ކަޅުކުލައިގެ ދެ ގާކޮޅުކަން މަރިޔަމަށް އެނގުނެވެ. އެހެންނަމަވެސަ އަހުމަދު ސޭޓަކަށް އަދި އެހެން އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ. އަހުމަދު ސޭޓު އޭނަގެ ލޮބުވެތި ދަރިފުޅު މަރިޔަމް ގާތު ދަބަހުން ގާކޮޅެއް ނަގާށޭ ބުނެފިއެވެ.

މަރިޔަމްއަށް އޮތީ ތިން ގޮތެކެވެ. ފުރުތަމަ ގޮތަކީ ސުލައިމާނުގެ ކާވެންޏަށް އިންކާރު ކުރުމެވެ. ދެވަނަ ގޮތަކީ ކަޅުކުލައިގެ ދެ ގާކޮޅު ދަބަހުން ނަގައި ސުލައިމާނު ބޭޒާރު ކޮށްލުމެވެ. ތިންވަނަ ގޮތަކީ ދަބަހުގައި އޮތީ ކަޅުކުލައިގެ ދެ ގާކޮޅުކަން އެނގި ހުރެ އެތަނުން އެއްގާކޮޅު ނަގައި ސުލައިމާނާއި ކާވެނި ކުރުމެވެ.

މަރިޔަމް ވިސްނާލާފައި ދަބަހުން ގާކޮޅެއް ނެގިއެވެ. އަދި ނޭނގޭކަމަށް ހަދާފައި އެއްވެސް މީހަކަށް ނުފެންނަނީސް ބިންމައްޗަށް ވައްޓާލައިފިއެވެ. އަދި އެގާކޮޅު އެހެން ގާތަކާއި އެކުވެ އެއީ ކޮންކުލައެއްގެ ގާކޮޅެއްކަން އޮޅިއްޖެއެވެ.

އެވަގުތު މަރިޔަމް ބުންޏެވެ. "ވަރަށް ދެރައެވެ. އަހަރެން ނެގި ގާކޮޅު ބިންމައްޗަށް ވެއްޓިޖެއެވެ. ސުލައިމާނެވެ. ދަބަސް ބަލާށެވެ، އޭރުން އަހަރެންނަށް ނެގުނީ ކޮންކުލައެއްގެ ގާކޮޅެއްކަން އެނގޭނެނޫން ހެއްޔެވެ."

ދަބަހުގައި އޮންނާނީ ކަޅުކުލައިގެ ގާކޮޅެއްކަން ސުލައިމާނަށް އެނގެއެވެ. ބޭޒާރު ވެދާނެތީ އޭނާ ދަބަހަށްލީ ކަޅުކުލައިގެ ދެ ގާކޮޅޭ ބުނާކަށް ސުލައިމާނަކަށް ނުކެރުނެވެ. އަދި ދަބަސް ބަލާފައި ބުނެފިއެވެ. "ދަބަހުގައި އޮތީ ކަޅުކުލައިގެ ގާކޮޅެކެވެ. އެހެންވީމާ މަރިޔަމްއަށް ނެގުނީ ހުދުކުލައިގެ ގާކޮޅެކެވެ."

އެއްބަސްވެފައިވާ ގޮތަށް މަރިޔަމްގެ ކާވެނި ސުލައިމާނާ ކުރާކަށް ނުޖެހުނެވެ. އަދި އަހުމަދު ސޭޓަަށް ސުލައިމާނު ދޫކުރި ލޯނުވެސް މައާފުކޮށްދޭން ޖެހުނީއެވެ.

ވާހަކައިގެ އިބުރަތް؛ ތިމާޔަށް ދިމާވާ ދަތި، އުނދަގޫ ހާލަތްތަކުން އަރައިގަތުމަށް ހުޅުވައިލެވިފައިވާ ސިކުނޑިއަކުން ވިސްނުމުގެ މުހިއްމުކަން.

******

ތަރުޖަމާ: އަހުމަދު މިސްބާހު މުނީރު