މުނިފޫހިފިލުވުން

ބުރުގާ އަކީ ''ޗޮއިސް'' އެއް ނޫން އެއީ ވާޖިބެއް: ޒާއިރާ ވަސީމް

ބުރުގާއާ ގުޅިގެން އިންޑިއާގެ ކަރްނަޓާކާގައި ހޫނުވެފައިވާ މައްސަލައާ ދެކޮޅަށް، ފިލްމު ކުޅުން ހުއްޓާލާފައިވާ ކުރީގެ ފިލްމީ ތަރި ޒާއިރާ ވަސީމް ވާހަކަ ދައްކައިފިއެވެ.

ޓުވިޓާގައި ޒާއިރާ ކުރި ދިގު ޕޯސްޓެއްގައި ބުނެފައިވަނީ ބުރުގާ އެޅުމަކީ ޗޮއިސް އެއް ކަމަށް ނުވަތަ އިހުތިޔާރީ ކަމެއްގެ ގޮތުގައި ގިނަބަޔަކަށް ހީވެފައި އޮތުމަކީ ކުށްހީ އެއް ކަމަށެވެ. ބުރުގާއާ ގުޅިގެން މީހުންގެ މެދުގައި އެގޮތަށް ގަބޫލުކުރަމުން އަންނަނީ އެކަން ދީނުގައި އޮންނަ ގޮތް ނޭނގޭތީ ނުވަތަ ގަބޫލުކުރަން ބޭނުން ނުވާތީ ކަމަށްވެސް ޒާއިރާ ވަނީ ބުނެފައެވެ.

''އަންހެނަކު ބުރުގާ އަޅަނީ ދީނީ ވާޖިބެއް އަދާކުރުމަށް، އޭނާ އެ ތަބާވަނީ ހެއްދެވި ފަރާތަށް'' 21 އަހަރުގެ ޒާއިރާ ވަނީ ބުނެފައެވެ. ''އަހަރެން ބުރުގާ އަޅަނީ ޝުކުރުވެރިކަމާއި ފަހުރުވެރިކަމާއެކު. އަދި ދީނީ ވާޖިބެއް އަދާކުރުމަށް އަންހެނުންނަށް ހުރަސް އަޅައި އެމީހުންނަށް ފުރައްސާރަ ކުރެވޭގޮތަށް އޮންނަ ސިސްޓަމްތައް ކުށްވެރިކުރަން'' ޒާއިރާ ބުނެފައިވެއެވެ.

އޭގެ އިތުރުންވެސް މުސްލިމުންނަށް ވީތީ ކިޔެވުމާއި ބުރުގާއާ ދޭތެރޭ ހިޔާރު ކުރުން ކަނޑައަޅާ ސިޔާސަތުތަކަކީ މުސްލިމުންނަށް ކަނޑައެޅިގެން ކުރެވޭ ބޭއިންސާފެއް ކަމުގައިވެސް ޒާއިރާ ވަނީ ފާހަގަކޮށްފައެވެ. އަދިވެސް އޭނާގެ ޕޯސްޓުގައި ބުނެފައިވަނީ އަންހެނުން ބާރުވެރިކުރުމަށް ކަމަށް ބުނެ ނިންމާ މިފަދަ ނިންމުންތަކުން ދެމުން އެ ގެންދަނީ އެއާއި ދިމާ އިދިކޮޅު މެސެޖެއް ކަމަށެވެ.

ބުރުގާ މަނާ ކުރުމަށް ކަރްނަޓަކާގެ ސަރުކާރުން ވަނީ ކޯޓަށް މައްސަލަ ވައްދާފައެވެ. ހުކުރު ދުވަހު ހައިކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ކަރްނަޓާކާގެ ސަރުކާރުން ބުނެފައިވަނީ ބުރުގާ އަކީ އިސްލާމްދީނުގައި މަޖުބޫރު މާއްދާއެއް ނޫން ކަމަށާއި އަދި ބުރުގާ މަނާކުރުމަކުން އިސްލާމް ދީނުގެ މިނިވަންކަމަށް ހުރަސްއެޅޭ މާއްދާއަކާ ހިލާފު ނުވާކަމަށެވެ.

ކިޔަވައިދޭ މުއައްސަސާތަކުގައި ބުރުގާ އެޅުން މަނާކުރުމަށް ކަނޑައަޅައިދިނުމަށް ސަރުކާރުން ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ތިން ފަނޑިޔާރުންގެ ބެންޗުގައި އިސް ފަނޑިޔާރު ރިތޫ ރާޖް އަވަސްތީގެ އިތުރުން ކްރިޝްނާ އެސް ޑިކްސިޓް އަދި ޖޭއެމް ގާޒީ ހިމެނިވަޑައިގަންނަވައެވެ. މިމައްސަލައިގައި ސަރުކާރުގެ ފަރާތުން ވަކާލާތު ކުރާ ޕްރަބުލިން ނަވާދްޖީ ބުނެފައިވަނީ މުސްލިމުން ބުރުގާ އެޅުމަކީ މަޖުބޫރު ކަމެއްގޮތުގައި ސަރުކާރުން ގަބޫލު ނުކުރާ ކަމަށެވެ.