ބޮލީވުޑް ކިންގް ޝާހްރުކް ހާންގެ ފިރިހެން ދަރިފުޅު އާރްޔަން ހާން އަކީ އެކްޓުކުރުމަށްވުރެ ލިޔުންތެރިކަމާއި ޑައިރެކްޓުކުރުމުގެ ދާއިރާއަށް ޝައުގުވެރިވާ މީހެއް ކަމަށް މީގެ ކުރިން ޝާހްރުކް ހާން އަދި އާރްޔަން ހާންވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުގައި އާރްޔަން ހާން އަންނަނީ ލިޔުމުގެ ދާއިރާއިން އިންޑަސްޓްރީއަށް ނުކުތުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެމެޒޯން ޕްރައިމް ވީޑިއޯސް އަށް ތައްޔާރުކުރާ ވެބް ސީރީސެއް ލިޔުމުގެ މަސައްކަތް އާރްޔަން ހާން އަންނަނީ ކުރަމުންނެވެ. މި ސީރީސްގެ ވާހަކަ ބިނާ ކުރަނީ ފިލްމު ބެލުމަށް ދެވިހިފާފައިވާ ފޭނެއްގެ ހަޔާތުގެ ބިރުވެރި ކަންތައްތަކެއްގެ މައްޗަށް ކަމަށް ވެއެވެ. މިކަމާ ގުޅޭގޮތުން އިންޑިއާގެ މީޑިއާ ޕިންކްވިލާއާ މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނެފައިވަނީ ހުރިހާ ކަމެއް ބަރާބަރަށް ދާނަމަ، މިއަހަރުގެ ތެރޭގައި މި ސީރީސް ފެނިގެން ދާނެ ކަމަށާއި މިވަގުތު އަންނަނީ ސީރީސް އެކުލަވައިލުމުގެ މަސައްކަތް ކުރެވެމުން ކަމަށެވެ.

ޝާހް ރުކް ހާންގެ ޕްރޮޑަކްޝަން ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓަށް ލިޔުމުގެ ދާއިރާއިން ހިދުމަތް ކުރުމުގައި އާރްޔަން އަންނަނީ އެ ކުންފުނީގެ ލިޔުންތެރިޔާ ބިލާލް ސިއްދީގީއާއެކު މަސައްކަތްކުރަމުން ކަމުގައި އެފަރާތުން ބުނެއެވެ.

ޝާހްރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން ވެސް މިއަހަރު އެކްޓިންގެ ދާއިރާއިން އިންޑަސްޓްރީއަށް ނުކުތުމަށް ވަނީ ހަމަޖެހިފައެވެ. އާޗީސް ކޮމިކްސް އަސްލަކަށް ބަލައިގެން ޒޯޔާ އަހްތަރު ޑައިރެކްޓުކޮށް ނެޓްފްލިކްސްގައި މި އަހަރު ނެރުމަށް ހަމަޖެހިފައިވާ ފިލްމުގައި ސުހާނާ ހާން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ޝާހްރުކް ހާން ވެސް އަންނަނީ މިދުވަސްވަރު އިންޑަސްޓްރީގައި ބުރަކޮށް މަސައްކަތްކުރަމުންނެވެ. ޝާހްރުކް ހާންގެ ކުރިއަށް އޮތް ފިލްމު ''ޕަތަން''ގެ އެންމެފަހުގެ މަންޒަރުތައް ސްޕޭނުގައި ނެގުމަށް ހަމަޖެހިފައިވާއިރު އެއަށްފަހު ރާޖްކުމާރު ހިރާނީގެ ސޯޝަލް މީޑިއާ ކޮމެޑީ ފިލްމުގެ މަންޒަރުތަކުގައި ޝާހްރުކް ހާން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.