ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ، ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދަނީ ހުޅުމާލޭ ޖަލުގައިކަން "ވަން" އަށް އެނގިއްޖެއެެވެ.
މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުނީ، އަޑުބަރޭ ހުކުމް ތަންފީޒުކުރަމުން ގެންދަނީ ހުޅުމާލޭ ޖަލުގައި ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި ރަސްމީ އެއްވެސް އިދާރާއަކުން ވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އަޑުބަރޭ ހުކުމް ތަންފީޒުކުރަމުން ގެންދަނީ ކޮން ޖަލެއްގައިތޯ "ވަން" އިން ކަރެކްޝަންސްއާ ސުވާލުކުރުމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަލް، ޔުސްރީން އަހުމަދު މިއަދު ވިދާޅުވީ، އަޑުބަރޭ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޖަލެއްގައި ކަމެއް ވިދާޅެއް ނުވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކޮށް ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާކޮށް ރާއްޖޭން ބޭރަށް އޭނާ ފުރުން ކުރިމިނަލް ކޯޓުން މަނާކޮށްފައި އޮތުމަށްފަހު، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމަށް އޭނާއަށް ހުއްދަ ދިނީ، އެނބުރި ރާއްޖެ އަންނާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ކޯޓުގައި އަޑުބަރޭ ޖާމިނު ކުރުމުންނެވެ.
އެ ހުއްދައިގެ ދަށުން އަލީ ވަހީދު އިނގިރޭސި ވިލާތަށް ދިޔައީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާ ރާއްޖެ އައުމަށް ދިން ހަތަރު މަސްދުވަހުގެ މުއްދަތު ހަމަވެގެން ގޮސް މިއަދާ ހަމައަށް އައިއިރުވެސް އޭނާ ރާއްޖެ އައިސްފައެއް ނުވެއެވެ.
އެކަމާ ގުޅިގެން 72 ގަޑިއިރު ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުކުރުމަށް 28 ނޮވެމްބަރު 2021 ގައި ކުރިމިނަލް ކޯޓުން އަޑުބަރޭއަށް އެންގިއެވެ. ނަމަވެސް އެ މުއްދަތުގައިވެސް އަލީ ވަހީދު ކޯޓަށް ހާޒިރު ނުކުރުމުން އެއީ ކޯޓުގެ އެންގުމަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި، 15 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން މިމަހުގެ ދެވަނަ ދުވަހު ހުކުމްކުރިއެވެ. އެ ހުކުމާއެކު ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން އޭނާ ވަކިކުރިއެވެ.
ކުރިމިނަލް ކޯޓުން އެ ހުކުމް ކުރި އިރު، އަޑުބަރޭ ރާއްޖޭގައި ނެތުމުން އެ ހުކުމް ތަންފީޒުކުރުމަށް އޭނާ ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްދޭން ފުލުހުންގެ ކިބައިން އެދުނެވެ. ނަމަވެސް އޭގެ 15 ދުވަސް ފަހުން، ފުލުހުން ވަނީ އަޑުބަރޭ ރާއްޖޭގައި ނެތްކަން ކަރެކްޝަނަށް އަންގައިފައެވެ.
އަޑުބަރޭ އެނބުރި ރާއްޖެ އައިސް ކަރެކްޝަންސްއާ ހަވާލުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އަޑުބަރޭ އެނބުރި ރާއްޖެ އައިސް، ކަރެކްޝަންސްއާ ހަވާލުވި ނަމަވެސް، އަލީ ވަހީދު ގެނެވޭނެ ގޮތެއް އަދިވެސް ނުވެއެވެ. ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް އަލީ ވަހީދު ހާޒިރުނުވުމުން އޭނާވެސް ކޯޓުގެ ހުރުުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ. އަދި އޭނާ އަނބުރާ ރާއްޖެއަށް ގެނައުމަށް ބޭރުގެ އެޖެންސީތަކަށް ދޭން ޖެހޭ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު