ބޮލީވުޑްގައި އަލިގަދަ ތަރި ދީޕިކާ ޕަދުކޯން އަށް އެންމެ ފުރަތަމަ ފިލްމެއް ކުޅެން ހުށަހެޅި ފަރާތަކީ ސަލްމާން ހާން ކަމުގައި އޭނާ ބުނެފިއެވެ.
''ބޮލީވުޑް ހަންގާމާ'' އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ދީޕިކާ ބުނެފައިވަނީ އެންމެ ފުރަތަމަ ފިލްމެއް ކުޅެން ހުށަހަޅާފައިވަނީ ސަލްމާން ހާން ކަމަށާއި އެ ފުރުސަތު ލިބިފައިވަނީ ދީޕިކާ މޮޑެލިންގެ ދާއިރާގައި ފައިހަމަ ކޮށްލި ދުވަސްވަރުގައި ކަމަށެވެ.
ދީޕިކާ ބުނީ ސަލްމާން ހާން ހުށަހެޅި ފިލްމު ކުޅެން އެއްބަސް ނުވެ ދޫކޮށްލާފައިވަނީ އެ ދާއިރާއަށް އެދުވަސްވަރު ޝައުގުވެރިކަން ނެތުމުންނާއި އެއީ ކުރެވިދާނެ ވަރުގެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އަދި ދީޕިކާގެ ކިބައިގައި އެކްޓުކުރުމުގެ ހުނަރު ހުރިކަން އަމިއްލައަށް ނޭނގޭއިރު ސަލްމާން ހާންއަށް މާކުރިން އެކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ދީޕިކާ ވަނީ ބުނެފައެވެ.
ސަލްމާން ހާން ދީޕިކާއަށް ފިލްމެއް ހުށަހެޅިކަމަށް ބުނެފައިވީނަމަވެސް އެއީ ކޮން ފިލްމެއް ކަމެއް ދީޕިކާ ހާމަކޮށްފައެއް ނުވެއެވެ. އޭނާ ބުނެފައިވަނީ އެ ފުރުސަތުގެ ބޭނުން އޭރު ހިފި ނަމަ ފިލްމު އިންޑަސްޓްރީއަށް ނުކުންނާނީ ސަލްމާން ހާންގެ ފިލްމަކުން ކަމަށެވެ. ދީޕިކާ އާއި ސަލްމާން އެކުގައި އެއްވެސް ފިލްމެއްގައި އަދި މިހާތަނަށް މަސައްކަތްކޮށްފައެއް ނުވެއެވެ. ޝާހްރުކް ހާންގެ ކުރިއަށް އޮތް ފިލްމު ''ޕަތަން'' ގައި ދީޕިކާ މުހިއްމު ރޯލެއް ކުޅުމަށް ހަމަޖެހިފައިވާއިރު މިފިލްމުގައި ހާއްސަ ފެނިލުމަކުން ސަލްމާން ހާން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ދީޕިކާ ބޮލީވުޑަށް ނުކުމެފައިވަނީ 2007ވަނަ އަހަރު ފަރާ ހާން އުފެއްދި ފިލްމު ''އޯމް ޝާންތީ އޯމް' އިން ޝާހްރުކް ހާން އާއެކުގައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން