ބަތަލާ ނޭހާ ދޫޕިއާގެ ކުރިއަށް އޮތް ފިލްމު ''އަ ތާޒްޑޭ'' ގައި އޭނާ ފެނިގެން ދަނީ މާބަނޑު ފުލުސް އޮފިސަރެއްގެ ގޮތުގައެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ނޭހާ ބުނެފައިވަނީ އޭނާ ބަލިވެ އިނުމުގެ ސަބަބުން ގިނަ ފިލްމުތަކަކުން ވަކިކުރިކަމަށެވެ.

ފިލްމުތަކުގައި ކަސްރަތީ ހަށިގަނޑު ދެއްކޭނަމަ މާބަނޑު އަންހެނަކަށް އެކްޓު ނުކުރެވެންވީ ސަބަބެއް ނުވިސްނޭކަމުގައި ނޭހާ ވަނީ ބުނެފައެވެ.

ނޭހާގެ އެންމެ ފަހުގެ ފިލްމު ''އަ ތާޒްޑޭ''ގައި އޭނާގެ ކެރެކްޓާ ކުޅެދީފައިވަނީ އަށް މަހުގެ ބަނޑަކާއެކުގައެވެ. ނޭހާ ބުނީ ބަލިވެ އިނުމުގެ ސަބަބުން މަސައްކަތް ކުރުމާއި ނުކުރުމަކީ އަންހެނެއްގެ އިހުތިޔާރުގައި އޮންނަންވާނެ ހައްގެއް ކަމަށާއި އޭގެ ސަބަބުން މަސައްކަތުން ވަކިކުރުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި ބަލިވެ އިނުމުގެ ސަބަބުންވެސް މަސައްކަތްކުރެވޭ ވަރަށް ކުޅަދާނަކަން ހުރިނަމަ އެ ފުރުސަތު ލިބެން ޖެހޭ ކަމަށާއި އެއީ ކުރެވިދާނެ ކަމެއްކަން އޭނާ ދައްކަން ބޭނުންވީ އަމިއްލަ މިސާލުން ކަމުގައި ނޭހާ ވަނީ ބުނެފައެވެ.

ފިލްމު ''އަ ތާޒްޑޭ'' ގައި ބަނޑުބޮޑުވެ ހުރެ އޭނާ ހުށަހަޅައިދިން ކެރެކްޓާ ގެނެސްދީފައިވަނީ މަސައްކަތަށް ވަރަށް ގަޔާވެގެން ކަމުގައިވެސް ނޭހާ ވަނީ ބުނެފައެވެ. ފިލްމުގައި ނޭހާ ކުޅެދީފައިވަނީ އޭސީޕީ ކެތަރިން އެލްވަރެޒް ގެ ރޯލެވެ. މި ފިލްމު ޑިޒްނީ ހޮސްޓްސްޓާގައި ސްޓްރީމްކުރަން ފަށާފައިވަނީ ފެބްރުއަރީ 17 ގައެވެ.