މާލޭގައި މާދަމާ (22.2.22) 85 ކައިވެނިކުރުމަށް ރަޖިސްޓާކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
މިއި ފެމިލީ ކޯޓުގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ކައިވެނިކުރާ ދުވަހެވެ. މީގެ ކުރިން އެންމެ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކައިވެނިކޮށްފައިވަނީ 20.02.2020ގައެވެ. އެދުވަހު މާލޭގައި 66 ކައިވެނި ކުރިއެވެ.
ފެމިލީ ކޯޓުން މިއަދު ބުނީ ކޯޓުގައި ރަޖިސްޓާކުރި ކައިވެނީގެ ތެރެއިން 46 ކައިވެނިކުރުމަށް ހަމަޖެހިފައިވަނީ ކޯޓުގައި ކަމަށާއި ކޯޓުން ބޭރުގައި ކުރަން ހަމަޖެހިފައިވަނީ 39 ކައިވެނި ކަމަށެވެ.
ރީތި ތާރީހުތަކާ ދިމާކޮށް ކައިވެނިކުރާ މީހުން ގިނައެވެ. އެގޮތުން މިމަހުގެ ދެ ވަނަ ދުވަހު ފެމިލީ ކޯޓުގައި ވަނީ 39 ކައިވެނިކޮށްފައެވެ.
މީގެ ކުރިން އެންމެ ގިނައިން ކައިވެނިކުރި ރީތި ތާރީހުތަކުގެ ތެރޭގައި 10.10.2010، 11.11.2011 އަދި 12.12.2012 ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ކައިވެނި އެއް ދުވަހެއްގައި ކޮށްފައިވަނީ 12.12.2012 ގައެވެ. އެ ދުވަހު 54 ކައިވެންޏެއް ކޮށްފައިވެއެވެ.
ރީތި ތާރިހުތަކާ ދިމާކޮށް ބާއްވާ ކައިވެނި ޕާޓީތައް ވެސް އެ ތާރީހަކާ ގުޅުވުމަކީ އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ.
ފެމިލީ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން 2،399 ކައިވެންޏެއް މިދިޔަ އަހަރު އެކޯޓުން ކޮށްދީފައިވެއެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު 1،192 ވަރި ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި 2020 ވަނަ އަހަރު ރާއްޖޭގައި 4998 ކައިވެނި ކުރި އެވެ. އެ އަހަރު 2984 ދެމަފިރިއަކު ވަރި ކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު