މިއަދަކީ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހެވެ. މުޅިދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް މިއަދު ފާހަގަކުރަމުންދަނީ މިދުވަހެވެ. ދިވެހިރާއްޖެވެސް ހިމެނޭގޮތުންނެވެ. އެހެންވީމާ ދިވެހިބަހާއި ދިވެހިބަހުގެ ބަހުރުވަތަކަށް މިއަދު ޖެހިފައިވާ ނިކަމެތި ހާލުގެ މައްޗަށް ފިކުރު ހިންގައި މިކަމަށް ހައްލެއް ލިބޭތޯ އަޒުމް ކަނޑައެޅުމަކީ މިއަދު ވަރަށް މުނާސަބު ކަމެއްކަމަށް ގަބޫލު ކުރެވެއެވެ. މާދަރީބަހަށް މިގައުމުގައި ޖެހިފައިވަނީ ކޮން ހާލެއް ބާވަައެވެ. މާދަރީ ބަސް އޮޔާދަނީއެވެ. ގާދޫކޮލުގައި މިހާރު ބުރިޖު އޮތީމާ ގާދޫކޮލަކުން ނޫނެވެ. އެހެން ދިމަދިމާލުންނެވެ. ބޮޑުކަޅިންނެވެ. އަދިވެސް ކިތަންމެ ދިމާއަކުންނެވެ.

މިއަހަރަށް އދ.އިން ކަނޑައަޅާފައިވާ ޝިއާރަކީ އެއްބަހަށްވުރެ ގިނަ ބަސްބަހުން، އެއް ބަހުރުވަޔަށްވުރެ ގިނަ ބަހުރުވަތަކުން އުނގެނުމަށް ޓެކްނޮލޮޖީ ބޭނުންކުރުމެވެ. އެކަމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކެވެ. މި ޝިއާރުން ރަމްޒުކޮށްދެނީ އުނގަންނައި ދިނުމާއި އުނގެނުމުގައި ތަފާތު ބަސްބަހާއި ބަހުރުވަތަކުގެ ދައުރާއި އޭގެ މުހިންމުކަމެވެ. ބަހުރުވަތައް ޓެކްނޮލޮޖީއާ ގާތްކުރުމުގެ މުހިންމު ކަމެވެ. ދިވެހި ބަހާއި އެބަހުގެ ބަހުރުވަތައް އުވިގެން ފޮހެވިގެން ދިޔަނުދީ ކުރިއެރުވުމަށް އޮތް މަގަކީވެސް ޓެކުނޮލޮޖީގެ މަގުކަމެވެ. މިއަދުގެ ޒުވާނުން ދިވެހި ބަހާ ފޭޔަށް ޖެހެމުންދަނީ އެބަސް ޓެކްނޮލޮޖީއާ ބީރައްޓެހި ކަމަށް ހީވެގެންނެވެ. އެހެންވީމާ މިއަހަރުގެ ޝިއާރު ދިވެހީންނަށް ވަކިން ޚާއްސައެވެ.

މާދަރީބަހުގެ ބައިނަލްއަގުވާމީ ދުވަހެއް ފާހަގަކުރުމުގެ ބޭނުން މިގައުމުގައި ފުދޭތޯ އިހަށް ބެއްލެވުން އެދެވިގެންވެއެވެ. އދ.އިން ނިންމައިގެން މިފަދަ ދުވަހެއް ގެނައުމުގެ ބޭނުމަކީ ކޮބައިތޯއެވެ. ބަސްބަހާއި ބަހުރުވަތައް ހިމާޔަތްކޮށް އިހުތިރާމްކޮށް ދިރުވައި އާލާކުރުމަށް ހިތްވަރު ދިނުމެވެ. ދިވެހިން ވާހަކަ ދައްކައި އުޅޭ އެކި ބަހުރުވަތަކަށް އިހުތިރާމް ކުރެވޭތޯއެވެ. ބަހުރުވަތަކަށް ޒުވާނުންގެ ހިތްޖެއްސުމަށް ކުރެވޭ ކަމެއް، ނުވަތަ ހިންގޭ ޕްރޮގްރާމެއް އެބައޮތްތޯއެވެ. މަދަރުސާތަކުގައި ބަހުރުވަތަކަށް ދެވިފައި އޮންނަނީ ކޮންކަހަލަ މަގާމެއްތޯއެވެ. ރީތި ފޭންސީ ހެދުމެއް ލައްވައިފައި ދަރިފުޅު މަދަރުސާޔަށް ފޮނުވައި ފެޝަން ޝޯއެެއް ބޭއްވުން ނޫންކަމެއް ކުރެވޭތޯއެވެ. ވަރަށް ދެރައެވެ. ނުކުރެވެއެވެ.

މާދަރީބަހުގެ ބައިނަލްއަގުވާމީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ 21 ވަނަ ދުވަހެވެ. މިދުވަސް އެއް އަހަރު އައީ އުފަން ރަށް އައްޑޫ ހުޅުމީދޫގައި އަޅުގަނޑު ހުއްޓައެވެ. އެ ފަސްގަނޑުގައި ހުރި ތިން މަދަރުސާޔަށް ގޮސް ޕްރިންސިޕަލުންނާއި ބައްދަލުކޮށް އެދުވަހުގެ އެސެމްބްލީގައި އަތޮޅު ބަހުރުވައިން ދަރިވަރުން ވާހަކަ ދައްކާން ފުރުސަތު ދިނުމަށް އެދި އާދޭސް ދެންނެވީމެވެ. ކޮންމެ ޕްރިންސިޕަލަކު ވެސް ވިދާޅުވީ މިހެންނެވެ. އަސްތާއެވެ. ތިޔަ ކަމެއް ނުވެވޭނެއެވެ. ތައުލީމީ ވުޒާރާއިން ތަރުހީބު ދެއްވާކަމެއް ނޫނެވެ. އެބޭފުޅުންގެ ޖަވާބުން އެނގި ކަށަވަރުވީ ވުޒާރާޔަށްވެސް އަދި އެބޭފުޅުންނަށްވެސް އ.ދގެ މަގްސަދު މޭރުންވުން ކުޑަކަމެވެ.

ބައިނަލްއަގުވާމީ މާދަރީބަހުގެ ގޮތުގައި 21 ފެބްރުއަރީ ހަމަޖެހުނީ ތާރީޚުގެ ތެރެއިން އެދުވަހު ހިނގާފައިވާ ހާދިސާއަކަށް ނިސްބަތްކޮށްފައެވެ. އެއީ މާދަރީބަހުގެ ހައްގުގައި ބަންގާޅު މީހުން ކުރި ހަޅުތާލު ރޫޅައިލުމަށް ޕާކިސްތާނު ސިފައިން ބަޑިޖެހުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު މަރުވި ދުވަހެވެ. އެއީ 1952 ވަނަ އަހަރެވެ. މިހާރު މިނިވަންވެފައިވާ ބަންގްލަދޭޝް އޭރު އޮންނަނީ ޕާކިސްތާނުގެ ވެރިކަމުގެ ދަށުގައެވެ. އިރުމަތީ ޕާކިސްތާނުގެ ގޮތުގައެވެ. ވެރިކަން ހިންގަނީ ހުޅަނގު ޕާކިސްތާނުގައެވެ. ރަސްމީ ހަމައެކަނި ބަހަކީ އުރުދޫ ބަހެވެ. ބަންގާޅުބަހަށް ރަސްމީ ހައިސިއްޔަތެއް ނެތެވެ. އެހެންވީމާ ދެން ހުރިހާ ބާވަތެއްގެ ގަޑުބަޑަށް މަގުފަހިވެގެން ދިޔައީއެވެ.

އދ.ގެ އާއްމު މަޖިލީހުގައި 2002 ވަނަ އަހަރު ފާސްކުރި ގަރާރަކުން މިފަދަ ދުވަހެއް ފާހަގަކުރަން ނިންމައި އަދި 2007 ވަނަ އަހަރު ފާސްކުރި އެހެން ގަރާރަކުން ދުނިޔޭގެ އެންމެހައި ބަސްބަހާއި ބަހުރުވަތަކަށް އިހުތިރާމްކޮށް ރައްކާތެރިކުރުމުގެ ހަރަކާތްތައް ފުޅާކުރަން ނިންމުމުގެ މަގްސަދަކީ މިދުވަސް ފެޝަން ޝޯއަކުން ނިންމައިލުމެއް ނޫނެވެ. ރައްކާތެރިކުރަން ލާޒިމުވަނީ އެންމެ ބަހެއް ބަހުރުވައަކަށް ހެދުމެއް ނޫނެވެ. އެހެންވީމާ މިދުވަސް ފާހަގަ ކުރުމުގެ ހަގީގީ މަގްސަދު ހާސިލްވާނީ ބަހާއި ބަހުރުވަތަކަށް އިހުތިރާމްކޮށް އެޔަށް ރަސްމީ ހައިސިއްޔަތު ލިބި ސްކޫލް މަދަރުސާތަކުގައިވެސް ހަމަނޭވާލާނެ ފުރުސަތު ބަހުރުވަތަކަށް ލިބިގެންނެވެ. މިހާރު އެކަން ހިނގަނީ އެހެނަކުން ނޫނެވެ.