މުނިފޫހިފިލުވުން

''އެކް ވިލަން ރިޓާންސް'' ގެ ޝޫޓިންތައް ނިމިއްޖެ

ބޮލީވުޑް ބަތަލާ ދިޝާ ޕަޓާނީގެ ކުރިއަށް އޮތް ފިލްމު ''އެކް ވިލަން ރިޓާންސް'' ޝޫޓިންތައް ނިމިއްޖެއެވެ.

އެމްއެސް ދޯނީ އިން ފިލްމު އިންޑަސްޓްރީއަށް ނުކުތް ރީތި ބަތަލާ ދިޝާ އަކީ މީސް މީޑިއާގައި ވަރަށް ހަރަކާތްތެރި ބަތަލާއެކެވެ.

އެގޮތުން އިއްޔެ ދިޝާ ވަނީ ''އެކް ވިލަން ރިޓާންސް'' ގެ ޓީމާއެކު ނަގާފައިވާ ފޮޓޯއަކާއެކު އެ ފިލްމުގެ ޝޫޓިން ނިމިއްޖެކަމަށް ބުނެފައެވެ. މޯހިތު ސޫރީ ޑައިރެކްޓުކުރާ މިފިލްމުގައި ދިޝާ ޖޯން އަބްރަހަމް، އަރްޖުން ކަޕޫރު އަދި ތާރާ ސުތާރިއާ މުހިއްމު ރޯލުތަކަކުން ފެނިގެން ދާނެއެވެ.

ފިލްމު ''މަލަންގް'' އަށްފަހު މިއީ މޯހިތު ސޫރީ އާއެކު ދިޝާ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ފިލްމު ''އެކް ވިލަން ރިޓާންސް'' އަކީ 2014ވަނަ އަހަރު ނުކުތް ސިދާތު މަލްހޯތުރާ އަދި ޝްރަދާ ކަޕޫރު ފެނިގެން ދިޔަ ''އެކް ވިލަން'' އާއި ގުޅިފައިވާ ފިލްމެކެވެ.

ދިޝާ ޕަޓާނީގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި އެކްތާ ކަޕޫރުގެ ''ކޭޓީނާ'' ވަނީ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ސިދާތު މަހްލޯތުރާ އަދި ރާޝީ ކަންނާ އާއެކު ފިލްމު ''ޔޯދާ'' ގައި ދިޝާ މުހިއްމު ރޯލެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ދިޝާ އަދި ލޯބިވެރިޔާކަމަށް އަޑު އަރާފައިވާ ޓައިގާ ޝްރޮފް އާއެކު ރާއްޖެއަށް ކުރާ ޗުއްޓީ ދަތުރުތަކުގެ ވާހަކަތަކަށް މީޑިއާގެ ސަމާލުކަން އަބަދުވެސް ލިބެމުން ގޮސްފައިވެއެވެ. ދިޝާ އަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ލޯބިކުރާ އެކްޓްރެސްއަކަށް ވާއިރު ރާއްޖޭގެ ޗުއްޓީ ފޮޓޯތައް އޭނާގެ އިންސްޓަގްރާމުގައިވެސް ވަރަށް ގިނައިން ހިއްސާކުރަމުން އައިސްފައިވެއެވެ.