އިންޑިއާ ސިނަމާގެ އަގުވަޒަންކުރުމުގެ ގޮތުން އެގައުމުގެ ސަރުކާރުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދާދާސާހަބް ފާލްކޭ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގެ މިއަހަރުގެ އެވޯޑު ހަފުލާ އިއްޔެ ވަނީ މުމްބާއީގައި ކުލަގަދަކޮށް ބާއްވާފައެވެ.

މިހަފުލާގައި ވަނީ އިންޑަސްޓްރީގެ ގިނަ ފަންނާނުން ބައިވެރިވެފައެވެ. އިއްޔެގެ އެވޯޑު ހަފުލާގައި "އަހަރުގެ ފިލްމު"ގެ އެވޯޑު ''ޕުޝްޕާ'' އަށް ލިބިގެންދިޔަ އިރު އެންމެ މޮޅު ފިލްމަށް ވަނީ ''ޝޭރްޝާހް'' ހޮވިފައެވެ. ކްރިޓިކުން ހޮވާ އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ ''ސަރްދާރް އުދަމް'' އަށެވެ.

އެންމެ މޮޅު އެކްޓަރަކަށް ފިލްމު ''83'' އިން ރަންވީރު ސިންގު ހޮވިފައިވާއިރު އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ކާމިޔާބުކުރީ ''މިމީ'' އިން ކްރިތީ ސެނޮން އެވެ. ކްރިޓިކުން ހޮވާ އެންމެ މޮޅު އެކްޓަރު އަދި އެކްޓްރެސްގެ އެވޯޑު ލިބިފައިވަނީ ''ޝޭރްޝާހް'' އިން ސިދާތު މަލޯތުރާ އަދި ކިއާރާ އަދްވާނީ އަށެވެ. ޕީޕަލްސް ޗޮއިސް އިން ހޮވާ އެންމެ މޮޅު އެކްޓަރު އަދި އެކްޓްރެސް ލިބުނީ އަބިމަންޔޫ ދަސާނީ އަދި ރަޝްމިކާ މަންދަނާ އަށެވެ. ފިލްމު އިންޑަސްޓްރީއަށް އަލަށް ނުކުތް އަހާން ޝެޓީ އަށް ވަނީ ފިލްމު ''ތަޅަޕް'' އިން އެންމެ މޮޅު ޑެބިއު އެވޯޑު ލިބިފައެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑު ސަތީޝް ކޯޝިކް އަށް ފިލްމު ''ކާގަޒް'' އިން ލިބިފައިވާއިރު އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ލިބުނީ ''ބެލް ބޮޓަމް'' އިން ލާރާ ދައްތާ އަށެވެ.

އެންމެ މޮޅު ވެބް ސީރީސްގެ އެވޯޑު ލިބުނީ ''ކެންޑީ'' އަށެވެ. އަދި ވެބް ސީރީސްއިން ހޮވާ އެންމެ މޮޅު އެކްޓަރު އަދި އެކްޓްރެސްގެ އެވޯޑު ހާސިލުކުރީ ''ފެމިލީ މޭން 2'' އިން މަނޯޖް ބަޗްޕާއީ އަދި ''އަރަންޔަކް'' އިން ރަވީނާ ޓަންޑަން އެވެ.

އިންޑިއަން ޓެލެވިޒަންގެ އެންމެ މޮޅު ސީރީސްގެ އެވޯޑު ''އަނޫޕަމާ'' އަށް ލިބުނުއިރު، އެ ސީރީސް ކުޅެދިން ރުޕާލީ ގަންގުލީއަށް ވަނީ އެންމެ އުއްމީދީ އެކްޓްރެސްގެ އެވޯޑު ލިބިގެން ގޮސްފައެވެ. އަދި ''ކުންޑަލީ ބާގްޔާ'' އިން ދީރަޖް ދޫޕަރް އަށް އެންމެ އުއްމީދީ އެކްޓަރުގެ އެވޯޑު ލިބުނުއިރު އެ ސީރީސް އިން ޝްރަދާ އާރްޔާ އަށް ވަނީ ސީރީސް އިން ހޮވާ އެންމެ މޮޅު އެކްޓްރެސް ގެ އެވޯޑު ލިބިގެން ގޮސްފައެވެ. އެ ކެޓެގަރީން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ ''ކުޗް ރަންގް ޕްޔާރްކޭ އޭސޭބީ'' އިން ޝަހީރު ޝެއިހް އަށެވެ.

މި އެވޯޑު ހަފުލާގައި ވަނީ ފިލްމު އިންޑަސްޓްރީއަށް ގިނަ ދުވަހު ހިދުމަތްކޮށްދިނުމުގެ އަގު ވަޒަންކޮށް އަރުވާ ''އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން އެވޯޑު'' އާޝާ ޕަރޭކަށް އަރުވާފައެވެ.

ދާދާސާހަބް ފާލްކޭ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އެވޯޑަކީ އިންޑިއާގެ ސިނަމާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދިން ދާދާސަހަބްގެ އަގުވަޒަން ކުރުމުގެ ގޮތުން 1969ވަނަ އަހަރު އިންޑިއާގެ ސަރުކާރުން ދޭން ފެށި އެވޯޑެކެވެ. 1913ވަނަ އަހަރު ދާދާ ސާހަބް އުފެއްދި ''ރާޖާ ހަރިޝްޗަންދްރާ'' އަކީ އިންޑިއާގެ ތާރީހުގައިވެސް އުފެއްދި ފުރަތަމަ ދިގު ފީޗާ ފިލްމެވެ.