Close
ޚަބަރު

ވޯޓް އެއްވަރުވި އެމްޑީޕީ ޕީޖީގެ ޑެޕިއުޓީންގެ އިންތިހާބު މިމަހު 28 ގައި

މުހައްމަދު އިޝާން

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން ވޯޓް އެއްވަރުވި ދެ ކެންޑިޑޭޓުންގެ ވޯޓް އަލުން ނެގުން މިމަހު 28 ގައި ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ދެ ޑެޕިއުޓީ ލީޑަރުން ތިއްބަވާއިރު މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިހާބުގައި އެ މަގާމަށް ވާދަކުރެއްވީ ތިން ބޭފުޅުންނެވެ. އެއީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އެވެ.

ބިގޭ އެ މަގާމަށް އިންތިހާބުވެޑައިގަތީ 49 މެމްބަރުންގެ ވޯޓުންނެވެ. އެ މަގާމަށް ދެން ވާދަކުރެއްވި އަނދުން ހުސައިނާއި އިލްޔާސް ލަބީބަށް ވެސް ލިބިވަޑައިގެންނެވީ 34 ވޯޓެވެ. އެހެންވެ އެ ދެބޭފުޅުންގެ މެދުގައި އަލުން އިންތިހާބެއް ބާއްވަން ޖެހުނެއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ޕީޖީގެ ނައިބު ލީޑަރުގެ ވޯޓުލުން އަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ އިންތިހާބުގެ ވޯޓްލުން އޮންނާނީ އެދުވަހުގެ މެންދުރު 2:00 އިން ހަވީރު 4:00 އަށެވެ.

ބަޔާނުގައި އިތުރަށް ބުނީ ހުސްކޮށް އޮތް ވިޕްގެ މަގާމަށްވެސް މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އެމްޑީޕީގެ ޕީޖީގައި ހަ ވިޕުން ތިއްބަވާއިރު، ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އެ މަގާމަށް ކުރިމަތިލެއްވީ ފަސް ބޭފުޅުންނެވެ. ބާކީ އޮތް ވިޕްގެ މަގާމަށް ކުރިމަތިލުމުގެ ސުންގަނޑި ހަމަވަނީ މިމަހު 27 ވަނަ ދުވަހު މެންދުރު 12 އަށެވެ. އެ މަގާމުގެ އިންތިހާބުވެސް އޮތީ މިމަހު 28ގައެވެ.

އަށާރަ ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެމްޑީޕީގެ އާ ޕީޖީ ލީޑަރުގެ މަގާމަށް އިންތިހާބުވެވަޑައިގަތީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. އޭނާ ވާދަކުރެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރުކަމުގައި ކުރިން ހުންނެވީ އަލީ އާޒިމެވެ. އަސްލަމް ޕީޖީގެ ލީޑަރުގެ މަގާމަށް އިންތިހާބުވެޑައިގަތީ 40 މެމްބަރުންގެ ވޯޓުންނެވެ. އާޒިމަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ޖުމްލަ ތިއްބަވަނީ 65 މެމްބަރުންނެވެ.

ޕާލިމެންޓްރީ ގްރޫޕުގެ އަމީންއާންމުގެ މަގާމަށް ފުވައްމުލަކު މެދު ދާއިރާގެ ހުސެއިން މުހައްމަދު ދީދީ އިންތިހާބުވެވަޑައިގެންފައިވަނީ 63 މެމްބަރުންގެ ވޯޓުންނެވެ. އަދި ޑެޕިޔުޓީ އަމީންއާންމުގެ މަގާމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އިންތިހާބުވެޑައިގަތީ 35 ވޯޓުންނެވެ. ނިހާދުއާ ވާދަކުރެއްވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމު މުއިއްޒުއަށް ލިބިވަޑައިގަތީ 29 ވޯޓެވެ.

މީގެ އިތުރުން 34 މެމްބަރުންގެ ވޯޓާއެކު އެމްޑީޕީގެ ޗީފް ވިޕްގެ މަގާމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުއުނީ ވަނީ އިންތިހާބުވެޑައިގެންފައެވެ. ޗީޕް ވިޕްގެ މަގާމަށް ދެން ވާދަކުރެއްވި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް ލިބިވަޑައިގެންނެވީ 31 ވޯޓެވެ.

އެމްޑީޕީ ވިޕުންނަށް އިންހާބުވެވަޑައިގެންނެވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދާއި ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝީދު (ރާޑޯ) އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމެވެ.