ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދާ ހިލާފަށް އެފަދަ އުފެއްދުންތައް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި އެއް އަހަރުން ދަށުގެ ކުޑަ ކުދިންނާއި މާބަނޑު އަންހެނުންނަށާއި ގާތުންކިރުދޭ މައިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތަކާއި އަދި ބުއްފުޅި އާއި ބުއްފުޅީގެ ތުން ވިއްކަން ވާނީ އެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރިގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދާ ހިލާފަށް އެފަތަ ތަކެތި ވިއްކުމަކީ މަނާކަމެއް ކަމަށެވެ. އަދި އެފަދަ ގަވާއިދެއް ހަދާފައިވުމުގެ މަގުސަދަކީ ޅަފަތުގެ ކުދިން އަދި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންގެ ދުޅަހެޔޮ ސިއްހަތަށާއި ރައްކާތެރި އަދި އެދެވިގެންވާ ކާނާ ލިބިގަތުމަށް މަގުފަހިކޮށްދިނުން ކަމަށްވެސް އެމްއެފްޑީއޭއިން ބުންޏެވެ.
އެމްއެފްޑީއޭއިން ބުނީ ގާތުންދޭ ކިރުގެ ބަދަލުގައި ދޭ ބާވަތްތައް މާކެޓުގައި ވިއްކަން ބެހެއްޓުމުގައި އެ ގަވާއިދުގައިވާ ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާން ޖެހޭނެ ކަމަށެވެ.
- އުފެއްދި ތާރީހާއި މުއްދަތު ހަމަވާ ތާރިހު
- އުފެއްދި ފަރާތާއި ބަންދުކުރި ފަރާތާއި އެތެރެކުރި ފަރާތުގެ ނަމާއި އެޑްރެސް
- އުފެއްދުމެއްގެ މޫނުމަތި ފަރާތުގައި ހާމަކަން ބޮޑުގޮތެއްގައި އެއުފެއްދުމެއްގެ ނަން ސާފުކޮށް ފަސޭހައިން ކިޔަން އެނގޭނެހެން ދިވެހި ނުވަތަ އިނގެރޭސި ބަހުން ލިޔެވިފައި އޮތުން
- ތައްޔާރުކުރާނެ ގޮތުގެ އިރުޝާދާއެކު ކާންދޭނެ ގޮތުގެ ޗާޓެއް ހިމަނާފައިވުން
- ކަނޑައެޅިފައިވާ ބާވަތެއްގައި ހަރުކުރެވިފައިވާ ލޭބަލެއްގައި އެއުފެއްދުމެއް ތައްޔާރުކޮށް ބޭނުންކުރާނެ ރަނގަޅުގޮތް ދެއްކުން ފިޔަވައި ބޭނުންކުރުމަށް ހިތްވަރުދޭ ފަދަ އެއްވެސް ބާވަތެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ހިމެނިފައި ނުވުން
- އެއްވެސް ބާވަތެއްގެ އިންސާނުންގެ ސޫރައެއް ނުވަތަ ވާހަކަ ފޮތްތަކާއި ކާޓޫނުގައި ބޭނުންކުރާ ސިފައެއް ނުވަތަ ޖަނަވާރެއް އަދި ބުއްފުޅި އާއި ބުއްފުޅީގެ ތުން ފަދަ އެއްވެސް އެއްޗެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ނުވަތަ ތަސްވީރެއް ހިމަނާފައިނުވުން
- ބުއްފުޅި ބޭނުންކުރުމަށް ވާގިވެރިވާ ފަދަ ނުވަތަ ގާތުން ކިރުދިނުމާ ދުރުކުރުވާ ފަދަ އެއްވެސް ލިޔުމެއް ނުވަތަ ތަސްވީރެއް ބޭނުންކޮށްފައި ނެތުން
- ކަނޑައެޅިފައިވާ އުފެއްދުމަކީ މައިމީހާގެ ކިރު ނުވަތަ ގާތުން ކިރުދިނުމާ އެއްފަދަ އެއްޗެއް ކަމަށް ނުވަތަ އަޅައިކިޔޭވަރުގެ އެއްޗެއް ކަމަށް ނުވަތަ އެއަށްވުރެ މޮޅު އެއްޗެއް ކަމަށް ދޭހަވާ ފަދަ އިބާރާތެއް ބޭނުންކޮށްފައި ނެތުން
އެ ގަވާއިދުގައިވާ ބަޔާންކޮށްފައިވާ ކަންކަމާއި ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި މިންގަޑުތަކާއި ހިލާފަށް އެފަދަ ތަކެތި ވިއްކަމުންދާކަން އިންސްޕެކްޝަނުން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެމްއެފްޑީއެފްއިން އިތުރަށް ބުނީ ގަވާއިދާ ހިލާފަށް އެފަދަ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމަށެވެ. އެ ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމާނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. އަދި އުފެއްދުންތައް ގަވާއިދާ ހިލާފަށް ވިއްކާ ފަރާތްތަކުގެ ލައިސަންސާއި ހުއްދަ ހިފެހެއްޓުމުގެ ބާރު ވެސް އެ އޮތޯރިޓީއަށް ލިބިގެންވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު