ކުރެންދޫގައި ޔޫތު ސެންޓަރެއް އަޅައިދޭން އެރަށު ކައުންސިލް މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.
ރައީސް ސޯލިހު، ކުރެންދުއަށް މިއަދު ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލް މެމްބަރުން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވައިފައެވެ.
އެގޮތުން ފުޓްބޯޅަ ދަނޑު ފެންވަރުމަތިކުރުމަށާއި ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކުރުމަށުގެ އިތުރުން ޔޫތް ސެންޓަރެއް ބޭނުންވާކަމާއި ސްކޫލަށް އިތުރު ކްލާސްރޫމް ބޭނުންވާކަމާއި ކައުންސިލް އިދާރާގެ އިމާރާތެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މަގުހެދުމާއި ބަނދަރާ ގުޅިގެން ކައުންސިލުން ބޭނުންވާ ކަންކަން ކައުންސިލް މެމްބަރުން ފާހަގަކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ކައުންސިލް މެމްބަރުން ވަނީ ކުރެންދޫގައި ސަރުކާރުން ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައްވެސް ރައީސްއާ ހިއްސާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުތައް ކުރިޔަށްގެންދަވާނީ ކައުންސިލާއި ރައްޔިތުންގެ ވިސްނުމާއެކުކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު