ޚަބަރު

ދިރިއުޅުން ނޫން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ކުލި ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް

މުހައްމަދު ޖަމްޝަތް ވަހީދު

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ރަށްރަށުން ދޫކުރާ ބިންތަކުގެ ކުލި ކަނޑައެޅުން ރަށު ކައުންސިލްތަކަށް ދޫކޮށްލައިފި އެވެ.

ހައުސިން މިނިސްޓްރީން ވަނީ ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދަށް ގެނައި ހަތަރު ވަނަ އިސްލާހުގައި އެގޮތަށް ނިންމައި މިއަދުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ފަށާފައެވެ.

އެ އިސްލާހުގައި ބުނެފައިވާގޮތުން ދިިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ ރަށެއްގައި ނަމަ ރަށު ކައުންސިލުން، އަދި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ބިންތަކުގެ ކުލި ކަނޑައަޅަންވާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާ އެ ގާނޫނުގެ ދަށުން އެކުލަވައިލާ ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ.

މީގެ ކުރިން ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ކުލި ކަނޑައަޅަނީ ހައުސިން މިނިސްޓްރީގެ ލޭންޑް އިވެލުއޭޝަން ކޮމެޓީންނެވެ.

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދަށް ގެނައި ހަތަރު ވަނަ އިސްލާހުގައި ބުނެފައިވާގޮތުން އެކިއެކި ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައެޅުމުގައި ބަލާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި، އިގްތިސާދީ ފުދުންތެރިކަމަށާއި، ބިމުގެ ޑިމާންޑު ހުރި މިންވަރަށާއި ރަށުގެ ނުވަތަ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި އެ ބިމަކަށް ކަނޑައަޅާފައިވާ އަގަށް ރިއާޔަތްކޮށެވެ.

މި އިސްލާހުގެ ދަށުން ލޭންޑް ޔޫސް ޕްލޭނުގައިވާ ގޮތުގެ މަތީން އެ ސަރަހައްދުގެ ބިމުގެ އަގު ކަމަށް ކަނޑައަޅާފައިވާ އަގަށް ރިއާޔަތްކޮށް، އެ އަގަށް ވުރެ ކުޑަނުވާނެ ގޮތެއްގެ މަތިން ހިސާބުކޮށް ކުލި ކަނޑައެޅޭކަން ވެސް ކައުންސިލްތަކުން ކަށަވަރު ކުރަން ޖެހެ އެވެ. އަދި އެންމެ ކުޑަ ކުލި ކަނޑައެޅުމަށް ފަހު، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.

މި އިސްލާހުގެ ދަށުން ބިމުގެ ތަނަވަސްކަމަށާއި، އިގްތިސާދީ ފުދުންތެރިކަމަށާއި، ބިމުގެ ޑިމާންޑު ހުރި މިންވަރަށް ބަލައި ކޮންމެ ދެ އަހަރަކުން ބިމުގެ އަގު މުރާޖައާ ކުރުމުގެ އިހުތިޔާރާއި އަދި އެންމެ ކުޑަ ކުލި ކަނޑައެޅުމުގައި އެކިއެކި ބޭނުންތަކަށް ދޫކުރާ ބިމުގެ އެންމެ ކުޑަ ކުލި ތަފާތުކުރުމުގެ އިހުތިޔާރުވެސް ކައުންސިލްތަކަށް ވަނީ ދީފައެވެ.