ވާހަކަ

ވަކިވާން ޖެހުމުން - 37

9

ރެއަށްޓަކައި ވަރަށް ބޮޑަށް ޝާމިން ދިޔައީ ތައްޔާރު ވަމުންނެވެ. މިރޭ މިއީ އޭނާގެ ހަޔާތުގެ ބޮޑު ރެއެކެވެ. އެންމެ ކުޑައިރުއްސުރެ ލޮބުވެތި ބައްޕަގެ އުއްމީދަކަށްވި އޭނާގެ ފަރާތުން މިފަދަ ކަމެއް ފެނުމެވެ. އެބައްޕަ އޭނަގެ ކިބައިން އެއްވެސް ކަމަކަށް ކަނޑައެޅިގެން އަމުރެއް ގޮތަކަށް އެދިފައެއް ނެތެވެ. އެހެންނަމަވެސް ތާއަބަދު ބައްޕަ އޭނާއަށް ދިން ކޮންމެ ނަސޭހަތެއްގައިވެސް އެބައްޕަގެ މައްޗަށް ހެޔޮދުއާ ކުރާނެ ދަރިއަކަށް ވުމަށް ހަނދާންކޮށްދީފައިވެއެވެ. އެންމެ ފުރަތަމަ އޭނާއަށް މަގުއޮޅެން ފެށި ހިސާބުންވެސް ހެޔޮވިސްނައިދޭނެ މީހަކު ހުރި ދުވަހެއްނަމަ އެގޮތުގަ އުމުރުގެ އަހަރުތަކެއް ގެއްލުވާނުލީސްކަން ޔަގީނެވެ. ހެޔޮނަސިބު އޭނާގެ ހަޔާތަށް ޝައުފާ ގެނައި ހިނދުން ފެށިގެން އޭނާ އަނެއްކާވެސް އަލިކަމާއި ދިމާއަށް މިސްރާބު ބަދަލު ކުރީ އޭނާގެ ލޯބިވާ ނަމޫނާއެއްކަމުގައި އޭނާ އަބަދުވެސް ގަބޫލު ކުރާ ބައްޕަ އެދޭފަދަ ހެޔޮލަފާ ރަނގަޅު ދަރިފުޅަކަށް ވާން ބޭނުންވަތީވެސް މެއެވެ.

ބައްޕަ އޭނާއަށް ވިސްނައިދީފައި އޮތީ ދުނިޔޭގެ ވަގުތީ ހަޔާތުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ހަމައެންމެ ދެތިން ކަމެއް ނޫނީ އެހެން އެއްވެސް ކަމަކުން އަނެއް ދުނިޔޭގައި ފައިދާތަކެއް ނެތްކަމެވެ. ދުނިޔޭގެ އުފަލާއި ކާމިޔާބު ލިބިގަތުމަށްޓަކައި އޭނާ އެޅި ކޮންމެ ފިޔަވަޅެއްވެސް ނުހަނު ހަރުދަނާވެފައި ގަދަފަދައެވެ. އެންމެ ޅައިރުވެސް އޭނާއަކީ ކުރާކަމެއް ގަޔާވެގެން އޭގެ އެންމެ ފުރިހަމައަށް ކުރާ މީހެކެވެ. ވަގުތަށް ކަމޭހިތުމާއި އަނެއްމީހާގެ ހިތްހަމަޖެހުމާއި މަސްލަހަތަށް އަބަދުވެސް އޭނަ ސަމާލުކަން ދެއެވެ.

ވޭތުވެދިޔަ ހައެއްކަ އަށެއްކަ މަސްދުވަހުގެ މެދުކެނޑުމެއް ނެތި ކުޅަދާނަ ހުނަރުވެރި އެތައް މަސައްކަތު މީހުން ގޮވައިގެން ކުރި ބޮޑު މަސައްކަތް ނިމި ހުރިހާ އެންމެނަށް މުސާރަދީ މަސައްކަތުގެ ސާމާނުތައް ހަވާލުކޮށް، މާދަމާގެ ހުކުރު ވަގުތަށް ރަސްމީ ސިފައެއްގައި މިސްކިތް ހުޅުވަން އަތޮޅުގެ ކަތީބަށް ދައުވަތު ދީ ގޭގެ އެންމެނަށް މިއުފާވެރި ހަބަރު އޭނާ ވަނީ ދީފައެވެ. އެންމެ ހާއްސަ އެއް ކަމަކީ ރާއްޖެއިން ބޭރު މާދުރުގައި ދިރިއުޅެމުންދާ ދޮންދައްތަ، ޝަކީލާއާއި ޝަކީލާގެ އާއިލާ މިރަސްމުގައި ބައިވެރިވުމަށް މިއަދު ހަވީރު އައިސްގެން އުޅޭކަމެވެ. ދޮންދީދީ އޭނާގެ އާދައިގެ މަތިން މާދަމާގެ ކަންތައް އެންމެ ފުރިހަމައަށް ގެންދިއުމުގެ ކަންތަކުގައި ހެނދުނުއްސުރެ ޝިޔާމާ ގޮވައިގެން އުޅެމުންދެއެވެ.

"ވައިފްގެ ހާލު މިހާރު ކިހިނެއް...؟" ބޮޑުވަށްމޭޒުގެ އެއްފަރާތުގައި އިން ޝަކީލާ، އޭނާގެ ތޫލިއަޑުން އަހާލިއެވެ.

ބޭރު ގޯތިތެރޭގައި އާއިލާގެ ކުދިބޮޑު އެންމެންހެން ހަވީރުގެ ސަޔަށް އިންސާފުކުރަނީއެވެ. ބޮޑު ބަގީޗާތެރޭގައި އިންދާފައިވާ އަނބުގަސްތަކާއި ޖަންބު، ޖަނބުރޯލު، ފޭރު، ބަނބުކެޔޮ ގަސްތަކުގެ ސަބަބުން މުޅި ހިސާބުގަނޑަށް ހަމައެކަނި ހިޔާ އަޅައިދެނީ އެއް ނޫނެވެ. އޭގެ އިތުރަށް ގަސްތަކުގެ ސަބަބުން ތާއަބަދުމެ ފިނިކަން މާހައުލު އަރާމުކޮށްދެއެވެ. ގަސްތަކުގަ ވަކި އަޅާ މޫސުންތަކުގައި، މޭވާގެ ވަހުން ފުރާނަތަކަށް ތާޒާކަން ގެނެސްދެއެވެ. ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ބަރާބަރަށް ގޯތިތެރެއާއި ބަގީޗާތެރެ ކުނިކަހާ ސާފުކުރެވެއެވެ. ގަސްތަކުގެ ހިކިފަތްތައް ނޮޅާ ވަކިކޮށް ގަސްތައް ސާފުކޮށް، ވާލާއި އެހެނިހެން ސޫފާސޫފިތަކުން ގަސްތައް ހިމާޔަތްކުރުމަށްޓަކައި 'ވަހުތާން' ޖަހާ، ވަހުތާންތަކުގެ ހެދުމަށް ދާނދެން ސާފުކޮށް ދުވަސްދުވަސްކޮޅުން ހެދުންތައްވެސް ބަދަލުކުރެވެއެވެ. މިކަމަށްޓަކައި ހާއްސަ ނޯކަރުން ތިބެއެވެ. ބޮޑެތި މޭވާގަސްތަކުގެ އިތުރަށް މާގަސްތައްވެސް ފުދޭވަރަށް ހައްދާފައިވެއެވެ. ޖުމްހޫރީމޭވާ ވެޔޮތަކާއި ޗިޗަންޑާ ވެޔޮތަކާއި ނުފޮޅޭމާ ބޭދާނާވެޔޮފަދަ ކިތަންމެ ވެލެއް އެކި ބިޔަ ގަސްތަކުގެ މަތިން ދުވެފައި ހުންނައިރު ބައެއް ވެޔޮތައް ޑިޒައިން ކުރެވިފައި ހުންނަ ގެތުން ތަކުގެ މަތިން ދުވެލާފައި ހުންނަގޮތް ވަރަށް ހިތްގައިމެވެ.

ބައެއް ހާއްސަ ދުވަސްތަކުގައި ނޫނީ ކޮންމެ ހަފުތާއެއްގެ ހުކުރުދުވަހުގެ ހަވީރުގަޑީގައި ގަނޑުވަރުގެ އާއިލާގެ އެންމެން ހަވީރު ސަޔަށް ބަގީޗާއަށް އެއްވެ އެކިކަންތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކޮށް ހަދައެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. ޝަކީލާ ކުދިންކޮޅު ގޮވައިގެން އޭނާގެ ފިރިމިހާއާއެކު ރަށަށް އައިސް އުޅޭކަމުގެ އުފާ ފާލުކުރުމުގެ އިތުރަށް މާދަމާ މެންދުރު، ހުކުރު މިސްކިތް ހުޅުވުމާ ބެހޭގޮތުން ވާހަކަ ދެއްކުމަކީވެސް މިއަދުގެ ސަޔާއިއެކު ކުރިއަށްދާ ހާއްސަ ކަމެކެވެ.

ދޮންދައްތަ އެސުވާލުކޮށްލިއިރު ހީވަނީ ރަސްމީ އިދާރާއެއްގެ މޭޒުދޮށުގައި އިނދެ ތަނަށް އައި އާދައިގެ މުވައްޒަފަކާ ސުވާލުކޮށްލިހެނެވެ. ދޮންދައްތަގެ މިފިނިވެފައިވާ މިޒަޖާއި ދިރުމެއްނެތް ބަސްތައް އިވުމުން ހަގީގަތުގައިވެސް ޝާމިންގެ ހިތަށް ތަދުވެއްޖެއެވެ. އޭނާގެ އަނބިމީހާއާއި ބެހޭ ގޮތުން އެއްޗެއް އޮޅުން ފިލުވާއިރުބީރައްޓެހި އަސަރު ދައއްތަގެ އަޑުގައި އެހެރީ ކީއްވެގެން ހެއްޔެވެ. ދޮންދައްތައަކީ އާއިލާގެ އެހެން ހުރިހާ ކުދިންނާޢި ތަފާޓު މީހެކެވެ. ހާއްސަ މީހެކެވެ. ބައްޕަ ނެތް ދުނިޔޭގަ ބައްޕަގެ ގިނަ ކަންތައްތައް އާލާ ކުރަނީ ދޮންދައްތައެވެ. ދޮންދައްތައަކީ އާއިލާގެ އެންމެ ދޮށީ ދައިފުޅަށްވުމުގެ ޒިންމާ އޭނާ އުފުލާ ގޮތާއިމެދު އެންމެންވެސް ނުހަނު އުފާވެއެވެ. ހަމައެހެންމެ އެކަމާ ދޭތެރޭގައި އެންމެންހެން އުފާކުރެއެވެ. ޝާމިނަކީ ހުރިހާ ގޮތަކުންވެސް ބައްޕަގެ ނަމާއި ގަދަރު ދިރުވާއާލާ ކުރަން ދައްތައާއިއެކު ހުރި މީހެކެވެ. އެހެންނަމަވެސް ވަރަށް ގުޅިގެން ނުހަނު ލޯބިން އުޅުނު ދެބެންގެ ގުޅުމަށް ހީނަރުކަން އައީ ކީއްވެގެން ކަމެއް އެކަކަށްވެސް ޔަގީންކަމާއެކު އެނގިފައެއް ނެތެވެ. އެނގޭހާވެސް ވަރަކީ ވަރަށް ގާތްކޮށް ނުހަނު ލޯބިން އުޅުނު ދެބެއިންގެ ގުޅުން ފަހަކަށް އައިސް ވަރަށް ބޮޑަށް ރަސްމީ ވެފައި އޮތް ކަމެވެ. އާއިލާ ތެރޭގައި ބައެއް މީހުން ބުނާ ގޮތުގައި އެއީ ހަސަދައެވެ. އަނެއްބަޔަކު ބުނަނީ ޝަކީލާ އެދުނު ގޮތަށް ޝަކީލާ ބޭނުންވި ކައިވެންޏަކާ ޝާމިން ދެކޮޅު ހެދި މައްސަލައިގަ ދެމީހުންގެ ގުޅުން ބަދަލުވިކަމަށެވެ. ޝަކީލާ ޑީޑީއާ ކައިވެނި ކުރިއިރު ޑީޑީގެ އަލަތު ކައިވެނިން ލިބިފަ އިން ދޮންދަރިއަކު ޝަކީލާއާއި ޑީޑީ އަމިއްލަ ދަރިފުޅެއްގެ ގޮތުގައި ހަމަޖައްސާފައި ހުރެއެވެ. ތުންތުން މަތިން އެދުވަސްވަރު ކީ ގޮތުގައި ޝަކީލަ ބޭނުންވީ ޝާމިނު މިއަންހެންކުއްޖާއާ ކައިވެނި ކުރުމަށެވެ. އެހެންނަމަވެސް ކަނޑައެޅިގެން އެކަމާ ދެކޮޅު ހެދުމަށްފަހު ޝާމިން އުޅުނީ ޔުއާނާއާއެކުގައެވެ. ޔުއާނާ މީހަކާ އިނުމުން އަނެއްކަވެސް ޝަކީލާ އޭޏާގެ އަމާޒަށް ހިފޭތޯ މަސައްކަތް ކުރިމަކަށްވެއެވެ. އެހެންނަމަވެސް މިފަހަރު ކުރީ ފަހަރާ މާބޮޑަށްވެސް ފުޅާކޮށް ޝާމިން އެކަމާ ދެކޮޅު ހަދާ ރަށްފުށުގެ އާދައިގެ އަންހެންކުއްޖަކާ ކައިވެނިކޮށްގެން ގެއިންވެސް ނުކުމެގެން ދިޔައީއެވެ. މީހުން ކިޔާ މިވާހަކަތަކުގެ ހަގީގަތަކީ ކޮބައި ކަމެއް ނޭނގުނަސް ޝާމިނާއި ޝަކީލާގެ އުޚުތުއަޚުވަންތަ ގުޅުމުގައި ވަރަށްބޮޑަށް ކުނިޖެހިފައިވާ ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.

"ކީއްވެ އަނގައިން ނުބުނެ ފާޑަކަށް ހީނލީ...؟ ކިތައްފަހަރު ބުނިން ފަހަރިކޮއްކޮ ގޮވައިގެން އެކޮޅަށް އަންނާށޭ...ފްލައިޓު ޗާޓަރު ކުރަން އެކަކަށް ފަސޭހަ ނުވިޔަސް އަހަންނަކަށް އުނދަގުލެއް ނުވާނެ...އެކަން ހަމަ ރަނގަޅަށް ޝާމިނަށް އެނގޭނެ...."

ދޮންދައްތަގެ ކިބައިން އަބަދުވެސް ޝާމިން އެންމެ ގަޔާނުވާނކުރުހޭ ސިފައަކީ އަމިއްލައަށް ތިމާގެ މޮޅުކަމާއި ބޮޑޭކަން ދެއްކުމަށް ކުރާ މަސައްކަތެވެ. ދޮންދައްތަގެ ނަޒަރުގައާއި ބަހުގައިވެސް ދޮންދައްތަ ނޫނި އެހެންމީހުންނަކީ އެއްވެސް ބަޔެއް ނޫނެވެ. އެއްވެސް އަގެއް ނެތް ބަޔަކަށް އެހެންމީހުން ހަދާފަ ވާހަކަ ދެއްކުމާއި ކޮންމެ ތަނެއްގައިވެސް ތިމާއަކީ ދެވަނަ އެހެން އެފަދައެއް ނެތް ނަމޫނާ އަންހެނެއްކަން ސާބިތުކޮށްދިނުމަކީ ޝަކީލަގެ ގައިގައި ހުންނަ ޝާމިނަށް ފޫހިކަން ބޮޑު ގަޔާނުވަ ސިފައެކެވެ.

"އެއްވެސް މީހެއްގެ އެހި އެއް ނެތަސް ޝައުފާ ގޮވައިގެން މިފަހަރު ފުރާނަން...ނަރުހުންނާއި ޑޮކްޓަރުން ލިބުން ދަތިވެގެން ނުފުރިފަ ތިބީ..ދޮންދައްތަ އެހާ ތަކުލީފު އުފުއްލަވާނެކަމެއް ނެތް..."

ޝާމިން ވަރަށް ހަމަޖެހިލާފައި ޝަކީލާއަށް ޖަވާބުދިނެވެ.

ޝައުފާގެ ބައްޔަކީ ސީދާ މިވެނި ބައްޔެކޭ ބުނަން ނޭނގުނަސް ޑޮކްޓަރުން ޔަގީންކަން ދީފައި ވަނި ޝައުފާ ގޮވައިގެން ކަނޑުމައްޗަށްވެސް އަދި ފްލައިޓުން ވިޔަސް ދަތުރު ކުރުމުގެ ހުއްދަ އެމީޙުންނަށް ދެވޭނީ އޮކްސިޖަން ވަކިވަރަކަށް ހިފަހައްޓަން ފެށުމުންކަމަށެވެ. އަދި އެގޮތަށް ހުއްދަ ދެވޭނީވެސް އެކުގައި ދަތުރުމަތީގަ ހުންނާނެ ޑޮކްޓަރަކާއި ދެނަރުހުން ތިބެގެންކަމަށެވެ. ކިތަންމެ ފައިސާ އޮތަސް އެއީ ފަސޭހަކަމަކަށް ނުވިއެވެ. ޝައުފާގެ ހާލަށް ރިއާޔަތްކޮށްފައި ކޮންމެ ނަރުހަކުވެސް ޑޮކްޓަރަކުވެސް ދިނީ އެއް ޖަވާބެކެވެ. އެހާ ބޮޑު ބިރަކާއި ހަވާލުވާނެ ހިތްވަރު ހުރި ބަޔަކާ ބައްދަލުވީ ދާދިފަހުންނެވެ. ދެނަރުހުންނާއި ޑޮކްޓަރެއްގެ އިންތިޒާމު ހަމަޖެހުމާއެކު ޝާމިން ޝައުފާ ގޮވައިގެން ރާއްޖެއިން ބޭރަށް ދިއުމުގެ ތައްޔާރީތައް ވާންފަށައިފިއެވެ. މިހާރުދެން އޮތީ ހަމަ އެންމެ ހަތަރުފަސް ވަރަކަށް ދުވަހެވެ.

ޝާމިން ކޮލިގަނޑުވަރުން ނުކުތީ ޝަކީލާއާއި ބައްދަލުވެ، މަންމައާއި އާއިލާގެ އެންމެނާއިއެކު ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ހަވީރު ފަހެއް ޖަހަން އުޅެނިކޮށެވެ. ގަޑި ބަލާލަފައި އަވަސް ފިޔަވަޅުތަކެއްގައި އޭނާ މިސްރާބު ޖެހީ ފުރަތަމަ މިސްކިތް ހުންނަ ދިމާއަށެވެ. މިރެއަށްޓަކައި އޭނާ ހަމަޖައްސާފައިވާ ކަންތައްތަކުގެ ފަހުގެ ނިންމުންތައް ބަލާލުމަށެވެ.

"މިހާރު އެންމެ ފަހުގެ ނިންމުންތައް ކުރިއަށްދަނީ..."

އެނދުގެ ފަޑީގައި ލެގިލައިގެން އިން ޝައުފާގެ ދިގު އިސްތަށިގަނޑުގައި ތެޔޮލައިދެމުން ޒިމުނާ ވާހަކަދެއްކިއެވެ.

"ކަމަނާފާނު ގޮވައިގެން މިރޭ އިޝާއިން ފައިބައިގެން އެތަނަށް ދިއުން އެބައޮތޭ....އެގަޑިއަކަށް ކުދިންކޮޅު ނިންދަވާ ތައްޔަރުވެވޭތޯ މަވެސް

ބަލާނަން...." ޒިމްނާ ޝައުފާގެ އިސްތަށިގަނޑުން ގޮށް ފިލުވަމުން ބުންޏެވެ.

"ކުދިންކޮޅު ކޮބާތަ...؟ މެންދުރު މިތާނތިބެ ނިދީމަ، ސަމަދުބެ އެކުދިން ގެންދިޔަ ގޮތަށް އަދި ނުދެކެން...."

"ހަވީރުގެ ގަޑިއެއްނު...އެތިންކުދިން ގޮވައިގެން ޔޯގާ ޖައްސަން ސަމަދު ސާހިބަ އެބައިންންނެވި..." ޒިމްނާގެ އަޑުގައި ހުރީ ފަހުރުވެރި ރާގެކެވެ.

"ހަނ...ކޮންވާހަކައެއް ބުނަން އިއްޔެއްސުރެ ތިއުޅެނީ...."

ޝައުފާގެ އިސްތަށިގަނޑުން ހުޅިއެއް ޖަހައިދީފަ، ޒިމްނާ އެނދުގެ މަގަތުން އިށީންނަމުން އަހާލިއެވެ.

"ފާޑެއްގެ ހުވަފެނެއް ފެންނާތީ ތަންކޮޅެއް ކުރިން ކިޔައިދިން ހަނދާން ޒިމޫ އެބަހުރިތަ....؟" ޝައުފާ ބުނެލިއެވެ.

"ހާނހާނ....އެއްކަލަ ދޯނީގެ ވާހަކަ...މަބުނީމެއްނު ކަނޑު އެގޮތަށް ފެނުމަކީ ރަނގަޅު ކަމެކޭ...އެކަމަކު ދެން އެފެންނަނީ ކޯޗެއްކަން ނޭނގެންޏާ މަށަށް ކިހިނެއް ހުވަފެން މާނަ ކޮށްދޭނި.." ޒިމްނާ ވަރަށް ހަރުމުސްކުޅިއެއްހެން ދަތްދޮޅިދަށުގައި އަތްވިއްދާލަމުން ބުންޏެވެ.

"އަސްތަ ކަހީނު ކަނބުލޭގެއަކަށްވީތަ...." ޝައުފާ ހީނގަންނަމުން އަހާލިއެވެ.

"ކަހީނަކަށް ނުވިޔަސް ލޯބިވާ މީހުންނަށް ދިމާވާ ކަންތައްތަކުގައި އަތެއް ދެވިއްޖެއްޔާ މަގޭ ވައުދު ފުއްދުނީ...."

ޝައުފާ ވިސްނާލާފައި ޒިމްނާއަށް ހުވަފެން ކިޔައިދޭން ފެށިއެވެ.

"ހަމަތެދެއް....؟ ޝާމިނަށް ކިޔާދިނިންތަ...؟" ޝައުފާ ދެއަތަކަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"ޒިމޫ ހާސްތިވީ ކިހިނެއްވީ....؟" ޝައުފާ އަހާލިއެވެ.

"ކަމެއް ވެގެނެއް ނޫން....ހަމަ ވިސްނާލީ...." ޒިމްނާ އޭނާގެ އިހުތިޔާރަކާނުލާ ނިއްކުރިމަތިން ފާޅުވި ދެތިންރޫ ފިލުވާލާފަ ހިނިތުންވެލިއެވެ. "ކުދިން ގެންނަންތަ...؟" ޒިމްނާ މައުޟޫ ބަދަލު ކޮށްލަން ބޭނުންވީ ކީއްވެގެން ކަމެއް ނޭނގެއެވެ.

"ތިބުނީނު ޔޯގާ ކުލާހުގައޭ...ނިމިގެން ސަމަދުބެ އަންނާނެ ގޮވައިގެން...ހެނދުނުއްސުރެ މިތާނގަވިއްޔަ ތިބީ..." ޝައުފާ ބުނެލިއެވެ.

"އެއްޗެއް ކާންވީނު...މިރެއަށް ތައްޔާރުކުރި ފުފޫކަނދި ހުންނާނެ...ފިހުނު މަސްވެސް ހުންނާނެ...ގެންނަންތަ...؟" ޒިމްނާ އެނދުން ތެދުވެ ހެދުން ރަނގަޅު ކުރަމުން އަހާލިއެވެ.

"ލައްބަ....އަވަހަށް ގެނެސްދެއްވާ...." ބޭރުން އައިސް، ކޮޓަރިއަށް ވަނީ ޝާމިނަށް ޒިމްނާ ދެއްކި ވާހަކަ އިވުމުން ޖަވާބު ދިނެވެ.

ކޮޓަރިއަށް ވަދެ، ހިފައިގެން އައި ކުޑަ ކަރުދާސްފޮށި އެއްފަރާތުގައި ހުރި މޭޒުމަތީގަ ބެހެއްޓުމަށްފަހު ޝާމިން އައިސް އެނދުގެ މަގަތުން އިށީނެވެ. އަދި ކުޑަކޮށް ކުރިއަށް ޖެހިލާފައި ޝައުފާގެ ކޮނޑާއިކޮނޑު ޖައްސާލަމުން ޝައުފާގެ ކޯތާފަތުގައި ބޮސްދިނެވެ.

މާޝާﷲ...ޝައުފާގެ އިސްތަށިގަނޑާއި ހަށިގަނޑުން ދުވި ލުއިލުއި މީރުވަހުން ޝާމިންގެ ހިތަށާއި ނަފުސަށް ތާޒާކަމެއް ގެނައެވެ.

ޒިމްނާ ބަދިގެއަށް ދިއުމުން ޝާމިން އޭނާގެ ގާތުގައި އިން ޝައުފާއަށް ބަލާލިއެވެ. ހަތަރުކަޅިހަމަވުމާއެކު، އެނދުގެ ފަޑީގައި ލެނގިލައިގެން އިން ޝައުފާގެ މޫނު މަތިން ރަކި ހިނިތުންވުމެއް ފާޅުވިއެވެ.

"މަޣްރިބަށް ގޮވުމުގެ ކުރިން ފެންވަރަން ވާނެ ދޯ...؟" ޝައުފައާއި ގާތަށް ޖެހި ކޮނޑުގަ ހިފާ ގަޔާ ކައިރިކޮށްލަމުން ޝާމިން ބުނެލިއެވެ. "ކަމަނާއާ ގުޅޭކަހަލަ ހެދުމެއްވެސް ގެނައިން..މިރޭ ބޭރަށް ދާންކަމަށް..."

"މަނިކުފާނު އެދޭ ކޮންމެ ކަމެއް އުފަލާއެކު ކުރާނެކަން އެނގޭނެ...ހޫމް...ކޮންތަނަކަށް ދާންބާ...؟ މިސްކިތް...!؟" ޝައުފާ އެއްލޯ ކުޑަކޮށްލަމުން މަޖާ ރާގަކަށް ބުނެލިއެވެ.

"ކަމަނާއަށް ސިއްރުން ގެންދާކަށް ނޫޅެމޭ..."

"ދެން އެހެންވިއްޔަ ސަޕްރައިޒަކަށް ވާނީ ކިހިނެއް..؟"

"ކަމަނާ...އެތަނަކީ ސަޕްރައިޒު..އެހާ ރީތި ފުރިހަމަ ތަނެއް ހަމަގައިމުވެސް ފަހުގެ ތާރީހަކު މިސަރަހައްދުން ނުފެންނާނެ..." ޝާމިން ޝައުފާގެ ނޭފަތުގައި ހިފާލިއެވެ. "ކަމަނާއަށް އުފަލުން ގޮސް ވާނެ ގޮތް ލޮލުން ދެކެން ބޭނުންވާތީ މިގޮތަށް ހަމަޖެއްސީ...މިރޭގެ ފިނިހިމޭން ޖައްވެއްގައި...ސަމޭދާންތަކުން ދިއްލާ އަޅާލެވޭ އެބިނާއިން ކަމަނާގެ ނަން ފެންނަހިނދު ކަމަނާގެ ތިރީތި ލޯ އުފަލުން ތެމޭތަން ދެކެން ބޭނުންވަނީ...." ނުހަނު ލޯތްބާއެކު އަނބިމީހާގެ ލޮލުގައި އިނގިލިތަކުން ފިރުމާލަމުން ޝާމިން ވާހަކަ ދެއްކިއެވެ.

"މިއީ ބޮޑު ކަމެއްގެ ނިމުން އަންނަ ރެއެއް..ހިތަށް އަރާ މަނިކުފާނު ތިހާ ބުރަކޮށް ހުރިހާ ކަމެއް ކުރަމުން ދިޔައިރު އަހަރެން މިވީ އިތުރު ބުރައަކަށޭ..." ޝައުފާގެ ދުލުން އެބަސްތައް ބޭރުވީ އިހުތިޔާރަކާ ނުލައެވެ.

"އޭހެ...ވިޔާނުދާ ވާހަކަ ނުދައްކާށެ ކިހާވަރަކަށް ބުނެވޭ...އަހަންނަށްޓަކައި ޝައު ބުރައަކަށް ވާންވީ ކީއްވެ....؟ ތިއީ އަހަރެން މީހަކަށް ހެދި މީހަކީ...ކަމަނާއަށް އަހަރެން އަލަށް ފެނުނު އިރު މަށަކީ ގަނޑުވަރު މީހެއްކަމެއް ނޭނގޭނެ،،،އަދި އެނގުނުފަހުންވެސް އަހަރެން ހުރީ މުޅި ދުނިޔެއަށް ވެސް ކުނިގަނޑަކަށްވެފަ...އެކަމަކު އަހަންނަށްޓަކައި އަތުކުރި އޮޅާލައިގެން ތެދުވީ...ހޮސްޕިޓަލުން ފިލައިގެން އަހަރެން ދިޔައިމަވެސް ފަހަތުން ދިޔައީ..އަހަންނަށް ފަރުވާދެވޭނީ ކޮންތާކުން ކިހިނެއްތޯ ހޯދާ ބަލައިގެން މަށަށް މަގުކޮށާ ދިން...އިސްލާމް ދީން އަހަންނަށް އެނގެނީ ހަމައެކަނި ނިދަން އަރާ ކިޔާ ލުލަބައިއެއްގެ ގޮތުގަ ޝަހާދަތާއި ކުރުސި ކިޔަން އެކަނި...ނަމާދެއް ރޯދައެއް ޒަކާތެއް ހައްޖެއް އީދެއް ފަހުމެއް ނުވޭ...ބައްޕަ އާއެކު ކުޑައިރު އުޅުނު ދުވަސްވަރު ކުރި ނަމާދެއް ހިފި ރޯދައެއް ނޫނީ އެއީ ކިހިނެއްވާ ކޮންކަމެއްކަމެއް ނޭނގި އަހަރެންގެ އުމުރު ހުރީ ދެބަޔަކަށް ގޮސްފަ....ކަމަނާއަކީ އަހަންނަށްޓަކައި ހެޔޮފާލަކަށް ވަނީ ހަމައެކަނި ބުނާބުނުމަކަށް ނޫނޭ..."

ޝާމިންގެ ލޮލުން އެތައް އެތައް ހަނދާންތަކެއްގެ ފިނިކަން ޝައުފާއަށް ފެނުނެވެ. މިއަދު އޭނާ މިހެން ނުކުޅެދިފައި އިންނަން ޖެހުނަސް ފަރުވާލެއް ނެތެވެ. އެކަމުގައި ހިތާމައެއްވެސް މިހާރަކު ނެތެވެ. ޝާމިނަށް ހަމަ ސީދާ މަގުދެއްކިއްޖެއެވެ. ނުހަނު ލޮބުވެތި ސިއްހަތު ރަނގަޅު ދެކުދިން އެބަތިއްބެވެ. ހަޔާތުގެ މުހިންމު ހުރިހާ ކަމެއް ފުރިހަމަ ނުވޭ ހެއްޔެވެ. އޭނާގެ އުމުރުގައި ދުނިޔެމަތިން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ވާނީ މަދު އަންހެނަކަށެވެ. އަދު މިހެން އިންނަން ޖެހުނަސް އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ.

އާއެކެވެ. އިއްޔެއާ ޖެހެންދެން އޭނާގެ ހިތާއި ސިކުނޑީގައި ހައިޖާނު ހެދިފަ ހުރިކަން ގައިމެވެ. އަމިއްލަ ހަށިގަނޑާއި ނަފުސު ބުރައަކަށް ވެގެން އުޅުނުކަން ޔަގީނެވެ. އެކަމަކު ރެއަށްފަހު އޭނާގެ އެއްވެސް މައްސަލައެއް ފިކުރެއް ނެތެވެ.

"މީގެ ކުރިން އަބަދުވެސް އަހަރެން ބުނަމުން އައީ ޝާމިނާއެކު އަހަރެން އުމުރުން ދުވަސްވާން ބޭނުން ވާހަކަ...މާމަކުދިން ތިބޭ އުމުރަށް ދާއިރު ޒިންމާތަކުން ހުސްވެގެން ހަމައެންމެ ދެތިންކަމަށް ރޭދުވާ ހޭދަކުރަން ބޭނުންވާހަކަ...ދުވާލު އަޅުކަމުގައާއި މަނިކުފާނުގެ އެކިކަންތަކުގައި އެހީތެރިވެ ދަރިންގެ ކާމިޔާބުތަކާއި އެކުދިންގެ ބުރަ ދިރިއުޅުމުގެ ކަންތައް ދުށުމުގައި އުޅެފަ...ރޭގެ ކަންތަކުން ނިމިގެން މަނިކުފާނާއެކު ރޭގަނޑުގެ ފުރަތަމަ ދަންވަރަށް ނިމުމެއް އަންނައިރު...އަހަރެންގެ ބޯއަޅާ ބާލީސްކަމަށްވާ މަނިކުފާނުގެ މޭގައި ބޯއަޅާލައިގެން އޮވެ...މަނިކުފާނުގެ ކަންފަތްދޮށުގައި އަހަރެންގެ ހަމަނުޖެހޭ މޮޔަ ވާހަކަތައް ކިޔައިދިނުމުގައި...ވަގުތު ހޭދަކުރުން...ތަރިތަކުގެ ދަރުބާރުގައި......" ޝައުފާ ވާހަކަ ހުއްޓާލީއެއް ނޫނެވެ. ޝާމިން އޭނާގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހާލަމުން އެއަތްތިލައަށް ބާރުކޮށްލިއެވެ. އަދި ޝައުފާގެ އެވާހަކައިގެ ބާކީ ބައި ފުރިހަމަކޮށްދިނުމަށް ފެށިއެވެ.

"ތަރިތަކުގެ ދަރުބާރުގައި..ހަނދު ވިލާތަކާއި ފީކޮއިކުޅޭ މަންޒަރު ބަލަން މަނިކުފާނުގެ ކޮނޑުގައި ބޯޖައްސާލައިގެން އިންނައިރު...އަހަރެންގެ ހިތުގެ ވިންދާއި މަނިކުފާނުގެ ހިތުގެ ވިންދު އެކުއެކީގައި 'ޓިކްޓަކްޓިކްޓަކް'ގެ އަޑު އަހަން އިންނައިރު..މަނިކުފާނުގެ ކަންފަތްދޮށުގައި ސަކަ ރާގެއްގަ އެހާމެ ސިއްރުސިއްރުން...'މަނިކުފާނު ހާދަ ރީއްޗޭ..."މިފަދަ ސަމާސާއެއް ކޮށްލުމާއެކު މަނިކުފާނު ދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ބުނާނަން...އެއީ..އެވަގުތު އަހަރެން އަހަރެންގެ ވެރި ރަސްކަލާނގެއަށް ހިތާހިތުން ދުއާ ކުރާނެ....އަހަރެންގެ ފުރާނަ މަނިކުފާނުގެ ފުރާނައާއެކު ގެންދިއުމަށް...އަހަރެން މަނިކުފާނުގެ އަނތްބެއްގެ ގޮތުގަ ސުވަރުގެއިން އެކުއެކީގައި ލެއްވުމަށްއެދި....އަބަދުގެވެސް އެދުއާ...އަހަރެން ކުރަމުން ދިޔަ އެދުއާ...އަހަރެންގެ ފުރާނަ މަނިކުފާނުގެ ފުރާނައާއެކު އެކަލާނގެ ޙަޟްރަތަށް ގެންދިއުމަށް އެދި އަހަރެން ކުރާ އެދުއާ އިޖާބަ ކުރައްވާނެކަމުގެ އިތުބާރު އޮވޭ...

އަހަރެންގެ އެހީތެރިއަކީ ބާރަކީވެސް އަހަރެންގެ ވެރިރަސްކަލާނގެއަށް އޮންނަ ޔަގީންކަން....މަނިކުފާނާއި ވަކިވާން ޖެހުމުން އަހަރެންގެ ޝަކުވާއެއް ނޯންނާނެ...އެހެނީ އަހަރެންގެ ވެރިރަސްކަލާނގެއަށް އަހަރެން އިންތިހާއަށް އިތުބާރުކުރާތީ...އަހަރެން ،މަނިކުފާނު ދެކެ ލޯބިވަނީ އެކަލާނގެއަށްޓަކައި... ހެޔޮކަމެއްގެ ގޮތުގަ...އެކަލާނގެ މޮޅަށް ދެނެވޮޑިގެންވޭ....ވީއިރު މަނިކުފާނާ އަހަރެން ވަކިވާން ޖެހުމުގައި ހިކުމްތެއް އޮންނާނެ....ހިކުމަތްވަންތަ އޯގާވަންތަ ރަސްކަލާނގެ އަހަންނަކަށް ދެރަގޮތެއް ނަހައްދަވާނެ....އަހަރެންގެ ލޯބި ދުނިޔޭގެ މިހުން އެދެކޭ ގޮތްތަކަށްވުރެ ތޯހިރުވެފަ މާތް....

މަނިކުފާނު ހެޔޮލަފާ ސާލިހު އިންސާނަކަށް ވޭތޯ އަހަރެން މަސައްކަތް ކުރީ ﷲއަށްޓަކައި ކުރާ ހެޔޮއަޅުކަމެއްގެ ގޮތުގަ....މަނިކުފާނު އިސްލާޙުވެ ހެޔޮލަފާ ދީންވެރިއަކަށް ވުމުން މަނިކުފާނު ކުރާ ހެޔޮކަމުން އަހަންނަށްވެސް ދަރުމަ ދެއްވާނެކަން އެނގޭތީ އެއަޖުރުގެ ދަހިވެތިކަމުގަ އަހަރެން މަނިކުފާނާ އެހީވީ...މީހަކު ހެޔޮމަގަށް އަޅުވައިފި މީހާއަށް އެހެޔޮމަގަށް އެޅުނު މީހާއަށް ދެއްވާ ސަވާބު ﷲތައާލާ ދެއްވާކަން އެނގޭތީ....މިވާހަކަ އިވުމުން މަނިކުފާނު އަހަންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ދަހިވެތި އަންހެނެކޭ ބުންޏަސް އެތައުރީފަށް ހިތުން ރުހުމުން ޝުކުރުވެރިވާނަން...ސަބަބަކީ އެއީ ތެދުކަމަށްވާތީ....އީމާންތެރިކަމާއި ﷲގެ ލޯބިލިބިގަތުމުގަ ޝައުފާއަކީ ދަހިވެތި އަންހެނެއް...އެލަގަބަކާ ދެކޮޅެއް ނުވާނަން...."

އެއީ މީގެ އަހަރުތަކެއް ކުރިން ޝާމިން ވީނުވީ ތަނެއް ނޭނގި ގެއްލިފަ އަނބުރާ އައި ފަހުން އެއްރެއަކު، ބޭރު އުނދޯލީގައި އިނދެ ޝައުފާ ދެއްކި ވާހަކައެކެވެ. އެންމެ ފުރަތަމަ ޝައުފާއާ ބައްދަލުވެ އެކަކު އަނެކަކަށް އެނގެން ފެށިފަހުން ޝާމިނަށް ވިސްނުނީ ޝައުފާއަކީ ފެންނަ ފެނުމުގަ، ބޭރުފުށުން މާބޮޑަށް އިސްލާމްދީނަށް ތަބާވާ އީމާންތެރި އަންހެނެއްކަމުގެ ދެއްކުންތެރި ސިފަތަކެއް ނެތަސް، އިންތިހާއަށް ދީންވެރި އަންހެނެއްކަމެވެ. އެންމެ ފުރަތަމަވެސް ޝާމިނަށް ފާހަގަ ކުރެވުނީ ކޮންމެ ކަމެއްގައި ކޮންމެ ހާލެއްގައި، ކިތަންމެ ބުރަކޮށް އުޅުނަސް ޝައުފާ ނަމާދު ގަޑިއަށް ކުރުމުގަ ސާބިތުވާކަމެވެ. ބައެއް ފަހަރު އޮފީހުގައި ނުވަތަ އެހެންވެސް މުހިންމު ކަމެއްގައި އުޅުމުގެ ތެރޭގައި ބަންގި ގޮވުމާއެކު ނަމާދަށް ނޭރުނިއްޔާ، އެންމެ އަވަހަށް އެކުރާ ކަމަކުން މިންޖުވެވުނުހާ އަވަހަށް އެންމެ ފުރަތަމަ ކުރާ ކަމަކީ ނަމާދު ކުރުންކަން ޝާމިނަށް ފާހަގަވީ އެތައް ވަރަކަށް އެކަން ސިއްރުވެސް ކުރަނިކޮށެވެ.

ކިތަންމެ ދުވަހަކު ޝައުފާ އާއި ނުގުޅިގެން ފޯނު ނުނަގައިގެން ސުވާލު ކުރުމުން ޝައުފާ ދޭ އަރަތެއް ކަހަލަ ޖަވާބު ވިސްނާވިސްނާ ޝާމިން ހާސްވާވަރުވި ވަގުތުތައްވެސް ވޭތުވެއްޖެއެވެ. "ޑީޖޭ ޖައްސާ ގަޑީގަ ފޯނެއް ނުނެގޭނެ.."، "ޑިސްކޯގަ ހުންނަ ގަޑީގަ ޒެލޯއިން ގޮވިޔަސް ޖަވާބެއް ނުދެވޭނެ..."، "އުހުހޫ...ޝާމިނ..ކިތަންމެ ދުވަހަކު ބުނެފިން ތިސުވާލު ނުކުރާށޭ..އެއީ މަގޭ އަމިއްލަ ގަޑި...އެގަޑީގަ އެއްވެސް އެހެން ކަމެއް އަހަންނަކަށް މުހިންމެއް ނުވާނެ..."،"ޝާމިންގެ ނަން އަންނާނީ ދެވަނައަށް...ތިއީ އަހަރެން އެންމެ ލޯބިވާ އިންސާނާކަން ގައިމު..އެކަމަކު އަހަރެންގެ ފުރަތަމަ ލޯތްބަކީ ޝާމިނެއް ނޫން...އެލޯބި އެހެން ހުރިހާ ލޯތްބަކަށްވުރެ ހާއްސަ ވާނެ..ޝާމިންދެކެ ލޯބިވެވެނީވެސް އެލޯބީގެ ސަބަބުން..." ޝާމިން އިންޑިޔާގެ ޑިޓޮކްސްއިން އައިސް، ޝައުފާއާއި ގުޅުން ބަދަހިވެ އެދެމެދުގައި ލޯބީގެ ފާލަމެއް އެޅިގެން ދިޔައިރުވެސް ޝާމިނަށް އޮތީ ޝައުފާގެ 'އެލޯބީގެ'ސިއްރު ވަންހަނާ ވެފައެވެ. އެހެންނަމަވެސް މާބޮޑަށް އެކަމާހެދި އޭނާ ކަންބޮޑުވާން ފެށުމުން ޒިމްނާއާއި ސުވާލުކުރީ ޝައުފާ އެހާ ލޯބިން ވަގުތު ހުސްކުރަނީ ކާކުތޯ ދެނެގަތުން އޭނާއަށް ވަރަށް މުހިންމު ވުމުންނެވެ. ކޮންމެ ގޮތެއްވިޔަސް ޝައުފާ އަމިއްލަ ދުލުން ނުބުނާ އެސިއްރު ނޭނގި އޭނާއަކަށް ޝައުފާއާއި ކައިވެންޏެއް ނުކުރެވޭނެތާއެވެ.

ޒިމްނާ ހައިރާންވެފައި ޖަވާބު ދިނީ ޝައުފާގެ އެއްވެސް ހާއްސަ މީހަކު ޝާމިން ނޫނީ ނުހުންނާނެ ކަމަށެވެ. އެތައް ވާހަކައެއް ކިޔައިދިނުމަށްފަހު 'ޑިސްކޯ، ޑީޖޭ.." މިދެނަން އިވުމާއެކު ޒިމްނާ ބާރަށް ހޭންފެށިއެވެ.

"ކަމަނާއަށް ކައުޘަރު ކިޔަން ނިންމީ ހަމަ އަސްލުވެސް އެނަމާއި ކަމަނާއާ ގުޅޭތީ...ކަމަނާގެ ފަސްޓްލަވް، ފޯރއެވަރ ލަވް، ޑާންސިންގ ޓައިމް..ޑީޖޭ..ޑިސްކޯ...ގެ ސިއްރު ކިޔައިދިން އިރު ޒިމޫ ހެމުންހެމުން ގޮސް ވަރުބަލިވެފަ ހުންނާނީ.." ޝައުފާގެ އިސްތަށިގަނޑުގައި އިނގިލިތަކުން އަތް ފުނާއަޅަމުން ޝާމިން އޭރުގެ އެހަނދާން އާކޮށްލިއެވެ. ޒިމްނާ ހެމުންހެމުން ގޮސް ބިމަށް ތިރިވަމުން ޝައުފާގެ ފަސްޓްލަވްއާ ބެހޭ ގޮތުން ކިޔައިދިނުމުން އޭނާއަށް އަމިއްލަ ނަސިބާމެދު ފަހުރުވެރިވެވުނެވެ. "ސާބަހޭ މިހިރަ މޮޔަ ފިރިހެނެއްތާދޯ....ޑީޖޭ..ޑިސްކޯ...ނެށުން...މީހުން އަމިއްލަ ކޮޓަރީގަ ރެއާދުވާލު ކަނޑައެޅޭ ފަސްވަގުތު ނަށާތަ..! ފަސްވަގުތު ބަރާބަރަށް ޑިސްކޯއަށް ދަނީ ކާކު...! އަޅޭ މަގޭ މޮޔަ އެކުވެރިޔާ...ޝައުފާ އެޑިސްކޯގަޑީގަ ހުންނާނީ މުސައްލަ މަތީގަ...އެއީ އޭނަ ނަމާދު ކުރާ ގަޑި....ސުކޫލުގަ އުޅުނުއިރު ޝައު ބަރާބަރަށް ނަމާދު ކުރާތީވެ ސުކޫލުގެ ތެރެއިން ޝައުއާ ދިމާކުރަން ފެށީ...ނަމާދަށޭ ބުނެފިއްޔާ އަޅުވެރިކަނބުލޭގެ ކިޔާ ދިމާކުރާނެ...އެންމެ ފަހުން ޝައު އެގޮތަށް ނިންމީ...އޭގެ ފަހުން އެހެން ކިޔަން ފެށީ..."

"އެދުވަހު ހަގީގަތުގައިވެސް ޝުކުރުގެ ސަޖިދައެއް ޖެހުނު...ފުރަތަމަ ފަހަރަށް ﷲތައާލާގެ އޯގާވަންތަވެރިކަމުގެ އިހުސާސް ކުރެވުނު...އެދަރުބާރުގަ އިނުމުން ލިބޭ ހިތްހަމަޖެހުމާއި ރޫހާނީއަރާމު ބުނެދޭކަށް ނޭނގޭ....އޭގެ ކުރިން ފައިދާއެއް ނެތް ގެއްލުމާއި ހަލާކު ހުރި މަސްތުވާއެއްޗަކުން އަހަރެން އަމަލުވަމުން އަރާމު ހޯދަމުން އައީ...އެކަމަކު އެދުވަހު އިހުސާސް ކުރެވުނީ ހަގީގީ ހިތްހަމަޖެހުމާއި އަރާމު ލިބެނީ ކަލާނގެ ހަނދުމަ ކުރުމުންކަން...."

ޝައުފާގެ ނިއްކުރީގައި ބޮސްދެމުން ޝާމިން ހިތުގެ ފުންމިނުން އޭނާގެ ވެރިރަސްކަލާނގެއަށް ޝުކުރުވެރިވިއެވެ. މިއަންހެން މީހާ ސަބަބެއް ކަމުގައި އޭނާއަށް ދެއްވި ކަލާނގެ އޯގާވަންތަވެރިކަމުގެ ބޮޑުކަމާއެވެ. އޭނާ ކަހަލަ ގެއްލިހަލާކުވަމުން ދިޔަ ނިކަމެތި ޔަތީމެއްގެ ބޯމައްޗަށް އެކަލާނގެ ހިޔާ އެޅުއްވީ ކޮންފަދަ މަތިވެރި ނިއުމަތަކުން ހެއްޔެވެ. އާއެކެވެ. އޭނާއަށް މިއަންހެންމީހާގެ ލޯތްބާއި ހިދުމަތްތެރިކަން ހިބަކޮށް ދެއްވީތީ، ހަޔާތުން ވޭތުވާ ކޮންމެ ހިނދުކޮޅަކު އެކަލާނގެއަށް ހިތުގެ އަޑިން ފަށްފަށުން އޭނާ ޝުކުރުވެރިވެއެވެ. ދުނިޔެމަތިން އޭނާއަށް ހުރިހާ އެއްޗެއް ލިބިފައިވާ ކަހަލައެވެ. ބައްޕަގެ ހެޔޮހަޔާތުގަ ބައްޕަ ދެއްވި ނަސޭހަތުގެ އަސްލު ހަގީގީ މާނައާއި ތެދު މިހާރު އޭނާއަށް އިހުސާސް ކުރެވެއެވެ.

"ދަރިފުޅުމެނޭ...ތީ ފިރިހެން ދަރީން...ތިކުދިންގެ ހަޔާތަށް މަގުދައްކަން އަންނަ އަންހެނަކީ ޝަރުތު ފުރިހަމަ އަންހެނެއްތޯ ދެނެގަންނާތި...އަންހެނުންނަކީ ފިތުނައަކަށްވީ ގޮތަށް އެއީ ނިއުމަތެއްވެސްމެ...ހެޔޮލަފާ އަންހެނަކު ލިބިއްޖެ ފިރިހެނަކު ކާމިޔާބު ވެއްޖެކަން ޔަގީން..." އެއީ ރަމަޟާން މަހެއްގެ ދިހަވަނަ ދުވަހުގެ ހަވީރުގަޑިއެއްގަ ދެކެވުނު ވާހަކައެކެވެ. ހުރިހާ ކުދިން ގޮވައިގެން ޓީވީއެމް އިން ދައްކަމުންދިޔަ 'މުހައްމަދުއްރަސޫލުﷲ' ބަލަން އިން ބައްޕަގެ އުނގުގައި އިން ޝާމިންގެ އުމުރުން އޭރު އޮތީ އަށެއްކަ އަހަރަށް އަޅައިގެންފައެވެ. ބޮޑު ފަތްޖެހި ދިގު ގޮޑީގަ، އަންހެން ކުދިން ގޮވައިގެން އިން މަންމަ ބައްޕަގެ އެވާހަކައަށް ހިނިތުންވެލި ފަހުރުވެރި ގޮތް އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ. އެހިނިތުންވުމުގެ މާނަ އެދުވަހު އޭނާއަށް ނުވިސްނެއެވެ. އެހެންނަމަވެސް އުމުރުން ދޮށިވަމުން އައި ވަރަކަށް އޭނާއަށް ވިސްނެމުން އައީ ބައްޕަގެ ދިގުދެމި މަރާއިހަމައަށްވެސް ވަކިނުވި ކައިވެންޏަކީ މަންމަގެ ކައިވެނިކަމާއި އޭގެ ސިއްރަކީ ފެންނަ ފެނުމުގަ ޒީލަގަދަ މަންމަގެ ފޮރުވިފަ މީހުންނަށް ނުފެންނަ ފުށުގެ އީމާންތެރިކަމާއި ސީދާތެދު އަގީދާކަމެވެ. އެދުވަހު ޓީވީއިން ދައްކަމުން ދިޔަ ބައިގަ، އިބްރާހީމްއަލައިހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލް އަލައިހިއްސަލާމުގެ ގެކޮޅަށް ޒިޔާރަތް ކުރެއްވިއެވެ. ގޭގައި އިން އިސްމާއިލް އަލައިހިއްސަލާމުގެ އަނބިކަމަނާ މެދުވެރިކޮށް ދަރިކަލުންނަށް އެކަލޭގެފާނު މެސެޖެއް ދެއްވިއެވެ. "ގޭގެ ވެރިމީހާ އައުމުން ސަލާމް ބުނެދޭތި. އަދި ގޭގެ އޮޅިގަނޑު ބަދަލުކުރާށޭ ބުނެދޭތި..." އަދި އަނެއްކާވެސް އެހެން ދުވަހެއްގައި އާދެއެވެ. އެދުވަހު ގެއިން ބައްދަލުވާ އަނބިކަމަނާ ތަފާތެވެ. ކުރީ ދުވަހާ ހިލާފަށް ރަނގަޅު އުފާވެރި މެހެމާންދާރީއެއް އެއަނބިކަމަނާ އަދާކުރެއެވެ. އިބްރާހީމް އަލައިހިއްސަލާމް އުފާފުޅުން ގެއިން ދުރުވަމުން ދަރިކަލުންނަށް މެސެޖެއް ދެއްވައެވެ. "ގޭގެ ވެރިމީހާ އައުމުން ސަލާން ބުނެދޭތި...އަދި ގޭގެ އޮޅިގަނޑު ދަމަހައްޓާށޭ ބުނެދޭތި..." މިމަންޒަރާއި ވާހަކައަށް ސަމާލުވެގެން އިން ކުޑަކުޑަ ޝާމިން އަނގަ ގަދަކުރީ ނޭނގޭ އެއްޗެހި ދެނެގަތުމުގެ އާދަ ހުންނާތީވެއެވެ.

"ޑެޑީ...ޑެޑީ...ގޭގެ އޮޅިގަނޑަކީ ކޯޗެއް..؟ ކީއްވެ ބަދަލު ކުރަން އެބުނަނީ...ގޭގެ ދޮރުން ވަންނައިރު އޮންނަ ތަނެއްނު އެއީ...އެތަން ހަލާކުވެފައި ހުރީދޯ...؟"

ބައްޕަ ލޯތްބާއެކު އޭނާގެ މައުސޫމިއްޔަތުކަމަށް ހީނލެއްވިއެވެ. އަދި ދެން ދެއްވި ނަސޭހަތުގެ މާނަ އޭނާއަށް ވިސްނުނީ ޝައުފާއާއި ބައްދަލުވެ ޔުއާނާ ދެކެ ވެވުނު އާވާރާ މޮޔަ ޝައިތާނީވަސްވާސް ލޯތްބާއި ޝައުފާދެކެ ވެވުނު ސާފުސީދާ ތޯހިރު މާތް ލޯބި އަޅާ ކިޔާލެވުމުންނެވެ. "އަނތްބަކު ހިޔާރު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ތިންކަމެއް އޮންނާނެ...ބަލާލަން ރީތިތޯ...މުއްސަނދިތޯ...އަދި ދީންވެރިތޯ...މީގެއިން ވެސް ދީންވެރި އީމާންތެރިއަންހެން ކުއްޖަކު ލިބުމުން ބާކީ އަނެއް ދެކަންތައްވެސް ފުރިހަމަވާނެ. އީމާންތެރިޔާގެ ހިތާއި ނަފުސު ރީތިވާނެ އަދި އޭނާގެ ހެޔޮލަފަ އަމަލުތަކުގެ ސަބަބުން އިސާހިތަކު މުއްސަނދިވެދާނެ...."

ބައްޕަގެ ހަނދާން އާވުމުން ޝާމިންގެ އެސްފިޔަތައް ތެމުނެވެ.

"މިހިސާބަށް ހަޔާތުގެ ކާމިޔާބާއި އުފާވެރިކަން އައިއިރު...އެންމެ އިންސާނަކު މަދުކަމުގެ ފަޅުކަން ހިތަށް އަރާތީ ކަންބޮޑުވަނީ...ނަމައަކީ ޝިރުކުބަހެއްކަން އެނގޭ...އެކަމަކު ބައްޕަ ހުންނެވިނަމައޭ ހިތަށް އެރުމެއް ނުހުއްޓުވުނު..." ޝާމިން އޭނާގެ ލޮލަށް ޖަމާވި ކަރުނަތިކިތައް ހިންދާލަމުން ވާހަކަ ދެއްކިއެވެ. "ޔުއާނާގެ ސަބަބުން އަހަރެން ފާފަވެރިއަކަށްވީ...އޭނަ މީހެއްގެ އަނތްބެއްގެ ގޮތުގައި އިނދެވެސް އަހަރެން އެއަށްވުރެ ހުތުރު ފާފަވެރިއަކަށް ހެދި...ކަމަނާއާއި ބައްދަލުވެ އެކުގައި އެއްވެސް ހުރަހެއް ނެތި ނުހަނު މިނިވަންކަމާއެކު އުޅުނުއިރުވެސް ކަމަނާ ހުރީ ހައްދެއްގެ ތެރޭގައި...ހުދޫދުން ބޭރު ނުވަމު...އަދި އެއްވެސް އެދުމެއް ނެތް ލޯތްބެއް އަހަރެންގެ ހިތުގައި ދިރުވުމުގައި ކާމިޔާބުވީމު...ތިފަދަ އަންހެނަކު ލިބޭނީ ހަގީގަތުގައިވެސް ވަރަށް ބޮޑު ނަސީބުވެރިއަކަށް..."

ޝައުފާ އޭނާގެ އުނަގަނޑު ދަމާލިއެވެ. އެހެން އޮންނަތާ މިހާރު ފުދޭވަރަކަށް އިރުވެއްޖެއެވެ. އެހެންކަމުން އޭނާގެ އުނަގަނޑުގައި ރިއްސާ ކަހަލަ ގޮތެއް ވާން ފަށައިފިއެވެ. ޝާމިންގެ ކޮނޑުގައި ދެއަތުން ހިފަމުން އޭނާ، ޝާމިންގެ އުނގުގައި އޮތް ބޯ ތެދުކޮށްލިއެވެ. އަދި ވަރުދެރަވެފައިވާ ދެފައި ކުޑަކޮށް ދެފަރާތަކަސް ހަރަކާތްކޮށްލަމުން އުނަގަނޑުގައި އަތް އަޅާލިއެވެ.

"ތަދުވަނީ...؟!" ޝާމިން އަހާލިއެވެ. އަދި އަވަހަށް އެނދުގެ ބޯލާކޮޅުގައި ހުރި ބާލީސްތައް ތަރުތީބުކޮށްލުމަށްފަހު ޝައުފާ ބޭއްވިއެވެ.

"ކުޑަކޮށް އަރާމުކޮށްލަންވީނު...މިހާރު ޒިމޫ އަންނާނެ...ލަސްވީ ކުދިންގެ ކަމަކާ ޖެހުނީކަންނޭނގޭ...އަހަރެން އަންނަންތަ ކާނެ އެއްޗެއް ހިފައިގެން...!"

"ހޫހޫ....މާތްކަލާކޯ...،މަމިހިރީ އައިހޭ....ބަދިގެއަށް ދިޔައިރު ސާހިބުޒާދާގެ މިނިސްޓަރު އެމެބެސެޑާ ދައްތާފުޅު ފޮނުވައިގެން ގަނޑުވަރުން ކަނީޒަކު އައިސްހުރި ދޮރުމަތީގަ ގަބުއަރާފަ...ކިހިނެއްވީ މަންޖެއެއްތޯ އެހުމުން ދޮންދީދީ ދެއްވި ވެދުމެކޭ ކިޔާފައި ފާޑެއްގެ ސަރުބަތު ޖަގެއް ދިއްކޮށްފަ....އެއީ ޒަމްޒަމްފެނުން ހަދާފަ ހުރި ބުއިމެކޭ އަދި އެހެން ފުޅިއެއްވެސް ދިން...ޒަމްޒަމް ފެނޭ ކިޔާފަ....އެތަކެތި ހޯދާފަ ޝުކުރިއްޔާއޭ ބުނެވުނުކަމެއް ނޭނގޭ...ނަގޫޖެހިތާ ބޯޖަހާފައި އެކަނބުލޭގެ ދުވެހިނގައްޖެ...ސަރުބަތު ޖަގުން ތަށްޓެއް އަޅާ ތައްޔާރުކޮށްގެން މިއައީ...މިހިރީ އެބުނި ފެންފުޅި...މީ އަސްލު ޒަމްޒަމް ފެނޭދޯ...!"

ކޮޓަރިއަށް ވަދެ، ހިފައިގެން އައި ވަށްބޮޑު ތަބައް، ކުޑަމޭޒު ދަމާފައި އެނދާ ކައިރިއަށް ގެނެސް މޭޒުމަތީގައި ބަހައްޓަމުން ޒިމްނާ ހުރިހާ ވާހަކަ އެއްނޭވާއިން ބުނެނިންމާލިއެވެ. ޒިމްނާގެ ހަލުވި ދުލާއި ސަމާސާ ބަސްމަގު ފެނިފައި ދެމަފިރިންނަށްމެ އެއްފަހަރާ ހީނގަނެވުނެވެ.