ކުޅިވަރު

ފަޒީލަށް ފުރަތަމަ ބައިނަލްއަގުވާމީ ރަން މެޑަލް، ޖައިޝާއަށް ގައުމީ ރެކޯޑެއް

ޔޫއޭއީގައި ބޭއްވި ރަސް އަލް ހައިމާ ހާފް މެރަތަންގެ އިންޑިވިޖުއަލް ރޭހުގައި ދުވެ، ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ ހުސެއިން ފަޒީލް ހާރޫން (ފްލެޝް) ރަން މެޑަލް ހޯދި އިރު، ހުނަރުވެރި އަންހެން ދުވުންތެރިޔާ އައިމިނަތު ޖައިޝާ ޖުނީޒް ގައުމީ ފަސް ކިލޯމީޓަރު ރެކޯޑު އާކޮށް، އޭނާ ދުވި ރޭހުގެ ދެވަނަ ހޯދައިފިއެވެ.

ޖައިޝާ ރާއްޖޭގެ އަންހެން ފަސް ކިލޯމީޓަރު ރެކޯޑް މުގުރާލީ އިއްޔެގެ ރޭސް 20 މިނެޓު 25 ސިކުންތުން ނިންމައިގެންނެވެ. ޖައިޝާ ވަނީ އޭނާ ވާދަކުރި ކެޓަގަރީން ރިހި މެޑަލް ހޯދައިފައެވެ. ޖައިޝާ އިއްޔެ މުގުރާލި ރެކޯޑުގެ ކުރިން އޮތީ އައިޝަތު ޖިނާނީ އިބްރާހިމް އަތުގައެވެ. އޭނާ ރެކޯޑު ހަދާފައި އޮތީ 2020 ވަަނަ އަހަރު ރަސް އަލް ހައިމާ ހާފް މެރަތަން މުބާރާތުގައި 20 މިނެޓު 34 ސިކުންތުން ފަސް ކިލޯމީޓަރު ރޭސް ނިންމައިގެންނެވެ.

އުމުރުން 21 އަހަރުގެ ޖައިޝާ އަތުގައި މި ވަގުތު ދުވުމުގެ އިތުރު ގައުމީ ދެ ރެކޯޑް އެބަ އޮތެވެ. އެއީ 1500 މީޓަރާއި 3000 މީޓަރުގެ ދުވުމުގެ ރެކޯޑެވެ. އޭނާ އެ ރެކޯޑުތައް ހެދީ މިދިޔަ ޑިސެމްބަރު މަހު ބޭއްވި ގައުމީީ ގްރޯންޑް ޕްރީ މުބާރާތުގައެވެ.

ރާއްޖޭގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއީލްގެ ކޯޗުކަމުގެ ދަށުން ތަމްރީނު ވަމުން އަންނަ ފަޒީލް މިއަދުގެ ފަސް ކިލޯމީޓަރު ރޭހުގެ ފިރިހެން ބައިން ރަން މެޑަލް ހޯދީ، އެ ކެޓަގަރީގައި ދުވެ، 16 މިނެޓު 32 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރާއްޖޭގެ ގިނަ ދުވުންތެރިން ދުވުނު މި ރޭހުގައި ހުސެއިން ރިޒާވެސް ވާދަކުރިއެވެ. އޭނާ 17 މިނެޓު 18 ސިކުންތުން ރޭސް ނިންމި އިރު، ނިންމާލީ ތިން ވަނައިގައެވެ.

މިއަހަރުގެ ރަސް އަލް ހައިމާ ހާފް މެރަތަންގައި ރާއްޖޭގެ ދުވުންތެރިޔާ މަރިޔަމް އަބްދުލް ކަރީމް (މަރީ) ވަނީ ހާފް މެރަތަން ފުރިހަމަ ކޮށްފައެވެ. މަރީ ހާފް މެރަތަން ފުރިހަމަ ކުރީ އެއް ގަޑިއިރާއި 30 މިނެޓު 46 ސިކުންތުންނެވެ. އެއީ އަންހެނުންގެ ހާފް މެރަތަންގެ ގައުމީ ރެކޯޑެވެ. މީގެ ކުރިންވެސް މި ރެކޯޑް ދަމަހައްޓަމުން އަންނަނީ ތަޖުރިބާކާރު ދުވުންތެރިޔާ މަރީއެވެ.

މިއަދުގެ ހާފް މެރަތަން އިވެންޓުގައި ރާއްޖޭގެ ފަސްޓް ލޭޑާ މެޑަމް ފަޒުނާ އިބްރާހީމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މެޑަމް ފަޒުނާ ހާފް މެރަތަން ނިންމެވީ ދެ ގަޑިއިރާ 14 މިނެޓުންނެވެ.