ޚަބަރު

އޯޕަން ހާޓް ސާޖަރީއަކާ ނުލައި ހިތުގެ މައި ލޭނާރު ބަދަލުކޮށްލާ އޮޕަރޭޝަނެއް އޭޑީކޭގައި

ރިފާ ހަލީލު

އޯޕަން ހާޓް ސާޖަރީ ހަދަން ނުޖެހި ހިތުގެ މައި ލޭނާރު ބަދަލުކޮށްލައިގެން، އުމުރުން ދުވަސްވީ މީހެއްގެ ހިތުގެ އޮޕަރޭޝަނެއް އޭޑީކޭއިން ކާމިޔާބުކަމާއެކު ކޮށްފިއެވެ.

މިއީ މިފަދަ އޮޕަރޭޝަނެއް އޭޑީކޭ އިން ކުރި ފުރަތަމަ ފަހަރެވެ.

އެ އޮޕަރޭޝަނާ ގުޅޭގޮތުން އޭޑީކޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޓްރާންސް އޯރެޓިކް ވެލްވް އިމްޕްލާންޓޭޝަން (ޓަވީ) ޕްރޮސީޖާ ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށާއި އެ އޮޕަރޭޝަން ކޮށްފައިވަނީ އުމުރުން 81 އަހަރުގެ ހިތުގެ ބަލި ހުންނަ މީހެއް ކަމަށެވެ. އަދި އެއީ ފަރުވާތެރިކަމާއެކު ބެލުމަށްފަހު އެ އޮޕަރޭޝަނަށް ހޮވައިލެވުނު ޕޭޝަންޓެއް ކަމަށް އޭޑީކޭ އިން ބުންޏެވެ.

އެ އޮޕަރޭޝަނަކީ ހިތުގެ ލޭ ފޮނުވާ މައި ލޭނާރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އާޓިފިޝަލް އެތިކޮޅެއް ލެއްވުމަށް ކުރާ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ފުރަތަމަ ވަޔަރެއް ލެއްވުމަށްފަހު އޭގެން ހަމެއް ލައްވާފައި، އޭގެން ވައި ދޫކޮށްލުމަށްފަހު ވަޔަރުގެ ތެރެއިން އެ އެތިކޮޅު ލައްވައެވެ.

އާންމުކޮށް އެ އޮރޭޝަން ކުރަނީ ހިތަށް ލޭ ފޮނުވައިދޭ މައި ނާރު، އަޔޯޓާގައި އިންނަ ސްޓެނޮސިސް ވޭލްވް ހުޅުވެން ޖެހޭ ވަރަށްވުރެ ބޮޑަށް ނުހުޅުވޭތީ، އޯޕަން ހާޓް ސާޖަރީ ކުރުމަށް ނުރައްކާ އޮތުމުންނެވެ.