މަރުވުމުގެ ކުރިން ފިލްމީ ތަރި ރަޖީވް ކަޕޫރު ކުޅުނު އެންމެ ފަހު ފިލްމު ''ޓޫލްސިޑާސް ޖޫނިއާ'' އަންނަ މަހު ރިލީސްކުރަން ނިންމައިފިއެވެ.

އުމުރުން 58 އަހަރުގައި ރަޖީވް ކަޕޫރު މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން މިދިޔަ އަހަރުގެ ފެބްރުއަރީމަހު ކުއްލިގޮތަކަށެވެ.

1980ގެ އަހަރުތަކުގައި އެކްޓުކުރަމުން އައިސްފައިވާ ރަޖީވް ކަޕޫރު އެންމެ ފަހުން ކުޅުނު ''ޓޫލްސިޑާސް ޖޫނިއާ''ގައި ރަޖީވްގެ އިތުރުން ސަންޖޭ ދަތު ފެނިގެން ދާނެއެވެ. މި ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ މާޗް މަހުގެ 4 ވަނަ ދުވަހުގައިކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ވަނީ އިއްޔެ އިއުލާނުކޮށްފައެވެ.

ކަޕޫރު އާއިލާއަށް ނިސްބަތްވާ ރަޖީވްގެ އެންމެ ފަހުގެ ފިލްމު ރިލީސްވާން ތައްޔާރުވެފައިވާއިރު މި ފިލްމު ވަނީ ކަޕޫރު އާއިލާގެ މެމްބަރުންނަށް ބުރާސްފަތި ދުވަހު ދައްކައިލައިފައެވެ. އާއިލާއަށް އެކަނި ހާއްސަކޮށްގެން ދެއްކި މިފިލްމު ބެލުމަށް ރަންބީރު ކަޕޫރު، ނީޓޫ ކަޕޫރު، ރަންދީރު ކަޕޫރު، އާދަރު ޖެއިން، އަރްމާން ޖެއިން، ރިމާ ޖެއިން ގެ އިތުރުންވެސް އާއިލާގެ ގިނަބަޔަކު ވަނީ ބައިވެރިވެފައެވެ.

އަޝުތޯޝް ގޮވަރިކަރް އަދި ޓީ-ސީރީސް ޕްރޮޑަކްޝަންސް ގުޅިގެން އުފެއްދި މި ފިލްމުގައި ސަންޖޭ ދަތު އަދި ރަޖީވް ކަޕޫރުގެ އިތުރުން ކުޑަކުއްޖެއްގެ ރޯލުން ވަރުން ބުދަދެވްގެ މުހިއްމު ރޯލެއް ފެނިގެންދާނެއެވެ. ފިލްމު ރިލީސްކުރުން އަންނަ މަހުގެ 4 އަށް ކަނޑައަޅާފައިވާއިރު މިިފިލްމު އަމީތާބުގެ ކުރިއަށް އޮތް ފިލްމު ''ޖުންދު'' އާއި ތިއޭޓަރުތަކުގައި ކުރިމަތިލާންޖެހޭނެއެވެ.