މިދިޔަ 24 ގަޑިއިރު ތެރޭ 607 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 163،581 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 15،368 މީހުން ކަމަށެވެ. އަދި ހޮސްޕިޓަލުތަކުގައި 28 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.

މާލެ އާއި އަތޮޅުތެރެއިންނާއި ރިސޯޓްތަކުން ޕޮޒިޓިވްވާ އަދަދު ކޮންމެ ރެއަކު އެޗްޕީއޭއިން އާންމު ކުރެއެވެ. ނަމަވެސް މިރޭ އެމައުލޫމާތުތައް އާންމުކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 743 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު ވަނީ 147،910 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 290 މީހަކު ވަނީ މަރުވެފައެވެ. އެއީ 271 ދިވެހީންނާއި 19 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.