ޚަބަރު

ސޯޝަލް ހައުސިންގެ ފްލެޓުތައް ކުއްޔަށް ދެވޭނީ ހުއްދަ ނަގައިގެން، މުޅި ފްލެޓް އެއްކޮށް ކުއްޔަކަށް ނުދެވޭނެ

މުހައްމަދު އިޝާން

ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި ފުލެޓުތައް ފަދަ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާބެހޭ ގަވާއިދެއް އެކުލަވާލައި ގެޒެޓުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ރޭ ޝާއިއުކުރި އެގަވާއިދުގައިވާ ގޮތުން ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކާއި ރޯހައުސްތަކާއި ގޯތި ފަދަ ތަންތަން ކުއްޔަށް ދެވޭނީ އެ މަޝްރޫއު ހިންގި އިދާރާއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން އެ އިދާރާއެއްގެ ހުއްދަ ލިބިގެން ކަމަށެވެ. ނަމަވެސް އިޖުތިމާއީ ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓްތަކާއި ރޯހައުސްތަކާއި ގޯތި ފަދަ ތަންތަން މުޅިތަން އެއްކޮށް ކުއްޔަކަށް ދިނުން މަނާވާނެއެވެ.

ގަވާއިދުގައި ބުނެފައިވަނީ ހައުސިން މަޝްރޫއުތަކުގެ ދަށުން ރޯހައުސްތަކާއި ފުލެޓުތަކާއި ގޯތި ފަދަ ތަންތަން ކުއްޔަށް ދެވޭނީ ފަސް އަހަރަށް ކަމަށެވެ. އެ މުއްދަތު ހަމަވުމުން އެތަނެއް ކުއްޔަށް ދެވޭނީ އެ މަޝްރޫއު ހިންގި އިދާރާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަލުން ހުއްދަ ނަގައިގެންނެވެ.

ރޯހައުސްތަކާއި ފުލެޓުތަކާއި ގޯތި ފަދަ ތަންތަން ކުއްޔަށް ދެވޭނީ އެތަނަކީ އިޖުތިމާއީ ހައުސިން މަޝްރޫއުތަކުގެ ދަށުން ލިބިފައިވާ ތަނެއް ކަމުގައިވާނަމަ ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.

އެ ގަވާއިދަށް އަމަލުރަން ފަށާއިރު އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކޮށްފައިވާ ފުލެޓްތަކާއި ރޯހައުސްތަކާއި ގޯތި ފަދަ ތަންތަނުގެ ތެރެއިން އެއްކޮށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުވާނެއެވެ.

ފުލެޓްތަކާއި ރޯހައުސްތަކާއި ގޯތި ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު އެކަމާ ބެހޭ ލިޔެކިޔުންތަކާއި އެ މަޝްރޫއެއް ހިންގި ފަރާތުން އެތަނެއް ކުއްޔަށް ދިނުމަށް އިއުތިރާޒު ނުކުރާކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.

ހައުސިން މަޝްރޫއަކުން ލިބިފައިވާ ފްލެޓެއް، ރޯހައުސްއެއް ނުވަތަ ގޯއްޗެއް ގަވާއިދާ ހިލާފަށް ނުވަތަ ގާނޫނާއި ގާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފަށް ކުއްޔަށް ދީފައިވާ މައްސަލައެއް ކައުންސިލަށް ރިޕޯޓުކޮށްފިނަމަ ނުވަތަ އެފަދަ ކަމެއް ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގި އިދާރާއަށް އެ ކައުންސިލަކުން އަންގަން ޖެހޭނެއެވެ. އަދި އެކަމެއް ބަލައި ފިޔަވަޅު އެޅުމަކީ ކައުންސިލްގެ ޒިންމާ އެކެވެ.

މި ގަވާއިދު އެކުލަވާލާފައި މިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައި ހުރި ހިޔާ ފްލެޓްތައް ބައެއް ފަރާތްތަކުން ކުއްޔަށް ދޫކޮށްފައިވަނިކޮށެވެ. އަދި ބައެއް ފަރާތްތަކުން މިހާރުވެސް އެތަންތަން ކުއްޔަން ދޫކުރަން ވަނީ އިއުލާންކޮށްފައެވެ.

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނުގެ ދަށުން ރޭ ދަންވަރު އާންމުކޮށްފައިވާ އެ ގަވާއިދަށް މިއަދުން ފެށިގެން އަމަލު ކުރާނެއެވެ.